އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
2 އޯގަސްޓު 2026 | އާދީއްތަ 05:52އީރާނުގެ ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނައުމާއި ހުރުމުޒް ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަމާއެކު، އެ ގައުމަށް ދޭން އުޅުނު ވަރުގަދަ ހަމަލާތައް ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ. ސަރަހައްދީ ގައުމުތަކުގެ އެދުމުގެ މަތިން މި ނިންމުން ނިންމެވިއިރު، އެމެރިކާއާއި އިސްރާއީލުން ދިޔައީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ބޮޑު ހަމަލާއެއް ދޭން ތައްޔާރުވަމުން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް
އީރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެ ގައުމަށް ދޭން ނިންމާފައިވާ ހަމަލާތައް ކެންސަލް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު އަވަސް ފުރުސަތެއްގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަމުގެ މައްޗަށް ބިނާކޮށް، އެ ގައުމަށް ދޭން އުޅުނު ހަމަލާތައް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނައުން ހިމެނޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައިވަނީ އިސްރާއީލާ ވެސް މަޝްވަރާ ކުރުމަށްފަހުގަ އެވެ. މިކަން އިއުލާން ކުރައްވާފައި މިވަނީ، މި ހަފުތާ ބަންދުގައި އެމެރިކާއިން އީރާނަށް ވަރުގަދަ އާ ހަމަލާތަކެއް ދޭން ރާވަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ ކުރިން ތެހެރާނުން ވަނީ މަސްރަހު ގޯސްކުރަނީ އެމެރިކާއިން ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ. އަދި އެމެރިކާއަށް އެއްބާރުލުންދޭ ސަރަހައްދީ ކޮންމެ ގައުމެއް ވެސް "ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް ގެނބިގެންދާނެ" ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ ފަދަ އަސްކަރީ ބާރާއި ނުރައްކާތެރިކަމާއެކު، އިސްލާމީ ޖުމްހޫރިއްޔާ އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ އޮތީ "ލޮކް އެންޑް ލޯޑް" ހާލަތުގައި ތައްޔާރަށް ކަމަށެވެ.
ނަމަވެސް، ހަމަލާ ދިނުން މަޑުޖައްސާލައި އެއްބަސްވުމަކަށް ފުރުސަތު ދިނުމަށް އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެދުމާ ގުޅިގެން، ހަމަލާތައް ކެންސަލް ކުރަން ނިންމެވީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެއްބަސްވުމަކަށް ދިއުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގެ މައިގަނޑު އޮނިގަނޑަށް މިހާރު އަމަލީ ސިފަ އައިސްފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި އެއްކޮށް ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނައުން ހިމެނޭނެ،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެއްޖެ ހާލަތެއްގައި، އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރަށް ތިބުމަށާއި ސަމާލުވުމަށް އެމެރިކާ ސަރުކާރުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޮނިހިރު ދުވަހު ނެރުނު ސަލާމަތީ އިންޒާރުގައި ބުނެފައިވަނީ، މިވަގުތު މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ނުހަނު ސަމާލުވާންޖެހޭނެ ކަމަށާއި، ފްލައިޓްތައް ކެންސަލްވުމާއި، ވައިގެ ސަރަހައްދު ބަންދުކުރުމާއި، ދަތުރުފަތުރަށް ކުރިމަތިވެދާނެ ހުރަސްތަކަށް ތައްޔާރުވެގެން ތިބެންޖެހޭނެ ކަމަށެވެ.
އެމެރިކާގެ ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ދިޔައީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް، މިހާތަނަށް ދޭ އެންމެ ވަރުގަދަ ބޮމުގެ ހަމަލާތައް ދިނުމަށް ރާވަމުންނެވެ.
މި ރޭވުންތަކާ ގުޅޭގޮތުން ހުކުރު ދުވަހު ބޭއްވި ޓްރަމްޕްގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ސީބީއެސްއިން ރިޕޯޓްކުރެ އެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިންގެ ހާޒިރުގައި ޓްރަމްޕް ވިދާޅުވީ، "އަހަރެމެން އެމީހުންނަށް (އީރާނަށް) ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނަން. ވަކި ހިސާބަކުން އެމީހުން ބުނާނެ ތިމަންނަމެންނަށް ދެން ކެތެއް ނުކުރެވޭނެއޭ."
އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހު ޓްރަމްޕާ ފޯނުން ގުޅުއްވައި، އީރާނަށް ދޭން އުޅޭ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ރޮއިޓާސް އިން ވެސް ވަނީ މި ފޯން ކޯލްގެ މައުލޫމާތު ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ އޭޕްރީލް މަހު ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ޖޫން މަހު އުވާލުމާ ގުޅިގެން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ދަނީ އެއް ގައުމުން އަނެއް ގައުމަށް ހަމަލާތައް ބަދަލުކުރަމުންނެވެ.
މި ހަފުތާގެ ކުރީކޮޅު އެމެރިކާއިން ބުނެފައިވަނީ، އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު ބެލިސްޓިކް މިސައިލް ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، އެ ގައުމުގެ އެކި ތަންތަނަށް ބޮން އަޅަމުންދާއިރު، އީރާނުން ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާ ދެމުންނެވެ. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ވެސް އީރާނުން ދަނީ އަމާޒުކުރަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ 28 ގަ އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
މަސްދަރު: ބީބީސީ










