އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް
4 އޯގަސްޓު 2026 | އަންގާރަ 13:06އީރާނާއެކު ކުރާ ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާގެ މިސައިލްތަކާއި ދިފާއީ ނިޒާމުތަކުގެ ސްޓޮކް ވަރަށް ބޮޑަށް ހުސްވަމުންދާތީ، އެހެން ކުރިމަތިލުންތަކަށް އޮތް ތައްޔާރީ ހާލަތާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފަ. މިކަމާ ގުޅިގެން އަސްކަރީ ވެރިން އިންޒާރު ދެއްވަމުންދާއިރު، ހަތިޔާރު އުފައްދާ މިންވަރު ރެކޯޑް އަދަދަކަށް އިތުރުކުރަމުންދާ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި

އިރާގުގެ ބޯޑަރު ކައިރީގައިވާ ކުވައިތުގެ އުތުރު ސަރަހައްދުގައި 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، އެމެރިކާގެ އަސްކަރިއްޔާގެ ތާރޑް އިންފެންޓްރީ ޑިވިޜަންގެ ފަސްޓް ބެޓޭލިއަން، 39 ވަނަ ފީލްޑް އާޓިލަރީ ރެޖިމެންޓް (1-39) ގެ ޗާލީ ބެޓެރީ މަލްޓިޕަލް ލޯންޗް ރޮކެޓް ސިސްޓަމް (އެމް.އެލް.އާރް.އެސް) އުޅަނދަކުން އެމް28އޭ1 މާކްސްމަންޝިޕް ޕްރެކްޓިސް ރޮކެޓެއް ފޮނުވާލަނީ | ގެޓީ އިމޭޖަސް
އީރާނާއެކު ކުރަމުންދާ ފަސް މަސްވީ ހަނގުރާމައިގައި، އެމެރިކާ ސިފައިން ގެންގުޅޭ ދުރު ރާސްތާގެ ސީދާ އަމާޒަށް ވާސިލްވާ މިސައިލްތަކުގެ ސްޓޮކް ވަރަށް ބޮޑަށް ހުސްވެފައިވާ ކަމަށް އެ މައުލޫމާތު އެނގޭ ތިން ފަރާތަކުން ރޮއިޓާސް އަށް ހާމަކޮށްފި އެވެ. މީގެ ސަބަބުން ކުރިމަތިވެދާނެ އެހެން ހަނގުރާމަތަކަށް އެމެރިކާގެ އަސްކަރިއްޔާ އޮތް ތައްޔާރީ ހާލަތާ މެދު މިހާރު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
މި ހަނގުރާމައިގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އެއްގަމުން އެއްގަމަށް ފޮނުވާލާ "އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް" (ATACMS) އާއި "ޕްރެސިޝަން ސްޓްރައިކް މިސައިލްސް" (PrSM) އެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެމެރިކާގެ އަތުގައި ހުރި މިފަދަ ހަތިޔާރުތަކުގެ ތެރެއިން "ގާތްގަނޑަކަށް ހުރިހާ" ހަތިޔާރެއް މިހާރު ވަނީ ބޭނުންކޮށް ހުސްކޮށްފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އަތުގައި ހުރި ATACMS އާއި PrSM މިސައިލްތައް ހުސްވަމުންދާ މިންވަރު މީގެ ކުރިން ރިޕޯޓްކޮށްފައެއް ނުވެ އެވެ. މި ދުރު ރާސްތާގެ ހަތިޔާރުތަކަކީ ރައްކާތެރި ދުރުމިނެއްގައި ތިބެގެން ސީދާ އަމާޒަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އޮތް ވަރަށް މުހިންމު ވަސީލަތްތަކެކެވެ. ޔޫކްރެއިން ހަނގުރާމައިގައި ވެސް އެމެރިކާއިން ފޯރުކޮށްދިން ATACMS މިސައިލްތަކުގެ އެހީގައި ރަޝިއާގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދިނުމުގައި ޔޫކްރެއިނުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. PrSM އަކީ ATACMS އަށް ވުރެ ދުރު ރާސްތާގެ، އަދި އޭގެ ބަދަލުގައި ބޭނުންކުރުމަށް އުފައްދާފައިވާ މިއަށްވުރެ ޒަމާނީ މިސައިލެކެވެ.

މި އިންފޯގްރަފިކަކީ، "ރަޝިއާގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދިނުމަށް ޔޫކްރެއިނުން އޭޓީއޭސީއެމްއެސް (ATACMS) މިސައިލް ބޭނުންކުރަނީ" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ކުރެހުމެއް. އެމެރިކާގައި އުފައްދާފައިވާ "އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް" (ATACMS) ބޭނުންކޮށްގެން ރަޝިއާގެ ސަރަހައްދުތަކުގެ އެތެރޭގައިވާ އަމާޒުތަކަށް ހަމަލާދީފައިވާކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ރަސްމީކޮށް އިޢުލާންކޮށްފައި | ގެޓީ އިމޭޖަސް
މުހައްލިލުން ވިދާޅުވާ ގޮތުގައި، ކޮންމެ މިސައިލަކަށް އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން ޚަރަދުވާ މި ހަތިޔާރުތަކަކީ، ޗައިނާއާއެކު ކުރިމަތިވެދާނެ ކުރިމަތިލުމެއްގައި ވެސް އެމެރިކާއަށް ނުހަނު ބޭނުންތެރި ހަތިޔާރުތަކެކެވެ.
އެމެރިކާގެ އަތުގައި މިހާރު ބާކީ ހުރީ ކޮން ބާވަތެއްގެ ކިތައް މިސައިލް ކަމެއް ހާމަކުރުމަށް މަސްދަރުތަކުން ވަނީ އިންކާރުކޮށްފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް މި ހަނގުރާމަ ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެމަނިކުފާނު އޭރު ލަފާކުރެއްވީ މި ހަނގުރާމަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ.
ނަމަވެސް ހަނގުރާމަ ދިގުލައިގެން ދިއުމާއެކު، މިސައިލްތަކުގެ ސްޓޮކް މަދުވުމުގެ ސަބަބުން ރަޝިއާ އާއި ޗައިނާ ފަދަ ވާދަވެރި ގައުމުތަކުން ކުރިމަތިކޮށްފާނެ ނުރައްކާތަކަށް ރައްދުދިނުމަށް އެމެރިކާއަށް އޮތް ގާބިލްކަން ކުޑަވެދާނެތީ، މި މައުލޫމާތު އެނގޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައުލޫމާތު އެނގޭ ހަތަރުވަނަ ފަރާތަކުން ބުނި ގޮތުގައި، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން ބަލަހައްޓާ ސެންޓްރަލް ކޮމާންޑުގެ އަތުގައި ހުރި އެއްގަމުން ފޮނުވާލާ މިސައިލްތައް ހަނގުރާމަ ފެށުނުއިރު ހުރި މިންވަރަށް ވުރެ ބޮޑަށް މިހާރު ވަނީ ހުސްވެފަ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން މިހާރު ވަނީ އެ ސްޓޮކް އާކޮށްފަ އެވެ.
މި ޚަބަރަށް މައުލޫމާތު ދިން ފަރާތްތަކުން ވާހަކަދައްކާފައިވަނީ އެ މީހުންގެ ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައި ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ.
ހަތިޔާރުގެ ސްޓޮކާ ގުޅޭގޮތުން ސުވާލުކުރުމުން ވައިޓް ހައުސްއިން ވަނީ ޓްރަމްޕްގެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ވުރެ މާ ގިނަ ހަތިޔާރު އެމެރިކާގެ އަތުގައި އެބަހުރި ކަމަށާއި، އެއީ ބޭނުންވާ މިންވަރަށް ވުރެ ވެސް އިތުރު މިންވަރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ދިފާއީ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން މިހާރު ގެންދަނީ މީގެ ކުރިން ދުވަހަކުވެސް އުފައްދާފައި ނުވާ މިންވަރަށް ހަތިޔާރު އުފައްދަމުން. އަދި އެ ކުންފުނިތަކުގެ ފެކްޓްރީތަކާއި ވަސީލަތްތައް ވެސް ރެކޯޑް މިންވަރަކަށް ދަނީ އިތުރުކުރަމުން،" ޓްރަމްޕް ވިދާޅުވި އެވެ.
ބައެއް ބާވަތްތަކުގެ ހަތިޔާރުތަކާއި މިސައިލްތައް ރެކޯޑް މިންވަރަކަށް އުފައްދަމުންދާ ކަމަށް މުހައްލިލުން އެއްބަސްވި ނަމަވެސް، ދިގުލައިގެންދާ ހަނގުރާމައަކަށް ބޭނުންވާ މިންވަރަށް ވުރެ އެ ތަކެތި މަދުވެދާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުން ދެ އެވެ.
ATACMS އާއި PrSM ގެ އިތުރުން ބެލިސްޓިކް މިސައިލް ދިފާއީ ނިޒާމު "ތާޑް" (THAAD) އުފައްދާ ލޮކްހީޑް މާޓިން ކުންފުނިން ޓްރަމްޕްގެ ވާހަކަފުޅުތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ޓޮމަހޯކް މިސައިލާއި ޕޭޓްރިއަޓް އިންޓަރސެޕްޓަރުތައް އުފައްދާ ރޭތިއޯން ކުންފުނިން ވެސް މިކަމާ ގުޅޭގޮތުން ވަގުތުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ސޯން ޕާނެލް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށާއި، ރައީސް ބޭނުންފުޅުވާ ވަގުތެއްގައި ބޭނުންފުޅުވާ ތަނެއްގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ފުރިހަމަ ގާބިލްކަން އެބައޮތް ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަތިޔާރުގެ ސްޓޮކާ ގުޅޭ މި ހިސާބުތައް ފެޑަރަލް ސަރުކާރުގެ ތެރޭގައި ދައުރުވާން ފަށާފައިވަނީ މިދިޔަ ހަފުތާގަ އެވެ. ޓްރަމްޕް ސަރުކާރުގެ ތެރޭގައި ކުރެވުނު ހޫނު ބަހުސްތަކަކީ، އެހެން ސަރަހައްދެއްގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ރައްދުދިނުމުގެ ގާބިލްކަން ގެއްލޭ މިންވަރަށް ސްޓޮކް ހުސްނުކޮށް، އީރާނަށް ހަމަލާދިނުން ކުރިއަށް ގެންދެވޭނީ ކިހާ މުއްދަތަކަށްތޯ ބެލުމަށް ކުރެވުނު ބަހުސްތަކެކެވެ.
ހަތިޔާރުގެ ސްޓޮކާ ގުޅޭ އިންޒާރުތައް
މަސްދަރުތަކުން ބުނާ ގޮތުގައި ATACMS އާއި PrSM ސްޓޮކް މަދުވެފައިވަނީ، އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމުގައި ޕައިލެޓުން ތިބޭ މަތިންދާބޯޓު ބޭނުންކުރުން ފަދަ ނުރައްކާތެރި ގޮތްތައް ދޫކޮށްލުމަށް ޓްރަމްޕް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މި ހަތިޔާރުތަކަކީ ދުރުގައި ތިބެގެން ހަމަލާދެވޭ އެއްޗެހި ކަމަށްވާތީ، ޗައިނާ ފަދަ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތައް ހުންނަ ގައުމުތަކާ ދެކޮޅަށް ކުރަން ޖެހިދާނެ ހަނގުރާމައެއްގައި މީގެ ބޭނުންތެރިކަން ބޮޑުވާނެ ކަމަށް މުހައްލިލުން ބުނެ އެވެ. ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (CSIS) އިން މާރިޗު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އީރާނުގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދިނުމަށް މި ހަތިޔާރުތައް ވަނީ ބޭނުންކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން PrSM އަކީ އާ ހަތިޔާރަކަށް ވާތީ އޭގެ ސްޓޮކް ކުރިންވެސް ހުރީ މަދުކޮށެވެ. ނަމަވެސް 2027 ވަނަ އަހަރަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގިނަ އަދަދެއްގެ މިސައިލަށް އޯޑަރު ދީފަ އެވެ. އަސްކަރިއްޔާއިން ބުނެފައިވަނީ ATACMS ބޭނުންކުރުން މަޑުމަޑުން ހުއްޓާލައި، އާ PrSM މިސައިލް އުފެއްދުމަށް މިހާރު އިސްކަންދެމުންދާ ކަމަށެވެ.
ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ ޕޭޓްރިއަޓް އިންޓަރސެޕްޓަރުތައް ހިމެނޭހެން، ދިފާއީ ހަތިޔާރުގެ ސްޓޮކް މަދުވަމުންދާ ކަމުގެ އިންޒާރު އަސްކަރީ ވެރިން ރައީސަށް ދެއްވަމުންދާތާ ހަފުތާތަކެއް ވެއްޖެ ކަމަށް ދެ މަސްދަރަކުން ބުނެ އެވެ. މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނަށް ދޭން އުޅުނު ބޮޑު ހަމަލާއެއް ޓްރަމްޕް މަޑުޖައްސާލެއްވީ ވެސް ހަތިޔާރުގެ ސްޓޮކާ މެދު އަސްކަރީ މުޝީރުން އިންޒާރު ދެއްވުމުންނެވެ.
ނަމަވެސް އެމެރިކާގެ އޮފިޝަލަކު އެ ވާހަކަތައް ދޮގުކުރައްވައި ވިދާޅުވީ، ޓްރަމްޕް އެ ހަމަލާ މަޑުޖައްސާލެއްވީ ގަލްފުގެ ގައުމުތަކުގެ ފިއްތުންތަކާ ހެދި ކަމަށެވެ.
މެދުއިރުމަތީގެ މި ހަނގުރާމައާ ގުޅިގެން، ކޮންގްރެސްގެ ހުއްދައަކާ ނުލައި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ބާރު ޓްރަމްޕަށް އޮތްތޯ ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ. ހަނގުރާމަ އިއުލާން ކުރުމަށް ނުވަތަ އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދައަކަށް އެދި މިހާތަނަށް ކޮންގްރެސްއަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ.
ދިފާއީ ހަތިޔާރުގެ ސްޓޮކް ވެސް ވަނީ މަދުވެފައި
މިދިޔަ ހަފުތާގައި CSIS އިން ޝާއިއުކުރި ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، ފެބްރުއަރީ މަހުން ޖުލައި މަހުގެ ނިޔަލަށް 65 ޕޭޓްރިއަޓް އިންޓަރސެޕްޓަރު ވަނީ ބޭނުންކޮށްފަ އެވެ. އަދި ތާޑް (THAAD) ބެލިސްޓިކް މިސައިލް އިންޓަރސެޕްޓަރުގެ ސްޓޮކް، ހަނގުރާމަ ފެށުނުއިރު ހުރި މިންވަރަށް ވުރެ މަދުވެގެން 38 އިންސައްތަ ވަނީ ދަށްވެފަ އެވެ. ޕޭޓްރިއަޓް އާއި ތާޑް އަކީ އަންނަ ހަމަލާތައް ދެނެގަނެ، އެ ތަކެތި ނައްތާލުމަށް އެމެރިކާގެ އަތުގައި ހުރި އެންމެ ވަރުގަދަ ދިފާއީ ނިޒާމުތަކެވެ.
ރޮއިޓާސްއަށް މި ހިސާބުތައް ފެނިފައި ނުވި ނަމަވެސް، އެއީ އެމެރިކާގެ އެތެރޭގެ މައުލޫމާތާ ދިމާވާ ހިސާބުތަކެއް ކަމަށް ދެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ އިތުރުން، އާންމުކޮށް މަނަވަރުތަކުން ފޮނުވާލާ "ޓޮމަހޯކް ކްރޫޒް މިސައިލް" ގެ ދުނިޔޭގެ ސްޓޮކުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިހާރު ބޭނުންކޮށްފައިވާ ކަމަށް އެއް މަސްދަރަކުން ބުނެ އެވެ.
ނަމަވެސް މި އަދަދު މިނިވަންކަމާއެކު ކަށަވަރުކުރެވޭ ގޮތެއް ރޮއިޓާސްއަކަށް ނުވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ޓޮމަހޯކް މިސައިލަކީ އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރާ، އަދި ޕައިލެޓުންގެ ފުރާނައަށް ނުރައްކާ ނުކޮށް ވަރުގަދަ ދިފާއީ ނިޒާމުތަކަށް ހަމަލާދިނުމަށް ޒަމާނުއްސުރެ ބޭނުންކުރާ މުހިންމު ހަތިޔާރެކެވެ.
ހަތިޔާރުގެ ސްޓޮކް އަލުން ފުރުވުމަށް ވޮޝިންގޓަނުން މަސައްކަތް ކުރަމުންދާއިރު، ޓޮމަހޯކް މިސައިލް އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ރޭތިއޯން ކުންފުނިން ވަނީ ޕެންޓަގަނާއެކު ގިނަ އަހަރުތަކަކަށް ދެމިގެންދާ އެއްބަސްވުމެއްގައި ވަގުތީ ގޮތުން ސޮއިކޮށްފަ އެވެ.
މަސްދަރު: ރޮއިޓާސް










