ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް
8 އޯގަސްޓު 2026 | ހޮނިހިރު 06:14މި މައްސަލައިގައި ކޯޓުން ނިންމި ނިންމުމަށް ނުރުހުން ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ގައުމުގެ އެންމެ މުހިންމު ބިނާގެ ތަރައްޤީ އަށް ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް. އަދި މި ނިންމުމުގެ ސަބަބުން ޤައުމީ ސަލާމަތަށް ބުރޫ އަރާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކޯޓުގެ އަމުރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އަލަށް އިމާރާތް ކުރުމަށް ނިންމާފައިވާ ބޯލްރޫމްގެ މަސައްކަތް ހުއްޓާލުމަށް ކޯޓުން ކުރި އަމުރާ ގުޅިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުންވެވަޑައިގެންފި އެވެ.
އެ އަމުރާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. މި މަޝްރޫއަކީ ވައިޓް ހައުސްގެ ސަލާމަތީ ކަންކަމާއި، ރަސްމީ ބޭނުންތަކަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައި އެވެ.
މި މައްސަލައިގައި ކޯޓުން ނިންމި ނިންމުމަށް ނުރުހުން ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ގައުމުގެ އެންމެ މުހިންމު ބިނާގެ ތަރައްޤީ އަށް ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ޤައުމީ ސަލާމަތަށް ބުރޫ އަރާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކޯޓުގެ އަމުރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.

ކޯޓުގެ އަމުރާ ގުޅިގެން ޓުރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ
ވައިޓް ހައުސްގެ ތެރޭގައި ބޮޑު ބޯލްރޫމެއް ޤާއިމު ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައި ވަނީ، ރަސްމީ ބޮޑެތި ބައްދަލުވުންތަކާއި ހަފުލާތައް ބޭއްވުމަށް މިހާރު ހުރި ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ބޭނުމުގައި އެވެ. ނަމަވެސް، މި މަޝްރޫއާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދި، މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އަމުރު ކޮށްފައި އެވެ.
މި މައްސަލައިގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައި އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތެކެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މިއީ ޤައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ވައިޓް ހައުސްގެ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޚިޔާލު ތަފާތުވުންތައް އުފެދިފައިވެ އެވެ. މިފަހަރުގެ މި ނިންމުމާ އެކު، ޓްރަމްޕްގެ ސަރުކާރާއި ކޯޓުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެން ދާނެ ކަމަށް ބެލެވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން އިތުރު ގާނޫނީ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










