އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި
3 އޯގަސްޓު 2026 | ހޯމަ 11:03އީރާނުގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތަކުގެ ހަމަލާތަކުގައި އެމެރިކާގެ އަގުބޮޑު އެމް.ކިއު-9 ރީޕަރ ޑްރޯންތަކުގެ ބޮޑު ބައެއް ހަލާކުވެ، އެމެރިކާގެ އަސްކަރިއްޔާއަށް ބިލިއަނެއްހާ ޑޮލަރުގެ ގެއްލުންވެއްޖެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޑްރޯން ފްލީޓް ވަރަށް ބޮޑަށް މަދުވެފައިވާއިރު، އީރާނުގެ ކުރިއަރާފައިވާ ދިފާއީ އުކުޅުތަކުގެ ކުރިމަތީގައި މި ޑްރޯންތަކުގެ ރައްކާތެރިކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައި

އީރާންގެ އާމީ އެއަރ ޑިފެންސް ފޯސްއިން، އެ ގައުމުގެ ހުޅަނގު ސަރަހައްދުން ދުޝްމަނުންގެ އެމްކިއު-9 (MQ-9) މަރުކާގެ ޑްރޯނެއް ވައްޓާލާފައި | އައި އާރް އެން އޭ
ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެމް.ކިއު-9 ރީޕަރ މަރުކާގެ ޑްރޯނެއް ވައްޓާލައިފި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހާމަކޮށްފި އެވެ. މި ޑްރޯން ވައްޓާލާފައިވަނީ އީރާނުން އުފައްދާފައިވާ "ޒަމާނީ އަދި ކުރިއަރާފައިވާ" ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އައި.އާރު.ޖީ.ސީ އިން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.
އައި.އާރު.ޖީ.ސީ ގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ "ސެޕާ ނިއުސް" އިން ކަށަވަރުކޮށްދީފައިވާ މި ހާދިސާއަކީ، އެމެރިކާ ސިފައިން ޖާސޫސީ އަދި ހަމަލާދިނުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.
އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އެމެރިކާގެ އެއަރ ފޯސް އިން "އެންމެ އަގުހުރި ވަސީލަތް" ކަމަށް ސިފަކުރާ އެމް.ކިއު-9 ރީޕަރ ޑްރޯންތަކަށް، ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ހިންގާ "ޓެރަރިސްޓް" ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ އެމެރިކާގެ 24 އަށްވުރެ ގިނަ އެމް.ކިއު-9 ޑްރޯން ހަލާކުކޮށްލާފަ އެވެ. މިއީ ހަނގުރާމައިގެ ކުރިން ޕެންޓަގަންގެ އަތުގައި ހުރި މިފަދަ ޑްރޯންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ. މި ޑްރޯންތަކުގެ ތެރެއިން ކޮންމެ އުޅަނދަކަށް 30 މިލިއަން ޑޮލަރު މަގުން ބަލާއިރު، މިހާތަނަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ބްލޫމްބާގް އަދި "ދަ ވޯ ޒޯން" އިން ހަވާލާދީފައިވާ އެމެރިކާގެ ކޮންގްރެސްގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، އެމެރިކާގެ އެއަރ ފޯސް އިން އޮޕަރޭޝަންތަކުގައި ބޭނުންކުރާ ރީޕަރ ޑްރޯންތަކުގެ އަދަދު މިހާރު ވަނީ 135 އަށް ދަށްވެފަ އެވެ. މިއީ އެމެރިކާއިން އެންމެ މަދުވެގެން ގެންގުޅެން ކަނޑައަޅާފައިވާ 189 ޑްރޯންގެ މިންގަނޑަށްވުރެ މާ ދަށް އަދަދެކެވެ.
މި ޑްރޯންތައް އުފައްދާ ކުންފުނި ކަމަށްވާ "ޖެނެރަލް އެޓޮމިކްސް" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިހާރު ގަންނަން ލިބެން ހުރީ 10 އަށްވުރެ މަދު އުޅަނދެވެ. އަދި އެމް.ކިއު-9 އޭ މަރުކާގެ ޑްރޯންތައް އުފައްދާ ލައިން މިހާރު ވަނީ ބަންދުކޮށްފަ އެވެ.
އައި.އާރު.ޖީ.ސީ އިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ސަރަހައްދީ ރޮނގު މަތިންނާއި، ފާރިސީ ކަނޑުއޮޅި މަތިން އަދި ކުވެއިތާއި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބިމުގައި އޮއްވައި، މިހާތަނަށް އެމެރިކާގެ 41 ނުވަތަ 42 ރީޕަރ ޑްރޯން ވަނީ ހަލާކުކޮށްލާފަ އެވެ.
އީރާނުން ބަދަލުހިފުމުގެ ގޮތުން ހިންގާ "އޮޕަރޭޝަން ނަސްރު-2" ގެ ފަހުގެ ހަމަލާތަކުގައި، އުރުދުންގެ ކިންގް ފައިސަލް އެއަރ ބޭސްގައި ފޮށިތަކުގައި ބަންދުކޮށްފައި ހުރި އަށް އެމް.ކިއު-9 ޑްރޯނެއްގެ އިތުރުން، އެއަރޕޯޓުގެ ރަންވޭމަތީގައި ހުރި ބައެއް އުޅަނދުތައް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ރިޕޯޓްކޮށްފައިވެ އެވެ.
އެމެރިކާގެ އެއަރ ފޯސްގެ ލެފްޓިނެންޓް ޖެނެރަލް ޑޭވިޑް ޓޭބަރ ކޮންގްރެސްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ވީހާވެސް ގިނަ އެމް.ކިއު-9 އޭ ޑްރޯން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ޑްރޯން ފްލީޓަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، އާ އުޅަނދުތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ނުރައްކާ ކުޑަ މާހައުލުތަކުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ރީޕަރ ޑްރޯންތަކަކީ، އީރާނުން އަމިއްލައަށް އުފައްދާފައިވާ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތަކުގެ ކުރިމަތީގައި ނާޒުކު އެއްޗެއްކަން މިހާރު ވަނީ ސާބިތުވެފަ އެވެ. މީގެ ތެރޭގައި "358 ލޮއިޓަރިންގ އިންޓަރސެޕްޓަރ" ހިމެނޭއިރު، ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ވެސް ވަނީ މި ނިޒާމު ބޭނުންކޮށްގެން 2023 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ގާތްގަނޑަކަށް 30 ރީޕަރ ޑްރޯން ވައްޓާލާފަ އެވެ.
މި ސަރަހައްދުގައި ޖާސޫސީ މައުލޫމާތު އެއްކުރުމާއި ހަމަލާދިނުމަށް މި ޑްރޯންތައް އަދިވެސް މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ނުރައްކާތެރި މާހައުލުތަކުގައި މި އުޅަނދުތަކަށް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރެވިދާނެތޯ މިހާރު ސުވާލު އުފެދިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ އެއްބަސްވެފަ އެވެ.










