ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
3 އޯގަސްޓު 2026 | ހޯމަ 16:26ފީފާގެ ވިޔަފާރީގެ ބައެއް ހިއްސާ ވިއްކާލުމަށް ރޭވި މަޝްރޫއު ނާކާމިޔާބުވުމާ ގުޅިގެން، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އަމާޒުވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށް އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް އޭނާ އެދިވަޑައިގެންފި. މި މަޝްރޫއު ހުއްޓާލަން ޖެހުމުން އިންފަންޓީނޯގެ މަގާމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އޭނާ ގެންދަވަނީ ރައީސް ޓްރަމްޕާއި އެމެރިކާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން

ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުގައި | ގެޓީ އިމޭޖަސް
ފީފާގެ ވޯލްޑް ކަޕްގެ ކޮމާޝަލް ރައިޓްސް ނުވަތަ ވިޔަފާރީގެ ހައްގުތަކުން ބައެއް ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި މަޝްރޫއު ހުއްޓާލަން ޖެހުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކުން ސަލާމަތްވުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އެހީތެރިކަމަށް އޭނާ އެދިވަޑައިގެންފައިވާ ކަމަށް ނިއުޔޯކް ޕޯސްޓުން ހޯމަ ދުވަހު ރިޕޯޓްކޮށްފި އެވެ. އެ ނޫހުން މިކަން ހާމަކޮށްފައިވަނީ މި މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެ މަޝްރޫއު ނާކާމިޔާބުވި ފަހުން އިންފަންޓީނޯ ވަނީ ފޯނުން ޓްރަމްޕާ ގުޅުއްވުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާއިރު، މީޑިއާތަކުން އަމާޒުވަމުންދާ ބޮޑެތި ފާޑުކިޔުންތަކުގެ ސަބަބުން އިންފަންޓީނޯއަށް "އެކަހެރިވެފައިވާ" ކަމުގެ އިހުސާސް ކުރެވޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ފީފާއިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ވިޔަފާރީގެ ހަރުމުދާތައް، އަމިއްލަ އިންވެސްޓަރުންގެ އެހީގައި ހިންގާ އާ ކުންފުންޏަކަށް ބަދަލުކުރުމަށް އިންފަންޓީނޯ ރޭއްވެވި މަޝްރޫއު ނާކާމިޔާބުވުމާ ގުޅިގެން، އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ވޯލްޑް ކަޕް ފަދަ މުބާރާތްތައް ބަލަހައްޓާ އާ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ، ފުޓްބޯޅައިގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ވަރުގަދައަށް ތެދުވުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އެވެ.
މި މަޝްރޫއު ހުއްޓާލުމާއެކު، ދެން އޮތް ސުވާލަކީ މީގެ ސަބަބުން އިންފަންޓީނޯއަށް ކުރާނެ އަސަރެވެ. ޚާއްސަކޮށް 2027 އިން 2031 އަށް ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އޭނާ ކުރައްވާ އުންމީދަށް، މި ނާކާމިޔާބީގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ޓްރަމްޕާއި އިންފަންޓީނޯއަކީ ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިއަހަރު ބޭއްވި ވޯލްޑް ކަޕްގެ މުހިންމު މެޗުތައް ހިމެނޭހެން، ފުޓްބޯޅައިގެ ބޮޑެތި ހަރަކާތްތަކުން މި ދެ ބޭފުޅުން އެކުގައި ފެނިފައިވެ އެވެ.
މި ގާތްކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ފީފާއިން އަލަށް ތައާރަފްކުރި "ފީފާ ޕީސް ޕްރައިޒް" ނުވަތަ ސުލްހައިގެ އިނާމު އެންމެ ފުރަތަމަ ލިބޭ ފަރާތެއްގެ ގޮތުގައި ޓްރަމްޕް ކަނޑައަޅައި، އިންފަންޓީނޯ އެ އެވޯޑް އޭނާއަށް އެރުވުމުންނެވެ.
ފީފާގެ ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމުގެ މަޝްރޫއާ ގުޅިގެން މި ގުޅުމަށް އިތުރު ސަމާލުކަމެއް ލިބުނީ، އެ މުއާމަލާތުގައި އެންމެ އިސްކޮށް ބައިވެރިވާން އޮތީ ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާ އުފައްދާފައިވާ "ތްރައިވް ކެޕިޓަލް" ކުންފުނި ކަމަށްވާތީ އެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު އަމިއްލަ ބައްދަލުވުމެއް ބޭއްވުމަށްވެސް ތާވަލުކޮށްފަ އެވެ. މިކަން ދަންނަ ދެ މަސްދަރަކުން ބުނި ގޮތުގައި، އެމެރިކާގެ އިސް ޑިޕްލޮމެޓާ އެކު ފޯނުން ވާހަކަދެއްކެވުމަށް ހަމަޖެހިފައި އޮތީ އެމެރިކާގެ ގަޑިން ހެނދުނު 9 ޖަހާކަންހާއިރު (ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރު) އެވެ.
ނަމަވެސް، އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ގްލޯބަލް ޕަބްލިކް އެފެއާޒް ޑިލަން ޖޯންސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމުރުން 56 އަހަރުގެ ސްވިޒަލޭންޑް-އިޓަލީއަށް ނިސްބަތްވާ އިންފަންޓީނޯއާ ރޫބިއޯ ވާހަކަދެއްކެވުމުގެ އެއްވެސް "ރޭވުމެއް ނެތް" ކަމަށާއި، މިއަދު ހެނދުނު އެފަދަ އެއްވެސް ފޯނު ކޯލެއް ކުރިއަށް ނުދާނެ ކަމަށެވެ.
މަސްދަރު: ރޮއިޓާސް










