ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ
4 އޯގަސްޓު 2026 | އަންގާރަ 06:25އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަންތައް ނާކާމިޔާބުވެފައިވާ ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ. މި ކުރިމަތިލުންތަކުގައި އެމެރިކާގެ ކޮމާންޑް ސެންޓަރުތައް ބަދަލުކުރަން މަޖުބޫރުވި ކަމަށާއި، ހިސާރުކުރުން ކުރިއަށްދާނަމަ އެމެރިކާގެ އުޅަނދުތަކަށް އިތުރު ގެއްލުންތަކާ ކުރިމަތިވާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޖެނެރަލް އަދި އެކްސްޕީޑިއެންސީ ޑިސާންމަންޓް ކައުންސިލްގެ މެންބަރު މުހްސިން ރިޒާއީ އަކީ، އީރާނުގެ ސުޕްރީމް ކައުންސިލް ފޯ އިކޮނޮމިކް ކޯޑިނޭޝަންގެ ސެކްރެޓަރީގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިގްތިސާދީ ކޮމިޓީގެ ވެސް މެންބަރެއް | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި "ތިންވަނަ ހަނގުރާމަ" މެދުތެރެއިން ނާކާމިޔާބުވެ، އެމެރިކާ ބަލިވެފައިވާ ކަމަށް އީރާނުގެ އެންމެމަތީ ވެރިޔާގެ އެޑްވައިޒަރު މުހްސިން ރިޒާއީ ވިދާޅުވެއްޖެ އެވެ. އީރާނުގެ ފައުޖުތަކުން އެމެރިކާގެ ރޭވުންތައް ހަލާކުކޮށްލައި، އެމެރިކާގެ ކޮމާންޑް ސެންޓަރުތައް އެހެން ތަންތަނަށް ބަދަލުކުރަން މަޖުބޫރުކުރުވައި، އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ވޮޝިންޓަނަށް ކުރިމަތިވި ނާކާމިޔާބީތަކުގެ ސިލްސިލާއަށް އިތުރުވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ހޯމަ ދުވަހު އީރާނުގެ ރަސްމީ ޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، "ސެކްރެޑް ޑިފެންސް" ނުވަތަ އީރާން-އިރާގު ހަނގުރާމައިގެ ދުވަސްވަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރުކަން ކުރެއްވި ރިޒާއީ ވިދާޅުވީ، އެމެރިކާއިން ދާދިފަހުން ހިންގި އުދުވާނަކީ 12 ދުވަހާއި 40 ދުވަހުގެ ކުރީގެ ކުރިމަތިލުންތަކަށްފަހު، ޓްރަމްޕް އީރާނާ ދެކޮޅަށް ކުރެއްވި ތިންވަނަ ހަނގުރާމަ ކަމަށެވެ.
ވޮޝިންޓަނުން ކަންކަމުގައި ގެންގުޅޭ ބަދު ނިޔަތް ފެށުނީއްސުރެ ސާފުކޮށް ފެންނަން އޮތްކަން ރިޒާއީ ފާހަގަ ކުރެއްވި އެވެ. ގަތަރާއި ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް އުފައްދާފައިވާ މައްސަލަ ހައްލުކުރާ ކޮމިޓީއަށް މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި، ހުރްމުޒް ކަނޑުއޮޅީގެ ދެކުނުން ކޮރިޑޯއެއް ހަދައި އެ ސަރަހައްދަށް ބޮން އެޅުމުން، އެމެރިކާއިން ކުރީގެ އެއްބަސްވުންތަކާ ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރްމުޒް ހަނގުރާމައިގެ ތަފްސީލު ދެއްވަމުން ރިޒާއީ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ދެކުނަށް އަމާޒުކޮށް ދާދިފަހުން ދިން ހަމަލާތަކުގައި އިސްރާއީލުން ބައިވެރިއެއް ނުވެ އެވެ. އެ ހަމަލާތަކުގެ ބޭނުމަކީ ހުރްމުޒް ކަނޑުއޮޅި ބާރުގެ ބޭނުންކޮށްގެން ހުޅުވުމަށް އެއްގަމު މަގުން އޮޕަރޭޝަނެއް ފެށުމަށް މަގުފަހިކުރުން ނުވަތަ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކުރުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާ ސިފައިން މުއާސަލާތީ ބްރިޖުތަކަށާއި، ރާޑަރުތަކަށާއި ބައެއް އަސްކަރީ މަރުކަޒުތަކަށް ބޮން އެޅީ އީރާނުގެ ލޮޖިސްޓިކްސް ބަލިކޮށްލުމުގެ ނިޔަތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެއްގަމު މަގުން ހަމަލާދިނުމުގެ މަގުފަހިވެފައި ނެތުމުން، މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ސެންޓްކޮމް (CENTCOM) ގެ ކޮމާންޑަރުގެ ކިބައިން ޓްރަމްޕް އެދިވަޑައިގަތް،" ރިޒާއީ ވިދާޅުވި އެވެ. "ނަމަވެސް އެމެރިކާގެ ކޮމާންޑަރުން ޖަވާބު ދިނީ އެމީހުންގެ އެންމެ ފުރިހަމަ ގާބިލިއްޔަތު ބޭނުންކޮށްފި ކަމަށާއި، އެހެންނަމަވެސް ނާކާމިޔާބުވެފައިވާ ކަމަށް. މިއިން އެނގެނީ އެމެރިކާގެ އަސްކަރީ ކޮމާންޑަރުންގެ ހިސާބުތައް ދިމާނުވާކަން."
މީގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ފުލުފުލުން ވަރުގަދަ އަދި ސީދާ އަމާޒަށް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިން އެހެން ތަންތަނަށް ބަދަލުވާން މަޖުބޫރުވެ، އެމީހުންގެ ކޮމާންޑް ސެންޓަރު ފުރަތަމަ ގަތަރުން އުރުދުންއަށް، އަދި އޭގެ ފަހުން އިސްރާއީލަށް ބަދަލުކުރަން ޖެހުނެވެ. މީގެ ސަބަބުން ކޮމާންޑް އެންޑް ސަޕޯޓް ސިސްޓަމް ހަނގުރާމައިގެ މައިދާނާ ވަރަށް ދުރަށް ޖެހިގެންދިޔަ އެވެ.
"އީރާނުން އެމީހުންގެ ރޭވުން ހަލާކުކޮށްލީ. އީރާނާ ދެކޮޅަށް ޓްރަމްޕް ކުރެއްވި ތިންވަނަ ހަނގުރާމަ މެދުތެރެއިން ބަލިވެ، އޭނާގެ ކުރީގެ ނާކާމިޔާބީތަކަށް އިތުރު ބޮޑު ނާކާމިޔާބީއެއް އިތުރުވީ. އެމެރިކާ މީހުން ހަމަލާދިނުން ހުއްޓާލި ފަހުންވެސް ދެ ދުވަސް ވަންދެން އަޅުގަނޑުމެން ހަމަލާތައް ކުރިއަށް ގެންދިޔައިން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ރިޒާއީ ތަފްސީލުކޮށްދެއްވި ގޮތުގައި، ޒަޔަނިސްޓް ދައުލަތުން (އިސްރާއީލުން) މިފަހަރުގެ ކުރިމަތިލުމުގައި ބައިވެރިނުވީ، އެމީހުން ޣައްޒާއާއި، ހިފާފައިވާ ހުޅަނގު އައްސޭރިއާއި ލުބުނާނުގެ ހަނގުރާމައިގައި ތާށިވެފައި ތިބުމުންނެވެ. އަދި އިސްރާއީލުގެ ނުފޫޒެއް ނެތި އަމިއްލައަށް ފިޔަވަޅު އަޅާކަން ދެއްކުމަށް ޓްރަމްޕް ބޭނުންފުޅުވުމަކީވެސް މީގެ ސަބަބެކެވެ.
މިހާރުގެ ހާލަތާ ބެހޭގޮތުން އޭނާ ވިދާޅުވީ، އާންމު އުސޫލުން ރަސްމީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް ނަމަވެސް، އީރާނުގެ ހަމަލާތައް މިހާރު ހުރީ ވަކި މަގްސަދެއް ހާސިލުކުރުމަށް އަމާޒުކުރެވިފައި ކަމަށެވެ.
އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރައިގަތުމުގެ ފުރިހަމަ ރޭވުމަކީ މިހާރު ހަގީގަތަކަށް ވުން ދުރު، ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ރޭވުމެއް ނަމަވެސް، ކުދި އޮޕަރޭޝަންތަކެއް ހިންގުމުގެ ފުރުސަތު އެއްކޮށް ނައްތައެއް ނުލެވޭ ކަމަށް އެނާ ވިދާޅުވި އެވެ.
ވޮޝިންޓަނުން މިހާރުވެސް ދަނީ ހަތަރުވަނަ ބުރަކަށް ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި ގައުމުގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމާއި، އެހެން ގައުމުތައް މި ހަނގުރާމައިގެ ތެރެއަށް ވެއްދުމުގެ ރޭވުންތައް ހިމެނެ އެވެ. އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއާއި، އިރާގަށް ބޮން އެޅުމުގައި ސައުދީ އަރަބިއްޔާގެ ބައިވެރިވުން އޮތް ކަމަށް ބުނާ ވާހަކަތަކަކީ މީގެ މިސާލުތަކެވެ. ނަމަވެސް ރިޔާޟުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އީރާނުން މިހާރު ދަނީ އެކަން ތަހުގީގު ކުރަމުންނެވެ.
އެމެރިކާގެ މި ނާއުންމީދީ އަމަލުތަކުގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތް ކަމަށް ރިޒާއީ އިންޒާރު ދެއްވި އެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން ޔޫރަޕް އޮތް ހާލަތަށްވުރެ، މިއަދު ހުޅަނގު އޭޝިއާގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑެވެ. ހުރްމުޒް ކަނޑުއޮޅިއާއި ފާރިސީ ކަނޑުއޮޅިއަކީ މުހިންމު ސަރަހައްދަކަށްވާއިރު، އެ ކަނޑުއޮޅީގެ މައްޗަށް ވެރިވެގަންނަން އެމެރިކާއިން ކުރާ މަސައްކަތުގެ ސަބަބުން ދުނިޔޭގެ އެހެން ބާރުތައް ބޮޑު ހަނގުރާމައެއްގެ ތެރެއަށް ދަމައިގަނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭޓޯ (NATO) ހަރަކާތްތެރި ކުރުވުމަށް ޓްރަމްޕް ބޭނުންފުޅުވާކަމާއި، އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުގެ ފަރާތުން ފެންނަ ނުފޫޒު ފޯރުވުމުގެ އިޝާރާތްތަކަކީ، 40 ދުވަހާއި 17 ދުވަހުގެ ހަނގުރާމަތަކުން ބަލިވުމުން ފެންނަ ނާ އުންމީދީ ނިޝާންތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި އެމެރިކާ އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްދުމަށް ނަތަންޔާހޫ ކުރި މަސައްކަތް މިފަހަރު ވަނީ ނާކާމިޔާބުވެފަ އެވެ.
އީރާނަކީ އިސްވެ ހަމަލާދޭ ގައުމެއް ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވަމުން ރިޒާއީ ވިދާޅުވީ، ހަނގުރާމަ އުފައްދަނީ އެމެރިކާ ކަމަށެވެ. "ދުނިޔޭގެ ފެންވަރުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިފިނަމަ، ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާނީ ހަނގުރާމަ އުފައްދަނީ އެމެރިކާ ކަމަށް."
"އީރާނުން އަބަދުވެސް މަސައްކަތް ކުރީ ހަނގުރާމަ ހުއްޓުވަން. އެމެރިކާގެ ނުނިޔަތް އެނގި ތިބެމެ، އަޅުގަނޑުމެން މަޝްވަރާތަކުގައި ބައިވެރިވިން. ނަމަވެސް ދުޝްމަނުންނަށް ހީވީ އީރާނުން މަޝްވަރާއަށް އެއްބަސްވުމަކީ ބަލިކަށިކަމެއް ކަމަށް. އެމީހުން ވަނީ ތިން ފަހަރެއްގެ މަތިން މަޝްވަރާތަކަށް ހިޔާނާތްތެރިވެ، އީރާނުގެ މައްޗަށް ހަނގުރާމަ މަޖުބޫރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމަށާއި ރައްޔިތުންނަށް ހަމަލާދީ، އަޅުގަނޑުމެންގެ ލީޑަރުންނާއި ދަރިން ޝަހީދުކޮށްލީ އެމެރިކާއިން. އަޅުގަނޑުމެން އެމީހުންނަށް ހަމަލާދީ އެ ގައުމުގެ ރައްޔިތުން ގަތުލުކުރިންތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
އީރާނުން ހަނގުރާމަ ފުޅާކުރާކަށް ބޭނުމެއް ނުވެ އެވެ. އަދި އެހެން ގައުމުތައް ބައިވެރިވާ ކުރިމަތިލުންތަކަށް މަރުހަބާއެއް ނުކިޔަ އެވެ. އެއީ އޭގެ ސަބަބުން ބައިނަލްއަގުވާމީ ހަނގުރާމައެއްގެ ބިރު އޮތުމުންނެވެ. ޑިޕްލޮމެސީގެ ބޭނުންތެރިކަން އޮތް ނަމަވެސް، ގައުމުގެ އެންމެ މަތީ ލީޑަރު ވިދާޅުވެފައިވާ ފަދައިން، އެމެރިކާއިން އެމީހުންގެ އަމަލުތައް ބަދަލުކޮށް، ވެފައިވާ އިލްތިޒާމްތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސީރިއަސްކަން ހާމަވާނީ އެފަދަ ބަދަލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
'ހިސާރުކުރުން ކުރިއަށްދާނަމަ، އެމެރިކާ ސިފައިންނަށް ގެއްލުންތަކާ ކުރިމަތިވާނެ'
ހޯމަ ދުވަހުގެ ރޭ ކުރެއްވި ވަކި ޓްވީޓެއްގައި ރިޒާއީ ވިދާޅުވީ، "ހިސާރުކުރުން ކުރިއަށްދާނަމަ، އެމެރިކާގެ އުޅަނދުތަކަށާއި ސިފައިންނަށް ނުރައްކާތަކާއި ގެއްލުންތަކާ ކުރިމަތިވާނެ. އެމެރިކާއިން އެމީހުންގެ އަމަލުތައް ބަދަލުކުރަންޖެހޭނެ— ނޫންނަމަ އަޅުގަނޑުމެން މިއަކަށް ކެތެއް ނުކުރާނަން. ހުރްމުޒް ކަނޑުއޮޅީގައި ދެވަނަ ކޮރިޑޯއެއް ހުޅުވުމުގެ ފުރުސަތެއް އަޅުގަނޑުމެން ދުވަހަކުވެސް ނުދޭނަން."
ލީޑަރުގެ އެޑްވައިޒަރު ބާރުއަޅުއްވައި ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން އަމަލުކުރަނީ ޒިންމާދާރުކަމާއެކު، އެންމެންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދެމުން ކަމަށެވެ. އެއީ ދުނިޔޭގެ އިގްތިސާދީ ސަލާމަތަކީ ތެހެރާނަށް މުހިންމު ކަމަކަށްވާތީ އެވެ. ނާމާންކަން އުފައްދަނީ އެމެރިކާއިންނެވެ. ހަނގުރާމައާއި، މަޝްވަރާއާއި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މި ބުރު އެނބުރޭ އެނބުރުން ނިމުމަކަށް އަންނަންޖެހޭ ކަމަށާއި، ހަނގުރާމައިގެ ބިރުވެރިކަން ފިލައިދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާއިން ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އެމީހުންގެ އަމަލުތައް ބަދަލުކޮށްގެންނެވެ. ހިސާރުކުރުން ކުރިއަށްދާނަމަ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ނުރައްކާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.










