Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި

3 އޯގަސްޓު 2026 | ހޯމަ 15:32

ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި މަޝްރޫއާ ގުޅިގެން، ޔޫއެފާ އާއި އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕްގެ ގިނަ ގައުމުތަކަކުން އޭނާއަށް އޮތް އިތުބާރު އަނބުރާ ގެންދަން ވަނީ ނިންމާފައި. މި މައްސަލައިގައި ޔޫއެފާއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯއަށް މަގާމު ދިފާއުކުރެއްވުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވޭ

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 15:32
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް

ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި މަޝްރޫއާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންދާކަން އެންގުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން ތައްޔާރުވެއްޖެ އެވެ.

މި ނިންމުން އައިސްފައިވަނީ އިންފަންޓީނޯ ހުށަހެޅުއްވި މި ހުށަހެޅުންތަކާ ގުޅިގެން ޔޫއެފާއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އަދި ފީފާގެ ރައީސްކަމުގެ މަގާމުގައި ދެމިހުންނެވުމަށް އިންފަންޓީނޯ ކުރައްވާ މަސައްކަތަށް ކުރާ ތާއީދު އަނބުރާ ގެންދާނެކަން ވޭލްސްއިން ވެސް ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.

އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ހަތަރުވަނަ އަދި ފަހު ދައުރަކަށް އިންފަންޓީނޯ ކުރިމަތިލައްވާއިރު، އިންތިޚާބު ކާމިޔާބު ކުރުމަށް ފީފާގެ 211 މެންބަރު ގައުމުގެ ތެރެއިން 106 ވޯޓު ބޭނުންވާނެ އެވެ.

ބީބީސީ ސްޕޯޓްސް އިން ހާމަކޮށްފައިވާ ގޮތުގައި، 56 އަހަރުގެ އިންފަންޓީނޯއަށް އިތުބާރު ނެތް ކަމަށް ޔޫއެފާއިން ނިންމާފައިވާ ނިންމުމަށް ސްކޮޓްލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ތާއީދުކުރެ އެވެ.

އިންފަންޓީނޯގެ ލީޑަޝިޕާ މެދު ޔޫރަޕް، އުތުރު އަދި މެދުތެރޭ އެމެރިކާގެ އިތުރުން ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅަ އިދާރާތަކުން ވަނީ މީގެ ކުރިން ވެސް ސުވާލު އުފައްދާފަ އެވެ. އަދި ޔޫއެފާ އާއި ކޮންކާކަފް އިން ވަނީ އޭނާގެ މި މަޝްރޫއަށް ފާޑުކިޔައި ބަޔާންތައް ނެރެފަ އެވެ.

ފީފާ އާއި އިންފަންޓީނޯ ބޭނުންވީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް ވިޔަފާރި އުސޫލުން މަސައްކަތްކުރާ ސަބްސިޑިއަރީ ކުންފުންޏެއް އުފެއްދުމަށެވެ. އަދި މި ކުންފުނީގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ގަނެވޭނެ ގޮތް ހެދުމަށް ވެސް ރޭވި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނި ގޮތުގައި، "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި އުފައްދާ އާ ކުންފުނީގެ ކޮންޓްރޯލް ނޯންނަ ގޮތަށް، ކުޑަ ހިއްސާއެއް ގަތުމުގެ ފުރުސަތު ތިންވަނަ ފަރާތްތަކަށް ދިނުމަށް ވަނީ ގަސްދުކޮށްފަ އެވެ.

ދަ ޓެލެގްރާފް ނޫހުން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، ޔޫއެފާއިން އިންފަންޓީނޯއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ފީފާއިން ހުށަހެޅި މަޝްރޫއާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާއި، އާބިޓްރޭޝަނަށް ދިއުމާއި ނުވަތަ ރެގިއުލޭޓަރީ ޝަކުވާ ހުށަހެޅުމާ މެދު އެ އިދާރާއިން ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ.

މީގެ އިތުރުން، ފީފާގެ އެތެރޭގެ އުސޫލުތަކުގެ ދަށުން ލިޔެކިޔުންތައް ނައްތާލުމުގެ ކުރިން، މި މަޝްރޫއާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކާއި އިލެކްޓްރޯނިކް މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް "ވަގުތުން ފިޔަވަޅު އެޅުމަށް" ޔޫއެފާއިން ވަނީ އެދިފަ އެވެ.

އިންފަންޓީނޯ ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މި ހުށަހެޅުމަށް ތާއީދުކޮށްފިނަމަ ކޮންމެ ގައުމަކަށް 40 މިލިއަން ޑޮލަރު (30 މިލިއަން ޕައުންޑް) ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ ލިބޭ 20 މިލިއަން ޑޮލަރު ހޯދުމަށް ސެޕްޓެމްބަރު 19 ގެ ކުރިން ތާއީދު އޮތްކަން އަންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްއެފްއީ މަޝްރޫއަށް އިންވެސްޓްކުރާ ގްރޫޕްގެ އިސްކޮށް އޮންނާނެ ކަމަށް ބެލެވުނީ "ތްރައިވް އިޓާނަލް" ކުންފުންޏެވެ.

ތްރައިވް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާ އުފައްދާފައިވާ އެމެރިކާގެ ވެންޗާ ކެޕިޓަލް ކުންފުންޏެކެވެ.

މި އިންވެސްޓްމަންޓް ޕްލޭނާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހޯދުމަށް ޔޫއެފާއިން އެދިފައިވާއިރު، އޭގެ ތެރޭގައި އީމެއިލް، އިންސްޓަންޓް މެސެޖް (ވަޓްސްއެޕް، ސިގްނަލް، ޓީމްސް، ސްލެކް ފަދަ)، އެސްއެމްއެސް، ސިޓީބިޓީ އަދި ބައްދަލުވުންތަކުގެ ނޯޓްސް ހިމެނެ އެވެ. މީގެ ތެރޭގައި ފީފާގެ އޮފިޝަލުން، މުވައްޒަފުން، ކޮންސަލްޓަންޓުން، ބްރޯޑްކާސްޓަރުން އަދި މާލީ އިދާރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތްތައް ވެސް ހިމެނެ އެވެ.

ސެޕްޓެމްބަރު 19 ގެ ސުންގަޑިއާ ގުޅޭގޮތުން ޔޫއެފާއިން ބުނީ، މެންބަރު ގައުމުތަކަށް ފައިސާ ދިނުމަށް ނިންމާފައިވާ އުސޫލާއި، އޭގެ ގާނޫނީ އަސާސާއި، އެކަމަށް ހުއްދަ ދިން ގޮތުގެ ހުރިހާ ލިޔެކިޔުންތަކެއް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ކަމަށެވެ.

ޔޫއެފާގެ ސިޓީ ލިބުނުކަން ފަސް ދުވަހުގެ ތެރޭގައި ލިޔުމުން އެންގުމަށާއި، އެންގުމުގައިވާ ކަންކަން ފުރިހަމައަށް ފަހުމްވެފައިވާކަން ކަށަވަރުކޮށްދިނުމަށް ވެސް އިންފަންޓީނޯގެ ކިބައިން އެދިފައިވެ އެވެ.

ޔޫއެފާގެ ވައިސް ޕްރެޒިޑެންޓް ލޯރާ މެކްއަލިސްޓާ ވިދާޅުވީ، ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމި ނިންމުމަކީ އެފްއެފްއީ މަޝްރޫއު ކުރިއަށް ގެންދިޔަ ދަށް ފެންވަރުގެ ހިންގުމުގެ ނިޒާމާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.

ބީބީސީ ރޭޑިއޯ 5 ލައިވްގައި ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޒިންމާދާރުކުރުވޭނެ ވަރުގަދަ ނިޒާމެއް އޮތުން މުހިންމު ކަމަށާއި، މި ނާކާމިޔާބު ތަޖުރިބާއިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.

މިއީ ފުޓްބޯޅައިގެ ތާރީޚުގައި އައި މުހިންމު ވަގުތެއް ކަމަށާއި، އެހެން ގައުމުތަކުން ވެސް އިންފަންޓީނޯއަށް ކުރާ ތާއީދު އަނބުރާ ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްފަރާތުން ނިންމާ ނިންމުންތަކުގެ ސަބަބުން އުފެދޭ މައްސަލަތައް ހައްލުކުރުމުގައި އަބަދު އަވަދިނެތި ނޫޅެވޭނެ،" މެކްއަލިސްޓާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަންނަ އަހަރު ފީފާގެ ލީޑަޝިޕަށް ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސާބިއާ އާއި ފިންލޭންޑުން ވެސް އިންފަންޓީނޯއަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، އޭނާއަށް އޮތް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ. ނަމަވެސް ގަތަރު، ލުބުނާން، ކުވެއިތު އަދި ސްރީލަންކާއިން ވަނީ އޭނާގެ ލީޑަޝިޕަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ.

ވޯޓުގެ ނިސްބަތަށް ބަލާއިރު، ޔޫއެފާގެ 55 ވޯޓު، އެފްރިކާގެ 54 ވޯޓު، އޭޝިއާގެ 46 ވޯޓު، ކޮންކާކަފްގެ 35 ވޯޓު، އޯޝޭނިއާގެ 11 ވޯޓު އަދި ކޮންމެބޯލްގެ 10 ވޯޓު ހިމެނެ އެވެ.

އޭޝިއާގެ ފުޓްބޯޅަ ފެޑަރޭޝަން (އޭއެފްސީ) އިން ބުނީ އެ އިދާރާ އޮތީ ޔޫއެފާ އާއި ކޮންކާކަފްއާ އެކު ކަމަށެވެ. ނަމަވެސް އެފްރިކާ، ކޮންމެބޯލް އަދި އޯޝޭނިއާގެ ފަރާތުން އިންފަންޓީނޯގެ މަޝްރޫއަށް ފާޑުކިޔުމެއް އައިސްފައެއް ނުވެ އެވެ.

އެހެންނަމަވެސް، ފީފާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މެދުވެރިކޮށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވުމުގެ ފުރުސަތު އެބައޮތެވެ.

މިފަދަ ބައްދަލުވުމެއް ބޭއްވޭނީ ފީފާ ކައުންސިލްގެ 37 މެންބަރުންގެ ތެރެއިން 19 މެންބަރުން އެކަމަށް އެދިއްޖެނަމަ އެވެ. އަދި އެދޭތާ ދެ ހަފުތާގެ ތެރޭގައި ބައްދަލުވުން ބާއްވަން ޖެހޭނެ އެވެ.

ކައުންސިލްގައި ހިމެނެނީ ޔޫއެފާގެ 9 މެންބަރުން، އޭއެފްސީގެ 7 މެންބަރުން، ކޮންކާކަފްގެ 5 މެންބަރުން، އެފްރިކާގެ 6 މެންބަރުން، ކޮންމެބޯލްގެ 5 މެންބަރުން އަދި އޯޝޭނިއާގެ 3 މެންބަރުންނެވެ. މީގެ އިތުރުން އިންފަންޓީނޯ އާއި ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވެސް ކައުންސިލްގައި ހިމެނެ އެވެ.

ޖިއާނީ އިންފަންޓީނޯޔުއެފާއިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންކޮންކަކާފްފީފާ ފޯވާޑް އެންޓަޕްރައިޒްފީފާފުޓުބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!

03 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
01 އޯގަސްޓު 2026

ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި

01 އޯގަސްޓު 2026
ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި
31 ޖުލައި 2026

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ

31 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
31 ޖުލައި 2026

މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ

31 ޖުލައި 2026
މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ

30 ޖުލައި 2026
އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް