އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު
3 އޯގަސްޓު 2026 | ހޯމަ 09:52އީރާނަށް ދޭން ނިންމި ވަރުގަދަ ހަމަލާތައް މަޑުޖައްސާލައި، އެ ގައުމާއެކު މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އިރު އީރާނުން ބުނީ އެމެރިކާ އާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމުގައި. އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަމާ ގުޅޭގޮތުން އީރާނުން ދަނީ އޮމާނާއެކު ވަކިން މަޝްވަރާ ކުރަމުން ކަމަށް

ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 2026 މާރިޗު 7 ވަނަ ދުވަހު، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ގެ ފްލައިޓް ޑެކުން "އީއޭ-18ޖީ ގްރޯލާ" މަރުކާގެ ބޯޓެއް އުދުއްސާލުމަށް ތައްޔާރުވަނީ | އެލަމީ
އީރާނުން މިވަގުތު އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށާއި، ނަމަވެސް ހުރްމުޒް ކަނޑުއޮޅިން ރައްކާތެރި ވަގުތީ މަގެއް ހޯދުމާ ގުޅޭގޮތުން އޮމާނާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބަޣާއީ އިތުރަށް ވިދާޅުވީ، އޮމާނާއެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެއީ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ "އުދުވާނީ" އަމަލުތައް ކުރިއަށްދާހާ ހިނދަކު، މިހާރު އޮތް ހާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ވަންނާނެ އަދި ނުކުންނާނެ ވަކި ލޭންތަކެއް ހިމެނޭ އާ މަގެއް އުފެއްދުމާ ގުޅޭގޮތުން އީރާނުން ދަނީ އޮމާނާއެކު މަޝްވަރާ ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނަށް ދޭން ނިންމި "ބިރުވެރި" ހަމަލާތައް މަޑުޖައްސާލައި، އެއްބަސްވުމަކަށް ދިއުމަށްޓަކައި އީރާނާއެކު ކުރާ މަޝްވަރާތައް ހޯމަ ދުވަހު ފަށާނެ ކަމަށެވެ.
އާދީއްތަ ދުވަހު ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ހަމަލާއެއް ބޭނުންނުވާކަން ސާފުވާ ކަމަށާއި، ހަމަލާ ދޭން ތައްޔާރުވަމުންދިޔަ މަންޒަރު ފެނުމުން އެ ހަމަލާގެ ނުރައްކާތެރިކަން އެ ގައުމަށް ވަޒަންކުރެވުނު ކަމަށެވެ.
މަޝްވަރާތައް ބާއްވާނެ ތަނެއް ނުވަތަ ބައިވެރިވާނެ ފަރާތްތަކުގެ ތަފްސީލެއް ދެއްވުމެއް ނެތި ޓްރަމްޕް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ މަޝްވަރާގެ އުސޫލުން އެ ގައުމާ ވާހަކަދެއްކުން ކަމަށާއި، އެ މަސައްކަތް މާދަމާ މެންދުރުފަހު ފެށޭނެ ކަމަށެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވޭނެ އެންމެ ވަރުގަދަ ހަމަލާ އީރާނަށް ދޭނެ ކަމަށް ވިދާޅުވެ ކުރިން ދެއްވި އިންޒާރުތަކުން ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ފަސްޖެހިވަޑައިގެންފަ އެވެ. އަދި އެއްބަސްވުމަކަށް އާދެވޭނެ ފުރުސަތު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، ދޭން ރޭވި ހަމަލާއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވޭނެ އެންމެ ބޮޑު ހަމަލާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެފަދަ ހަމަލާއެއް ދީފިނަމަ، އެ ގައުމު އަލުން އާރާސްތުކުރަން އެތައް އަހަރެއް ނަގާނެ އެވެ. އަދި އެއީ އަލުން އާރާދުކުރެވޭނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި ހަމަނުޖެހުންތައް ފެށުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން ދޭތެރެއަކުން މަސްލަހަތު ފިނިވެފައިވެ އެވެ.
ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރިން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ފާއިތުވި ހަފުތާތަކުގައި ދެ ގައުމުން އަލުން ހަމަލާ ބަދަލުކުރަން ފެށުމާއެކު، އީރާނުން ވަނީ އެ ކަނޑުއޮޅީގެ ކޮންޓްރޯލް ކުރިއަށްވުރެ ވަރުގަދަކޮށްފަ އެވެ.
މަސްދަރު: އަލް އަރަބިއްޔާ










