އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި
1 އޯގަސްޓު 2026 | ހޮނިހިރު 11:33އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ސަރަހައްދީ ގައުމުތަކަށް އީރާނުން ވަރުގަދަ އިންޒާރެއް ދީފައިވާއިރު، އެމެރިކާގެ ދިފާއީ އައްޑަނައަކަށްވާ ކޮންމެ ގައުމެއް ހަނގުރާމައިގެ ތެރޭގައި އަނދައިގެންދާނެ ކަމަށް އެ ގައުމުން ބުނެފި. އަދި އެމެރިކާއިން ހަނގުރާމަވެރި ސިޔާސަތުތައް ކުރިއަށްގެންދާނަމަ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައި

އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާރސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުﷲހީ | ޕްރެސް ޓީވީ
އީރާނުން ކުވެއިތައް ހަމަލާދީ، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް ބުނެ ސަރަހައްދުގެ ގައުމުތަކަށް އީރާނުން ވަރުގަދަ އިންޒާރެއް ދީފި އެވެ.
ކުވެއިތުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ދުޝްމަނުންގެ ޑްރޯންތަކެއް ފާހަގަކުރެވި، އެ ތަކެތި ގޮއްވާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. ކުވެއިތުން މި ހާދިސާ ސިފަކޮށްފައިވަނީ އެ ގައުމުގެ މުހިންމު ބައެއް ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
އަނެއްކޮޅުން އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ހީ ވަނީ އެމެރިކާއާ ގުޅިގެން މަސައްކަތް ނުކުރުމަށް ސަރަހައްދީ ގައުމުތަކަށް އިންޒާރު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށެވެ.
ހޮނިހިރު ދުވަހު ސަރަހައްދީ ގައުމުތަކަށް ފޮނުއްވި މެސެޖެއްގައި ޖެނެރަލް އަބްދުﷲ ހީ ވިދާޅުވީ، އެމެރިކާއިން ދަނީ ވަރަށް ބާރުމިނުގައި ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް ވަދެ، ފުޅާ ދާއިރާއެއްގައި ހަނގުރާމަ އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދަށް އަތްގަދަކޮށް، ނުފޫޒު ފެތުރުމަށް އެމެރިކާއިން ގެންގުޅޭ ނުރައްކާތެރި އިސްތިރާތީޖީއެއްގެ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އަބްދުﷲ ހީ ވިދާޅުވީ، އިސްލާމީ ގައުމުތަކުން ދުރުވިސްނުން އިސްކޮށް، އެމެރިކާއިން ހިންގަމުންދާ ޖަރީމާތަކަށް ފާރަވެރިވާންޖެހޭ ކަމަށާއި، އެމެރިކާއާއެކު ބާއްވާ ގުޅުންތަކާއި އެއްބާރުލުން ދިނުމާ މެދު އަލުން ވިސްނަންޖެހޭ ކަމަށް ސާފުކޮށް އިއުލާން ކުރައްވާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އަމަލުކޮށް، އަނިޔާވެރި އެމެރިކާގެ ދިފާއީ އައްޑަނައަކަށް ވާން މަސައްކަތްކުރާ ކޮންމެ ގައުމެއް ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި 40 ދުވަހުގެ އަނިޔާވެރި ހަނގުރާމައިގައި، އެމެރިކާއިން ދަނީ ސަރަހައްދީ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރަމުންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކުގެ އިތުރުން، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އަމާޒުތަކަށްވެސް ހަމަލާދީފަ އެވެ.
އީރާނާ ދެކޮޅަށް ދާދިފަހުން ކުރި ހަނގުރާމައިން އެނގިގެންދިޔައީ، "އަނިޔާވެރި އެމެރިކާ" އިން އެމީހުންގެ "ޝައިތާނީ މަގްސަދުތައް" ހާސިލުކުރުމަށްޓަކައި، އިސްލާމީ ގައުމުތަކުގެ މަސްލަހަތާއި ވަސީލަތްތަކަށް ގެއްލުން ދީގެން ނަމަވެސް، އެއްވެސް ފަސްޖެހުމެއް ނެތްކަން ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވޮޝިންޓަނުން ދަނީ އިސްލާމީ ގައުމުތަކުގެ ފައިސާއާއި، މުއްސަނދިކަމާއި، މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން އިސްތިރާތީޖީ ވަސީލަތްތައް އެމެރިކާގެ "ބަލިކަށިވަމުންދާ އަސްކަރިއްޔާގެ" ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުން ކަމަށެވެ. އަދި ހަމައެއާއެކު، ކުޑަކުދިން މަރަމުންދާ ޓެރަރިސްޓް ޒަޔަނިސްޓް ދައުލަތުގެ އަސްކަރީ އަދި ސަލާމަތީ ނިޒާމު ވަރުގަދަކުރުމަށް އެމެރިކާއިން މަސައްކަތްކުރާކަން މުސްލިމް ގައުމުތަކުން ދަންނަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނާއި އެ ގައުމުގެ ހަތިޔާރު އެޅި ބާރުތަކުގެ އިތުރުން "އެކްސިސް އޮފް ރެސިސްޓެންސް" އިން ވަނީ ސަރަހައްދީ ބާރުގެ މިނިވަންކަން މިހާރު ކުރީގެ އުސޫލުތަކަށް ތަބާނުވާކަން ސާބިތުކޮށްދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ގެންގުޅޭ އަނިޔާވެރި އަދި ޣައިރު ގާނޫނީ އިސްތިރާތީޖީތައް ހާސިލުކުރުމުގައި އެ ދެ ގައުމު ނާކާމިޔާބުވެފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެމެރިކާއާއި އިސްރާއީލުގެ އިތުރުން ސައުދީ އަރަބިއްޔާއިން މަސްރަހު ގޯސްކުރަމުންދާ ދަނޑިވަޅެއްގައި، އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފައިވާއިރު، ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ވަނީ ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފަ އެވެ.
ހުކުރު ދުވަހުގެ ރޭ، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދްރު ވަނީ، އެމެރިކާއިން ހަނގުރާމަވެރި ސިޔާސަތުތައް ކުރިއަށްގެންދާނަމަ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ނިންމާފައިވާ ނިންމުން އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ޒުލްގަދްރު ވިދާޅުވީ، އެމެރިކާގެ ސަރުކާރުން ކަނޑުގެ މަގުތައް ބަންދުކޮށް ހަނގުރާމަވެރި އަމަލުތައް ކުރިއަށްގެންދާނަމަ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން އިތުރަށް ހަރުކަށިކޮށް، އެހެނިހެން ކަނޑުއޮޅިތަކާއި މުހިންމު މަގުތައްވެސް ބަންދުކުރާނެ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ބާޒާރަށާއި، އެމެރިކާގެ ވޯޓުލާ ރައްޔިތުންނަށް އޭގެ ބޮޑު އަގު ދައްކަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.










