ހުރްމުޒް ކަނޑުއޮޅީގައި މެދު މަގަކުން ދަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް، އީރާން އާއި އޮމާން އިން މަޝްވަރާކުރާ ކަމަށް ބުނެފި
5 އޯގަސްޓު 2026 | ބުދަ 05:09އީރާންގެ އިސް އޮފިޝަލަކާ ހަވާލާދީ ޕްރެސް ޓީވީ އިން ބުނެފައި ވަނީ، މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، އައްސޭރިފަށުގެ ގައުމެއްގެ ހައިސިއްޔަތުން އީރާން އަށް ލިބިގެންވާ ހައްގުތައް ހިމާޔަތް ކުރުން. މި އައު ކޮރިޑޯ އަމަލީ ގޮތުން ބޭނުން ކުރަން ފެށުމުން، މިހާރު ބޭނުން ކުރަމުންދާ އުތުރުގެ މަގާއި، ދެކުނުގެ މަގުގެ ބަދަލުގައި އުޅަނދު ފަހަރު ދަތުރު ކުރާނީ މި އައު މަގުން ކަމަށް އެ އޮފިޝަލު ވިދާޅުވި


އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ޙަމަދު އަލް ބުސައިދީ އާއި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން | ރޮއިޓާސް
ހުރްމުޒް ކަނޑުއޮޅީގައި ރައްކާތެރިކަމާ އެކު އުޅަނދު ފަހަރަށް ދަތުރު ކުރެވޭނެ "މިޑްލް ކޮރިޑޯ" އެއް، ނުވަތަ މެދު މަގަކުން ދަތުރު ފަތުރުކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް އީރާން އާއި އޮމާން އިން މަޝްވަރާ ކުރަން ފަށައިފި އެވެ.
އީރާންގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މި މަޝްވަރާތައް މިހާރު ވަނީ އައު މަރުހަލާއަކަށް ގޮސްފައި އެވެ. އަދި މިކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.
އީރާންގެ އިސް އޮފިޝަލަކާ ހަވާލާދީ ޕްރެސް ޓީވީ އިން ބުނެފައި ވަނީ، މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، އައްސޭރިފަށުގެ ގައުމެއްގެ ހައިސިއްޔަތުން އީރާން އަށް ލިބިގެންވާ ހައްގުތައް ހިމާޔަތް ކުރުމެވެ. މި އައު ކޮރިޑޯ އަމަލީ ގޮތުން ބޭނުން ކުރަން ފެށުމުން، މިހާރު ބޭނުން ކުރަމުންދާ އުތުރުގެ މަގާއި، ދެކުނުގެ މަގުގެ ބަދަލުގައި އުޅަނދު ފަހަރު ދަތުރު ކުރާނީ މި އައު މަގުން ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
ފުޅާމިނުގައި އެންމެ 34 ކިލޯ މީޓަރު ހުންނަ ހުރްމުޒް ކަނޑު އޮޅި އަކީ، ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރު ފަތުރުގެ މުހިންމު ސަރަހައްދެކެވެ. ނަމަވެސް، އެމެރިކާ އާއި އިސްރާއީލް އިން ދިން ހަމަލާތަކާ ގުޅިގެން، އީރާން އިން ވަނީ އެ ސަރަހައްދު ބަންދު ކޮށްފައި އެވެ. ހަނގުރާމައިގެ ކުރިން އުޅަނދު ފަހަރު ދަތުރު ކުރަމުން ދިޔައީ އެކުވެރި ދައުލަތްތައް (އދ) އިން ކަނޑަ އަޅާފައިވާ އުސޫލުގެ ދަށުން، އީރާން އާއި އޮމާންގެ ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް އޮންނަ ދެކޮޅަށް ދަތުރު ކުރެވޭ މަގަކުންނެވެ.
ހަނގުރާމަ ފެށުމާ އެކު އީރާން އިން ވަނީ އެ ކަނޑު އޮޅިން ދަތުރުކުރާ ހުރިހާ އުޅަނދެއް ލާރަކް އައިލެންޑް ކައިރިން އީރާންގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރުމަށް އަމުރު ކޮށްފައި އެވެ. މިއީ "އުތުރުގެ މަގު" ގެ ގޮތުގައި މަޝްހޫރު ވެފައިވާ މަގެކެވެ. ނަމަވެސް، ޖޫން މަހު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު، އެމެރިކާ އިން ވަނީ އޮމާނުގެ އައްސޭރިފަށާ ގާތުން "ދެކުނުގެ މަގު" ބޭނުން ކުރުމަށް ބާރު އަޅާފައި އެވެ. އީރާން އިން މިކަމާ ދެކޮޅު ހަދައި، އުޅަނދު ފަހަރަށް އަމާޒުކޮށް އަލުން ހަމަލާތައް ދޭން ފެށުމުން ސަރަހައްދީ ނުތަނަވަސްކަން ވަނީ އިތުރުވެފައި އެވެ.
މިދިޔަ އަންގާރަ ދުވަހު އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާން އާއި އޮމާންއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަކީ، ފަންނީ އަދި ސިޔާސީ ފެންވަރުގައި ވެސް ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ. އަދި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލަނީ ހުރްމުޒް ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރަށް ރައްކާތެރި މަގެއް ކަނޑައެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.










