ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި
5 އޯގަސްޓު 2026 | ބުދަ 07:40އެމެރިކާއިން ބްރެޒިލަށް ކަނޑައެޅި އާ ސަފީރަށް ހުއްދަދިނުން އެ ގައުމުން ލަސްކުރާތީ، ބަދަލުހިފުމުގެ ގޮތުން އެމެރިކާގައި ހުންނަވާ ބްރެޒިލްގެ ސަފީރުގެ ވިސާ ޓްރަމްޕް ސަރުކާރުން ބާތިލްކޮށްފި. ބްރެޒިލުން މި ނިންމުން ކުށްވެރިކުރާއިރު، މިއީ އެ ގައުމުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެމެރިކާއިން ގަސްދުގައި ހިންގާ ދުޝްމަން އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި

ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މިހާރުގެ ސަފީރު މާރިއާ ލުއީޒާ ރިބޭރޯ ވިއޮއްޓީ | ގެޓީ އިމޭޖަސް
ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި އެވެ. މިއީ ވޮޝިންގޓަނާއި ބްރެސީލިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެގެން ދިޔަ ކަމެކެވެ.
އެހެން ނަމަވެސް ސަފީރު މާރިއާ ލުއިޒާ ރިބެއިރޯ ވިއޮއްޓީއަކީ އެމެރިކާއަށް ބޭނުންނުވާ ނުވަތަ "ޕާސޯނާ ނޮން-ގްރާޓާ" އެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅާފައެއް ނުވެ އެވެ. އަދި ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، ސަފީރުގެ ވިސާ ބާތިލްކުރުމަކީ އެ ގައުމުން އޭނާ ބޭރުކޮށްލުން ނޫން ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ވިސާ ބާތިލްކުރީ، ބްރެޒިލަށް އެމެރިކާއިން ކަނޑައެޅުމަށް ނިންމާފައިވާ ސަފީރު ޑެނިއަލް ޕެރޭޒަށް، ޑިޕްލޮމެޓިކް ހުއްދަ ނުވަތަ "އެގްރީމަންޓް" ދިނުމަށް ބްރެޒިލުން ލަސްކުރަމުންދާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. މީގެ އިތުރުން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި، އެމެރިކާގެ އޮފިޝަލުންނަށް ވިސާ ދިނުމަށް ބްރެޒިލުން އިންކާރުކުރުން ހިމެނޭކަން ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ސަފީރުކަމަށް ހަމަޖައްސާފައިވާ ޕެރޭޒަށް ބްރެޒިލުން ހުއްދަ ދީފިނަމަ، ސަފީރު ވިއޮއްޓީގެ ވިސާ ވަގުތުން އިއާދަކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ވިސާ ބާތިލްކުރުމުގެ ސަބަބުން ސަފީރުގެ ހައިސިއްޔަތުން އޭނާއަށް ކުރާނެ އަސަރެއް އަދި ސާފެއް ނުވެ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ އެހެން އިސް އޮފިޝަލަކު ވިދާޅުވީ، ވިއޮއްޓީ އެމެރިކާއިން ބޭރަށް ވަޑައިގެންފިނަމަ، އަލުން އެ ގައުމަށް އެތެރެވުމަށް ވިސާއަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބްރެޒިލްގެ ސަރުކާރުން އަންގާރަ ދުވަހު ބުނީ، ވޮޝިންގޓަންގައި ހުންނަވާ ބްރެޒިލްގެ ސަފީރުގެ ވިސާއަށް ބަދަލު ގެނައުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމި ނިންމުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ނިންމުން ނިންމުމަށް އެމެރިކާއިން ދެއްކި ދެ ސަބަބަކީ ވެސް ދޮގު ސަބަބުތަކެއް ކަމަށް ބްރެޒިލުން ބުނެފައިވެ އެވެ.
ބްރެޒިލްގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުގެ ނިންމުމަކީ ވަކިން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި، މިއީ ބްރެޒިލާ ދެކޮޅަށް ގަސްދުގައި ހިންގާ ދުޝްމަން އަމަލުތަކެއްގެ ބައެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމާ ނުބައްދަލު، ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވިސާ ބާތިލްކުރި މި ދަނޑިވަޅަކީ ބްރެޒިލްގެ އޮކްޓޫބަރު މަހުގެ އިންތިޚާބާ ދިމާކޮށް ހިނގި ކަމެކެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސީލްވާއާ ވާދަކުރައްވަނީ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ އެވެ. ފްލާވިއޯ ބޮލްސޮނާރޯ ވަނީ މި އަހަރުގެ ކުރީކޮޅު ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭހެން އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތުމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދެ އޮފިޝަލަކަށް ވިސާ ދިނުމަށް ބްރެޒިލް ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށް ރައީސް ލޫލާ މިދިޔަ މަހު ވިދާޅުވެފައިވެ އެވެ. އަންގާރަ ދުވަހު ބްރެޒިލްގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެސް މި ތުހުމަތުތައް ތަކުރާރުކޮށް ބުނެފައިވަނީ، އެމެރިކާގެ އޮފިޝަލުން ބްރެޒިލަށް ޒިޔާރަތްކުރަން ރޭވީ އެ ގައުމުގެ އިންތިޚާބީ ނިޒާމުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށް ކަމަށެވެ.
ނަމަވެސް ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ، އެ އޮފިޝަލުން ރޭވީ އާންމުކޮށް ކުރާ ފަދަ ރަސްމީ ދަތުރެއް ކަމަށެވެ.
އަދި ބްރެޒިލްގައި ބާއްވާ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކުން އެ ގައުމުގެ ރައްޔިތުން އިޚްތިޔާރުކުރާ ކޮންމެ ސަރުކާރަކަށް ވެސް އެމެރިކާއިން އިހުތިރާމްކުރާނެ ކަމަށް އޮފިޝަލް ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް ބަދަލުހިފުމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮތްކަން އޮފިޝަލް ހާމަކުރެއްވި އެވެ. ނަމަވެސް މިހާރުގެ ނިންމުމަކީ އެމެރިކާއިން ކަނޑައަޅާފައިވާ ގާބިލް ސަފީރަށް ބްރެޒިލުން ވީހާވެސް އަވަހަކަށް ހުއްދަ ދޭންޖެހޭނެ ކަމަށް ގަބޫލުކުރާތީ ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ބްރެޒިލުން ދެމުންދާ އިޝާރާތްތަކަށް ބަލާއިރު، އެ ގައުމުގެ އިންތިޚާބު ނިމެންދެން އެމެރިކާގެ ސަފީރަށް ހުއްދަ ނުދޭނެ ކަމަށް ބެލެވެ އެވެ. މީގެ ސަބަބުން އެމެރިކާގެ ސެނެޓުން ޕެރޭޒްގެ ނަން ފާސްކުރި ނަމަވެސް، އޭނާއަށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ހުރަސް އެޅޭނެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ދެވަނަ އޮފިޝަލް ވިދާޅުވީ، ފާއިތުވި ހަފުތާތަކުގައި ބްރެޒިލް ސަރުކާރާ މެދުނުކެނޑި ވާހަކަދައްކައި، ކަންކަން ރަނގަޅު ކުރުމަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެ ކަމަށެވެ. ނަމަވެސް ބްރެޒިލުން ދިޔައީ ކަންކަން ލަސްކޮށް އޮޅުވާލަމުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމުތަކުން އަތްބޭނުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައެއް ނުގަންނާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ސަފީރުކަމަށް ޕެރޭޒް އައްޔަންކުރުމުގެ މައްސަލަ ސެނެޓަށް ހުށަހެޅީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ. އަދި ޖުލައި މަހުގެ ފަހުކޮޅު ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީން ވަނީ އޭނާގެ ނަން ފާސްކޮށްފަ އެވެ. ޕެރޭޒަކީ ފްލޮރިޑާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރުގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އާންމު އުސޫލެއްގެ ގޮތުން ސަފީރަކު އައްޔަންކުރިކަން އިއުލާނުކުރުމުގެ ކުރިން އެ ގައުމެއްގެ ހުއްދައަށް އެދެންޖެހެ އެވެ. ނަމަވެސް ޕެރޭޒްގެ މައްސަލާގައި އެކަން އެގޮތަށް ހިނގިކަމެއް ސާފެއް ނޫނެވެ. ބްރެޒިލް ސަރުކާރުން އަންގާރަ ދުވަހު ބުނީ، ރަސްމީކޮށް ހުއްދައަށް އެދުމުގެ ކުރިން އެމެރިކާއިން ވަނީ ސަފީރުގެ ނަން އާންމުކޮށް އިއުލާނުކޮށްފައި ކަމަށެވެ.
އަދި ސަފީރަކަށް ހުއްދަ ދިނުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނޯންނާނެ ކަމަށާއި، އެމެރިކާގެ ހުށަހެޅުން އަދިވެސް އޮތީ ދިރާސާކުރުމުގެ މަރުހަލާގައި ކަމަށް ބްރެޒިލުން ބުނެފައިވެ އެވެ.










