އީރާން-އޮމާން މަޝްވަރާތަކުން ހުރްމުޒް ވަގުތުން ނުހުޅުވޭނެ، ޓްރަމްޕް ދައްކަވަނީ ރަނގަޅު ވާހަކަ އެއް ނޫން
5 އޯގަސްޓު 2026 | ބުދަ 15:00ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމަށް އާ މަގެއް ގާއިމުކުރުމަށް އީރާނާއި އޮމާނުން ކުރިއަށްގެންދާ މަޝްވަރާތަކުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އީރާނުން ބުނެފި. މި މަޝްވަރާތަކަކީ ދެ ގައުމުގެ އިސްތިގުލާލާއި ސަލާމަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، ކަނޑުއޮޅި ހުޅުވާލުން ބިނާވެފައިވަނީ އެމެރިކާގެ އަމަލުތައް އިސްލާހުކުރުމުގެ މައްޗަށް ކަމަށްވެސް އީރާނުން ހާމަކުރޭ

އޮމާންގެ މަސްކަޓުގައި 2026 ޖޫން 22 ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް (ވ) އާއި އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު ބިން ޙަމަދު އަލް ބޫސައިދީ (ކ) ވާހަކަދައްކަވަނީ | ގެޓީ އިމޭޖަސް
ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްވެސް އެއްބަސްވުމަކީ އެ ސަރަހައްދު ވަގުތުން ހުޅުވާލުމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ. މިއާއެކު، އެ މުހިންމު ކަނޑުގެ މަގު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ދައުވާ ވަނީ ދޮގުކޮށްފަ އެވެ.
މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރުއައިބީ އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކަކީ ހަމައެކަނި އީރާނާއި އޮމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކެކެވެ. އަދި މީގެ ތެރޭގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.
އެ މަސްދަރުން އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ ފަރާތުން ހިންގާ އުސޫލާ ޚިލާފު އަމަލުތައް ކުރިއަށްދާނަމަ، އީރާނާއި އޮމާނުން އެއްބަސްވުމަކަށް އައި ނަމަވެސް ހުރްމުޒް ކަނޑުއޮޅިއެއް ނުހުޅުވާނެ އެވެ. ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން ބިނާވެފައިވަނީ އެމެރިކާގެ އަމަލުތައް ބަދަލުކޮށް، އެ ގައުމުން ހިންގާ ގާނޫނާ ޚިލާފު ކަންކަން އިސްލާހުކުރުމުގެ މައްޗަށެވެ.
އީރާނާއެކު ކުރިއަށްދާ އެއްބަސްވުމެއް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ނިމިދާނެ ކަމަށް އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ވިދާޅުވި ނަމަވެސް، މި ދަނޑިވަޅުގައި ވޮޝިންޓަނާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. އީރާނުން ބުނާ ގޮތުގައި މި މަޝްވަރާތައް ކުރިއަށްދަނީ ހަމައެކަނި ތެހެރާނާއި މަސްކަޓާ ދެމެދުގަ އެވެ.
އީރާނަށް ދޭން ރޭވި "ވަރުގަދަ ހަމަލާއެއް" ހުއްޓާލުމަށްފަހު، އެ ގައުމާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފަ އެވެ.
އެމެރިކާގެ ރައީސް ވިދާޅުވި ގޮތުގައި، ވޮޝިންޓަނުން އީރާނާއެކު "ވަރަށް ރަނގަޅު މަޝްވަރާތަކެއް" ކުރަމުންދާ ކަމަށާއި، އެ މަސައްކަތްތައް ދަނީ "ވަރަށް އުންމީދީ ގޮތަކަށް" ކުރިއަށެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އަންގާރަ ދުވަހު ވިދާޅުވީ، ތެހެރާނާއި މަސްކަޓާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ފަންނީ އަދި ސިޔާސީ ފެންވަރުގައި ބިނާކުރަނިވި ގޮތެއްގައި ކުރިއަށްދާ ކަމަށެވެ.
ބަޣާއީ ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މި މަޝްވަރާތައް ބިނާވެފައިވަނީ، އީރާނާއި އޮމާންގެ އިސްތިގުލާލީ ހައްގުތަކާއި ސަލާމަތީ މަސްލަހަތުތައް ހިމާޔަތްކުރާ ފަދަ ރައްކާތެރި ކަނޑުގެ ދަތުރުފަތުރުގެ މަގުތަކެއް ގާއިމުކުރުމުގެ މައްޗަށެވެ.
މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މަސްދަރަކުން އަންގާރަ ދުވަހު އީރާނުގެ ރަސްމީ ޓީވީ ޕްރެސް ޓީވީއަށް މައުލޫމާތު ދެމުން ބުނީ، ހުރްމުޒް ކަނޑުއޮޅީގައި އާ ކޮރިޑޯއެއް ނުވަތަ ދަތުރުކުރާނެ މަގެއް ހެދުމަށް ތެހެރާނާއި މަސްކަޓާ ދެމެދު ކުރާ މަޝްވަރާތައް އާ މަރުހަލާއަކަށް ވަދެފައިވާ ކަމަށެވެ. މިއީ ވައިޓް ހައުސްއިން މި މަރުހަލާއަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.
އެ މަސްދަރުން ބުނި ގޮތުގައި، އޮމާނާއެކު ކުރާ މަޝްވަރާތައް ފެށުނީ މިދިޔަ އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އަދި އޭގެ ފަހުން ވެވުނު އެއްބަސްވުމަކާއެކު މި މަޝްވަރާތައް ވަނީ ސީރިއަސް މަރުހަލާއަކަށް ގޮސްފައެވެ. ހުރްމުޒް ކަނޑުއޮޅީގެ ކުރިމަގުގެ އިންތިޒާމުތަކާ ގުޅޭގޮތުން އީރާނުން ދަނީ އޮމާނާއި ސަރަހައްދީ އެހެން ގައުމުތަކާއެކު މަޝްވަރާ ކުރަމުންނެވެ.
މީގެ އިތުރުން، މި މަޝްވަރާތަކުގެ މަގްސަދަކީ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އާ މަގެއް ގާއިމުކުރުން ކަމަށް އެ މަސްދަރުން ބުންޏެވެ. މިއީ އައްސޭރިފަށުގެ ގައުމެއްގެ ހައިސިއްޔަތުން އީރާނުގެ އިސްތިގުލާލީ ހައްގުތަކާއި ސަލާމަތީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކުރެވޭ މަސައްކަތެކެވެ.
ދުނިޔޭގެ ހަކަތަ އުފުލާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއަކީ، އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ފެށި ފަހުން، އީރާނާއި އެމެރިކާއާ ދެމެދު ބޮޑު މައްސަލައަކަށް ވެފައިވާ ސަރަހައްދެކެވެ.
މީގެ ރައްދުގައި އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށް، އުޅަނދުފަހަރު ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އޮމާނާއެކު ގުޅިފައިވާ ނިޒާމެއް އެކުލަވާލުމުގެ މަޝްވަރާތައް ފަށާފަ އެވެ.










