މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި
1 އޯގަސްޓު 2026 | ހޮނިހިރު 17:12މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެތީ، އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން ވަނީ އިންޒާރު ދީފައެވެ. އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި، ދަތުރުފަތުރަށް ހުރަސްއެޅިދާނެތީ ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މި ފޮޓޯއިން ފެންނަނީ ބެއިރޫތުގެ އިރުމަތީގައި އޮންނަ އައުކާރުގައި ހުންނަ އެމެރިކާ އެމްބަސީގެ އިމާރާތް | އޭއެފްޕީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް "ނުވިސްނާ ތިއްބާ އިތުރަށް ގޯސްވެދާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައްޔިތުންނަށް ދީފި އެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އެ ގައުމުތަކުން ފުރަން ތައްޔާރަށް ތިބުމަށް ވެސް އެމްބަސީތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އައްމާން، ގުދުސް، މަސްކަޓް، ބަޣުދާދު އަދި ބެއިރޫތުގައި ހުންނަ އެމެރިކާގެ މިޝަންތަކުން ސޯޝަލް މީޑިއާގައި އާންމުކުރި ސަލާމަތީ އިންޒާރުގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން އެ ގައުމުތަކުން ފުރައިގެން ދިއުމަށް ވިސްނަންޖެހޭ ކަމަށާއި، ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެއްޖެ ހާލަތެއްގައި ފުރަން ތައްޔާރުވެގެން ތިބެންޖެހޭނެ ކަމަށެވެ.
އެމްބަސީތަކުގެ މެސެޖުތަކުގައި އެމެރިކާ ރައްޔިތުންނަށް އިރުޝާދު ދީފައިވަނީ ފްލައިޓްތަކުގެ ތަފުސީލުތައް ބަލަމުން ގެންދިއުމަށާއި، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ދޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.
މީގެ އިތުރުން، މިވަގުތު މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި، ފްލައިޓްތައް ކެންސަލްވުމާއި، ދޭތެރެ ދޭތެރެއިން ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ އިތުރުން ދަތުރުފަތުރަށް ކުރިމަތިވެދާނެ ހުރަސްތަކަށް ތައްޔާރުވެގެން ތިބުމަށް ވެސް އެ އިންޒާރުގައި ބުނެފައިވެ އެވެ.
އުރުދުންގައި ތިބި އެމެރިކާ ރައްޔިތުން އެ ގައުމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ނުދިއުމަށް ވަނީ އަންގާފަ އެވެ. އެ މަރުކަޒުތަކަށް ދާދިފަހުން އީރާނުން ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. ހަމައެއާއެކު، އިސްރާއީލުގައި ތިބި އެމެރިކާ ރައްޔިތުންނަށް ވަނީ އެންމެ ކައިރީގައި ހުރި ބޮން ޝެލްޓަރތައް ހުރި ތަންތަން ދެނެގަތުމަށް އިލްތިމާސްކޮށްފަ އެވެ.
ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީގެ ވެބްސައިޓުގައި ބުނެފައިވަނީ، އީރާނުގެ ސަރުކާރަކީ ކަންކަން ކުރާނެ ގޮތް ލަފާކުރަން ނޭނގޭ ބައެއް ކަމަށެވެ. އެގޮތުން އެއްވެސް އިންޒާރަކާ ނުލައި އަދި ކުރިމަތިވި ކުރިމަތިލުމަކާ ނުލައި އެ ސަރަހައްދުގެ އެކި ތަންތަނަށް ހަމަލާދިނުމަށް އީރާނުން ނިންމާފައިވާ ނިންމުންތަކާއި، ކުރިން ހަމަލާ އަމާޒުނުކުރާ މިސްރު ފަދަ ގައުމުތަކަށް ހަމަލާތައް ފުޅާކުރުމަކީ މީގެ ހެއްކެއް ކަމަށް އެމްބަސީން ފާހަގަކޮށްފައިވެ އެވެ.
ބެއިރޫތުގައި ހުންނަ އެމެރިކާ އެމްބަސީން ބުނި ގޮތުގައި، އެ މިޝަން އަދިވެސް އޮތީ "އޯޑަރޑް ޑިޕާޗަރ ސްޓޭޓަސް" ނުވަތަ މުވައްޒަފުން ފޮނުވާލަންޖެހޭ ހާލަތުގަ އެވެ. މީގެ މާނައަކީ ކޮންމެހެން ތިބެންޖެހޭ މުވައްޒަފުން ފިޔަވައި އެމެރިކާ ސަރުކާރުގެ އެހެން މުވައްޒަފުން އަދިވެސް ތިބީ ލުބުނާނުން ބޭރަށް ބަދަލުކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހު މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ ގޭސް އުޅަނދަކަށް ޑްރޯން ހަމަލާއެއްދީ، އެ އުޅަނދުގައި ވަނީ އަލިފާން ރޯވެފަ އެވެ. މިސްރުން މި ހާދިސާ ތަހުގީގު ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެ އެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވޮޝިންޓަނަށް ތުހުމަތުކޮށްފައިވަނީ އެ ސަރަހައްދުގައި "ނުތަނަވަސްކަން އިތުރުކުރަމުންދާ" ކަމަށެވެ. އަދި "ކުށްވެރި، އަނިޔާވެރި އެމެރިކާގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް ގެނބިގެންދާނެ" ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ.
މި ހަފުތާގައި، ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އީރާނާއި އެމެރިކާއާ ދެމެދު ރޭގަނޑު ވަގުތުތަކުގައި ހަމަލާ ބަދަލުކުރުން އަލުން ފަށާފައިވީ ނަމަވެސް، ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެއްވެސް ހަމަލާއެއް ދީފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
މެދުއިރުމަތީގެ މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.
މަސްދަރު: އޭއެފްޕީ










