އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު
2 އޯގަސްޓު 2026 | އާދީއްތަ 10:08އީރާންގެ މެހެރު ނިއުސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަޖީދު އިބްނު އަލް ރިޒާ ވިދާޅުވީ ނަފްސާނީ ހަނގުރާމައެއްގެ ބައެއްގެ ގޮތުގައި ދޭ އިންޒާރުތަކަށް ވީ ނަމަވެސް، އެ ޤައުމުން އެފަދަ ކޮންމެ ކަމަކަށް ވަރަށް ސީރިއަސްކޮށް ސަމާލުކަން ދޭނެ ކަމަށް. އަދި ދުޝްމަނުންގެ ފަރާތުން އަތުވެދާނެ ކޮންމެ ހަމަލާއަކަށް އީރާން އޮތީ ފާރަވެރި ވެގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި


އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު މަޖީދު އިބްނު އަލް ރިޒާ | ސޯޝަލް މީޑިއާ
އީރާންއާ އިދިކޮޅު ޤައުމުތަކުން، ނުވަތަ ދުޝްމަނު ޤައުމުތަކުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނެ ކަމަށް، އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު މަޖީދު އިބްނު އަލް ރިޒާ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އީރާން އާއި އެމެެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގައި، އީރާންގެ އަސްކަރީ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އީރާންގެ މެހެރު ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަޖީދު އިބްނު އަލް ރިޒާ ވިދާޅުވީ ނަފްސާނީ ހަނގުރާމައެއްގެ ބައެއްގެ ގޮތުގައި ދޭ އިންޒާރުތަކަށް ވީ ނަމަވެސް، އެ ޤައުމުން އެފަދަ ކޮންމެ ކަމަކަށް ވަރަށް ސީރިއަސްކޮށް ސަމާލުކަން ދޭނެ ކަމަށެވެ. އަދި ދުޝްމަނުންގެ ފަރާތުން އަތުވެދާނެ ކޮންމެ ހަމަލާއަކަށް އީރާން އޮތީ ފާރަވެރިވެގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ވަގުތީ ޑިފެެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުއްލި ސިހުމެއް ލިބޭނެ ފަދަ އެއްވެސް ފުރުސަތެއް އީރާން އިން ނުދޭނެ ކަމަށާއި، އަދި އިންޒާރުތަކުގެ ކުރިމަތީގައި އަތް އުރާލައިގެން އީރާން ނޯންނާނެ ކަމަށެވެ. އީރާންގެ ސިޔާސަތަކީ ކުރިމަތިވާ އިންޒާރުތަކުގެ މައްޗަށް ބިނާކޮށް، އަސްކަރީ ތައްޔާރީތައް އިތުރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޤައުމުގެ ދިފާއީ ބާރު ވަރުގަދަކޮށް، އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި މިފަދަ އިންޒާރުތައް ބޭނުން ކުރާނެ ކަމަށް ވެސް، މަޖީދު އިބްނު އަލް ރިޒާ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާންގެ އަމާޒަކީ ދުޝްމަނުން ހަމަލާއެއް ދިނުމަށް ޖެހިލުންވާނެ ފަދަ ވަރުގަދަ ދިފާއީ ނިޒާމެއް ޤާއިމުކޮށްފައި ބޭއްވުމެވެ.
އީރާާންގެ ވަގުތީ ޑިފެންސް މިނިސްޓަރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މި ވަނީ، މެދުއިރުމަތީގައި އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާ އަށް ބޮޑުވެ، ބަދަލު ހިފުމުގެ ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެވެ. އީރާން އިން ދަނީ އެ ޤައުމުގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަސްކަރީ ތަމްރީނުތަކާއި، ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހަލުވި ކުރަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ










