ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ
4 އޯގަސްޓު 2026 | އަންގާރަ 11:34ޖިއޯޕޮލިޓިކަލް ހަލަބޮލިކަމާ ގުޅިގެން ހަކަތައިގެ ބާޒާރަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ތެލުގެ އަގުތައް އުފުލުމާއެކު ސައުދީ އަރަމްކޯގެ ދެވަނަ ކުއާޓަރުގެ ފައިދާ 44 އިންސައްތަ އިތުރުވެ 32.69 ބިލިއަން ޑޮލަރަށް ވަނީ އަރާފައި

ސައުދީ އަރަމްކޯގެ ރައީސް އަދި ސީއީއޯ އަމީން ނާސިރު | ގެޓީ އިމޭޖަސް
ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ތާރީޚުގައިވެސް ތެލުގެ ސަޕްލައިއަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުމުގެ ގޮތުގައި ސައުދީ އަރަމްކޯގެ ރައީސް އަދި ސީއީއޯ އަމީން ނާސިރު ސިފަކުރައްވައިފި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކްރައިސިސް ނުވަތަ ކާރިސާ ފެށުނީއްސުރެ ދުނިޔޭގެ ބާޒާރުތަކުން 2.6 ބިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ވަނީ މަދުވެފަ އެވެ.
ނާސިރު އިންޒާރު ދެއްވި ގޮތުގައި މި މައްސަލައިގެ އަސަރު ހަމައެކަނި ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އެކަނި އޮތުމުގެ ބަދަލުގައި، މުޅި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުތައް ވަނީ ފޯރާފަ އެވެ.
އަންގާރަ ދުވަހު "އަލް އަރަބިއްޔާ ބިޒްނަސް" އަށް ދެއްވި އިންޓަވިއުއެއްގައި ނާސިރު ވިދާޅުވީ، އެ ސަރަހައްދަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ހަލަބޮލިކަމުގެ ސަބަބުން ހަކަތައިގެ ބާޒާރުތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަރަމްކޯގެ ވަރުގަދަ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރގެ އެހީގައި، ތެޔޮ ފޯރުކޮށްދިނުމަށް އެހެން މަގުތައް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އަރަބި ކަނޑުއޮޅި އާއި ރަތްކަނޑުގެ ބޭރުންވެސް ތެޔޮ އެކްސްޕޯޓް ކުރެވޭނެ ގިނަ ގޮތްތަކާއި ވަސީލަތްތައް އެ ކުންފުންޏަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައިވެސް އަރަމްކޯއިން އޮޕަރޭޝަނަލް ގޮތުން ވަރުގަދަ ނަތީޖާތަކެއް ދައްކާފައިވާ ކަމަށާއި، މިއީ ކުންފުނީގެ ތައްޔާރީތަކާއި މުވައްޒަފުންގެ ހުނަރުވެރިކަމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް ނާސިރު ވިދާޅުވި އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އާދަޔާ ހިލާފު ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ކުންފުނީގެ އޮޕަރޭޝަނަލް ވަރުގަދަކަން މާލީ ނަތީޖާތަކުން ސީދާ ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުތަކަށް މި މައްސަލައިގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމުގައި އަރަމްކޯއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ކުންފުނީގެ އޮޕަރޭޝަނަލް ފްލެކްސިބިލިޓީ ނުވަތަ ހާލަތަށް ބަލައި ބަދަލުތައް ގެނައުމުގެ ގާބިލުކަމާއި، ކުރިއާލާ ރޭވިފައިވާ ސްޓްރެޓީޖިކް ޕްލޭންތަކާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ފިޔަވަޅުތަކުގެ އިތުރުން، އުފެއްދުންތެރިކަމާއި ބެހުމުގެ ކަންކަން ހަރުދަނާކަމާއެކު މެނޭޖްކުރުމުގެ ގާބިލުކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަނގުރާމައިގެ ސަބަބުން ނުރައްކާވެފައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ބަދަލުގައި އެހެން މަގުތަކުން މުދާ އުފުލަން ޖެހުނު ނަމަވެސް، ސާފުނުކުރާ ތެލާއި، ސާފުކޮށްފައިވާ ތެލުގެ އުފެއްދުންތަކާއި ކެމިކަލްގެ އަގުތައް އުފުލުމާ ގުޅިގެން، ދެވަނަ ކުއާޓަރުގެ ސާފު ފައިދާ 44 އިންސައްތަ އިތުރުވެފައިވާ ކަމަށް އަރަމްކޯއިން އަންގާރަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ކުންފުނިން ބުނި ގޮތުގައި، ޖޫން މަހުގެ 30 އަށް ނިމުނު ތިން މަސްދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 32.69 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 22.67 ބިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މަސްދަރު: އަލް އަރަބިއްޔާ










