ކަޅުކަނޑުގައި ދަތުރުކުރި އާގުބޯޓަކަށް ރަޝިޔާ އިން ހަމަލާދީފި، މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި
މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އާދިއްތަ ދުވަހުގެ މުޅި ރޭ ކުރިއަށްދިޔައިރު، ހޯމަ ދުވަހުގެ ހެނދުނު ޔޫކްރެއިންގެ ސީޕޯޓްސް އޮތޯރިޓީން ބުނީ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ނުވަ މީހަކާއި، އެ އޮތޯރިޓީގެ ޕައިލެޓަކު މި ހަމަލާގައި މަރުވެފައިވާކަމަށް

ޔޫކްރެއިނުން މުދާ ބޭރުކުރާ މަގަށް ހުރަސްއެޅުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކާއެކު، ކަޅުކަނޑުން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވޭ | އަންދްރީ ސީބިހާ
ކަޅު ކަނޑުގައި ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ރަޝިއާއިން ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، ޔޫކްރެއިންގެ އޮޑެސާ ސިޓީގެ އައްސޭރިފަށުން ދަތުރުކުރި ބޯޓަކަށް އަމާޒުވި ހަމަލާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.
ޔޫކްރެއިންގެ އެއާ ފޯސްއިން ބުނި ގޮތުގައި، ގިނީ-ބިސާއޫގެ ދިދަ ޖަހާފައިވާ މި ބޯޓަށް ރަޝިއާއިން ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވަނީ އާދީއްތަ ދުވަހު އެވެ. މި ހަމަލާގެ ސަބަބުން ބޯޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މުޅި ރޭ ކުރިއަށްދިޔައިރު، ހޯމަ ދުވަހުގެ ހެނދުނު ޔޫކްރެއިންގެ ސީޕޯޓްސް އޮތޯރިޓީން ބުނީ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ނުވަ މީހަކާއި، އެ އޮތޯރިޓީގެ ޕައިލެޓަކު މި ހަމަލާގައި މަރުވެފައިވާ ކަމަށެވެ.
ގިނީ-ބިސާއޫގެ ދިދަ ޖަހާފައިވާ މި ބޯޓަށް ރަޝިއާއިން ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވަނީ އާދީއްތަ ދުވަހު
ފަހަކަށް އައިސް ރަޝިއާއިން ދަނީ އޮޑެސާ ސަރަހައްދަށް މެދުނުކެނޑި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ޔޫކްރެއިންގެ ޓީވީއަކަށް ހޯމަ ދުވަހު މައުލޫމާތު ދެއްވަމުން އެ ސަރަހައްދުގެ ގަވަރުނަރު އޮލެހް ކިޕާ ވިދާޅުވީ، ހަމައެކަނި ޖުލައި މަހުގެ ތެރޭގައި ރަޝިއާއިން އެ ސަރަހައްދަށް ދިން ހަމަލާތަކުގައި 28 މީހުން މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ކަޅު ކަނޑުގައި ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ރަޝިއާއިން ދޭ ހަމަލާތައް ވެސް މިހާރު ވަނީ އިތުރުވެފަ އެވެ.
އާދީއްތަ ދުވަހު ގިނީ-ބިސާއޫގެ ދިދަ ޖަހާފައިވާ "ގޯލްޑަން ލިއޯ" ބޯޓަށް ދިން ހަމަލާއަކީ މިފަދަ ބޯޓަކަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ މީހުން މަރުވި ހަމަލާ އެވެ.
ބޭރު ގައުމުތަކުގެ ދިދަ ޖަހައިގެން ބައިނަލްއަގުވާމީ ފަޅުވެރިންނާއެކު ދަތުރުކުރާ މި ބޯޓުތަކަކީ، ރޫމޭނިއާ އަދި ބަލްގޭރިއާގެ އައްސޭރިފަށުން ތުރުކީއާ ހަމައަށް މުދާ އުފުލުމަށް ޔޫކްރެއިންއަށް އޮތް ހަމައެކަނި ކަނޑުގެ މަގު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ބޯޓުތަކެކެވެ. ޔޫކްރެއިންގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ތެރެއިން ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މުދާ ބޭރުކުރަނީ ކަނޑުގެ މަގުން ކަމަށްވާއިރު، މިއީ އެ ގައުމަށް ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރު (6.7 ބިލިއަން ޕައުންޑް) ގެ އާމްދަނީއެއް ލިބޭ، ކިއީވް ސަރުކާރަށް ނުހަނު ބޭނުންތެރި ވަސީލަތެކެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރާ އުދުވާނެއް ފެށިތާ ހަތަރު އަހަރާއި ބައި ވެފައިވާއިރު، އޭގެ ތެރެއިން ގިނަ ދުވަސްތަކެއްގައި ކަޅު ކަނޑުގެ ހަނގުރާމަ އޮތީ އެއްވެސް ފަރާތަކަށް ކުރިނުލިބޭ ހާލަތެއްގަ އެވެ.
ކަޅު ކަނޑުގެ އައްސޭރިފަށުގެ ބޮޑު ބައެއް ރަޝިއާގެ ބާރުގެ ދަށުގައި އޮތުމުން ޔޫކްރެއިންގެ ބޯޓުތަކަށް އޮޑެސާގެ ވަށައިގެންވާ ސަރަހައްދުން ބޭރަށް ދަތުރުނުކުރެވުނު ނަމަވެސް، ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުގެ ސަބަބުން ރަޝިއާގެ އަސްކަރީ އުޅަނދުތައް ކަޅު ކަނޑުގެ އިރުމަތީގައި ހުންނަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކުގައި ރައްކާތެރިކޮށް ބެހެއްޓުމަށް މޮސްކޯއަށް ވަނީ މަޖުބޫރުވެފަ އެވެ.
މަސްދަރު: ބީބީސީ










