ޓްރަމްޕްގެ އެދުމުގެ މަތިން ވައިޓް ހައުސްގަައި ބޭއްވި ޔޫއެފްސީ އަށް 30 މިލިއަން ޑޮލަރުގެ ގެއްލުމެއް
5 އޯގަސްޓު 2026 | ބުދަ 04:24ޔޫއެފްސީގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޓީކޭއޯ ގުރޫޕް ހޯލްޑިންގްސް އިން ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި، މި އިވެންޓުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ކުރިން ވެސް އޮތީ ލަފާ ކުރެވިފައި. ނަމަވެސް، މި ގެއްލުމާ އެކު ވެސް، 2026 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފައި. ވައިޓް ހައުސްގެ ސައުތު ލޯންގައި ބޭއްވި މި އިވެންޓަކީ އާންމުންނަށް ޓިކެޓު ވިއްކައިގެން ކުރިއަށް ގެންދިޔަ އިވެންޓެއް ނޫން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔޫއެފްސީގެ ރައީސް ޑޭނާ ވައިޓް | ގެޓީ އިމޭޖަސް
އެމެރިކާާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ވައިޓް ހައުސްގައި ބޭއްވި "ފްރީޑަމް 250" އިވެންޓުން ޔޫއެފްސީ އަށް 30 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މިދިޔަ ޖޫން މަހު ބޭއްވި މި އިވެންޓަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވޭންސް ހިމެނިވަޑައިގަންނަވާހެން، ދައުވަތު އެރުވުނު 4.300 އެއްހާ މީހުންގެ ހާޒިރުގައި ބޭއްވި ޚާއްސަ އިވެންޓެކެވެ.
ޔޫއެފްސީގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޓީކޭއޯ ގުރޫޕް ހޯލްޑިންގްސް އިން ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި، މި އިވެންޓުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ކުރިން ވެސް އޮތީ ލަފާ ކުރެވިފައި އެވެ. ނަމަވެސް، މި ގެއްލުމާ އެކު ވެސް، 2026 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފައި އެވެ. ވައިޓް ހައުސްގެ ސައުތު ލޯންގައި ބޭއްވި މި އިވެންޓަކީ އާންމުންނަށް ޓިކެޓު ވިއްކައިގެން ކުރިއަށް ގެންދިޔަ އިވެންޓެއް ނޫނެވެ.
މި އިވެންޓު ކުރިއަށް ގެންދިޔުމަށް އެންމެ ފުރަތަމަ އަންދާޒާ ކުރި ޚަރަދަކީ 60 މިލިއަން އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް، ސްޕޮންސަރޝިޕްތަކާއި، މީޑިއާ އެކްސްޕޯޝަރ އަދި އެހެނިހެން ޕާޓްނަރޝިޕްތަކުގެ އެހީގައި ޚަރަދުގެ ބައެއް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ޚާއްސަ އެކްސެސް ބޭނުންވާ "ހައި ރޯލާ" މެހެމާނުންނަށް 1.5 މިލިއަން ޑޮލަރުގެ ޕެކޭޖުތަކެއް ވިއްކި ކަމަށް ރިޕޯޓުތައް ބުނާއިރު، ޔޫއެފްސީ އިން ވަނީ އެފަދަ ޕެކޭޖުތަކެއް ހުރި ކަމަށް ކަށަވަރު ކޮށްދީފައި އެވެ. ނަމަވެސް، އޭގެ އަގުތަކެއް އެ ކުންފުނިން ހާމަކޮށްފައި ނުވެ އެވެ.
ޓީކޭއޯ ގުރޫޕުގެ ޗީފް ފައިނޭންޝަލް އޮފިސަރު އެންޑްރޫ ޝްލައިމާ އިންވެސްޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފްރީޑަމް 250 އިވެންޓަށް އާންމުކޮށް ހިނގާ ވަރަށް ވުރެ ބޮޑު ޚަރަދެއް ހިނގާފައިވާ ކަމަށެވެ. އަދި މި އިވެންޓުން ލިބުނު 30 މިލިއަން ޑޮލަރުގެ ގެއްލުމުގެ ސަބަބުން، ޔޫއެފްސީގެ ފައިދާގެ ނިސްބަތަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މި އިވެންޓު ބޭއްވުނު ދުވަސްވަރަކީ ޓްރަމްޕްގެ 80 ވަނަ އުފަން ދުވަހާ ވެސް ދިމާވި ދުވަސްވަރެކެވެ. ޓްރަމްޕަ އަކީ ޔޫއެފްސީގެ ރައީސް ޑޭނާ ވައިޓްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
މިދިޔަ އަހަރު ޓީކޭއޯ ގްރޫޕް އިން ވަނީ ޕެރަމައުންޓް ނެޓްވޯކާ އެކު 7.7 ބިލިއަން ޑޮލަރުގެ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި އެވެ. މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުން ފެށިގެން ޔޫއެފްސީގެ މެޗުތައް ދައްކާނީ އެ ޗެނަލުންނެވެ. ވައިޓް ހައުސްގެ މި އިވެންޓު އެކްސްކްލޫސިވްކޮށް ދައްކާފައި ވަނީ ޕެރަމައުންޓް ޕްލަސް ސްޓްރީމިންގް ޕްލެޓްފޯމް އިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 34 މިލިއަން މީހުން މި އިވެންޓު ބަލާފައިވާއިރު، މިއީ އެމްއެމްއޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ބަޔަކު ބެލި އެއް އިވެންޓެވެ.
މި ހުރިހާ ކަމަކާ އެކު ވެސް، ޔޫއެފްސީގެ މިއަހަރުގެ ދެ ވަނަ ކުއާޓަރުގެ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެ، 535.7 މިލިއަން ޑޮލަރަށް އަރާފައި އެވެ. މީގެ ތެރޭގައި ޕެރަމައުންޓާ އެކު ވެވުނު ޓީވީ އެއްބަސްވުމުގެ ސަބަބުން މީޑިއާ ރައިޓްސް އިން ލިބުނު 64.7 މިލިއަން ޑޮލަރުގެ ކުރިއެރުން ވެސް ހިމެނެ އެވެ.










