ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު
31 ޖުލައި 2026 | ހުކުރު 18:03އެމެރިކާއާއި އިސްރާއީލުން ސަރަހައްދީ މަސްރަހު ގޯސްކުރަން ކުރާ މަސައްކަތްތަކަށް އީރާނުގެ އަސްކަރިއްޔާއިން ވަރުގަދަ އިންޒާރެއް ދީފި. އީރާނުގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް އަބްދުﷲ ހީ ވިދާޅުވީ، ހަމަލާދިނުމަށްފަހު ފިލައިގެންދާ ޒަމާން މާޒީވެފައިވާ ކަމަށާއި، ދުޝްމަނުންގެ ކޮންމެ އަމަލަކަށް ހިތާމަކުރަންޖެހޭ ފަދަ ރައްދެއް ދޭނެ ކަމަށް. އެހެންކަމުން، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ ފަދަ އިތުރު ގޯހެއް ނުހެދުމަށް އޭނާ ވަނީ ގޮވާލައްވާފައި

އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ އެންމެ އިސް ކޮމާންޑަރު، މޭޖަރ ޖެނެރަލް އަލީ އަބްދުﷲހީ. | ޕްރެސްޓީވީ
އެމެރިކާއާއި އެ ގައުމުގެ މަދަދުގާރުންނަށް މިހާރު ވަރަށް ބޮޑަށް ގަބޫލުކުރެވިފައިވަނީ، ގަލްފް ގައި އެމީހުން ބޭނުންކުރާ އަސްކަރީ ސާމާނުގެ ތެރޭގައި ސަންދޯއްތަކަކީ ވަކިނުކުރެވޭނެ މުހިންމު ބައެއް ކަމަށް އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ އެންމެ އިސް ކޮމާންޑަރު ވިދާޅުވެއްޖެ އެވެ. އަދި ހަމަލާދިނުމަށްފަހު ފިލައިގެންދާ ޒަމާން މާޒީވެފައިވާ ކަމަށް ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއި ވިދާޅުވި ތާރީޚީ ބަސްފުޅު އޭނާ ވަނީ އަލުން ތަކުރާރު ކުރައްވާފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި މެސެޖެއްގައި މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ހީ ވިދާޅުވީ، އެމެރިކާއާއި އެ ގައުމުގެ މަދަދުގާރުންނަށް މިއަދު އެމީހުންގެ ހިތުގެ އަޑިން ގަބޫލުކުރެވޭ ހަގީގަތަކީ، މި ސަރަހައްދުގައި އެމީހުން ގެންގުޅޭ ހަތިޔާރާއި ސާމާނުގެ ތެރޭގައި އެމީހުންގެ އަމިއްލަ ސަންދޯއްތައް ވެސް ހިމެނޭ ކަމެވެ.
އީރާނުގެ ސިފައިންގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓްގެ ވެރިޔާގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން، އިސްލާމީ އިންގިލާބުގެ ޝަހީދުވެފައިވާ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ބަސްފުޅުތައް އޭނާ ތަކުރާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ ލީޑަރު ވިދާޅުވެފައިވާ ފަދައިން، އެއްވެސް އަދަބެއް ނުލިބި ހަމަލާދިނުމަށްފަހު ފިލައިގެންދާ ޒަމާން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ މެދުގައި ކޯޑިނޭޝަން ބަލަހައްޓާ އެންމެ މަތީ ކޮމާންޑަރު، މޭޖަރ ޖެނެރަލް އަބްދުﷲ ހީ ވަނީ ވޮޝިންޓަނާއި އެ ގައުމުގެ ޒަޔަނިސްޓް ބައިވެރިންނަށާއި ސަރަހައްދީ އެހީތެރިންނަށް، ކަންކަން ނިންމުމުގައި އިތުރު ގޯހެއް ނުހެދުމަށް ތަކުރާރުކޮށް އިންޒާރު ދެއްވާފަ އެވެ.
އޭނާގެ މި ވާހަކަތައް އައިސްފައިވަނީ އެމެރިކާއާއި އިސްރާއީލުން އިސްވެ ކުރަމުންދާ ހަނގުރާމަތަކުގެ ތެރެއިން، 40 ދުވަހުގެ ހަނގުރާމައިގެ ކުރީކޮޅު ފެބްރުއަރީ 28 ވަނަ ދުވަހު ދިން ލާއިންސާނީ ހަމަލާއެއްގައި އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގަ އެވެ. މީގެ އިތުރުން ހުޅަނގު އޭޝިއާގައި އެމެރިކާ ސިފައިން ގަވާއިދާ ޚިލާފަށް ތިބުމާއި، އެމީހުން ހިންގާ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އީރާނުގެ އަސްކަރީ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމެރިކާ ސިފައިންނާއި އެމީހުންގެ ބައިވެރިން މި ސަރަހައްދުގައި ތިބުމަކީ ހަމަލާދޭ ފަރާތްތަކަށް އޭގެ ބަދަލުގައި ލިބޭ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ. މިއީ އީރާނުގެ ރައްޔިތުންނާއި "އެކްސިސް އޮފް ރެސިސްޓެންސް" އިން ދައްކަމުންދާ ސާބިތުކަމުގެ ސަބަބުން ސާފުވަމުންދާ ހަގީގަތެއް ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ ދުޝްމަނުންގެ ޒަމާނީ ހަތިޔާރުތަކާއި ތަފާތު ހަނގުރާމައިގެ އުކުޅުތަކާ އެކުވެސް، އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މީގެން ދޭހަކޮށްދެނީ އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އަމަލަކަށް ވަރުގަދަ އަދި ހިތާމަކުރަންޖެހޭ ފަދަ ރައްދެއް ދޭނެ ކަމެވެ.
ޚާތަމުލް އަންބިޔާގެ ކޮމާންޑަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ، އިސްލާމީ އިންގިލާބުގެ އާ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ހުސައިނީ ޚާމަނާއީގެ އިރުޝާދުގެ ދަށުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި އިންގިލާބުގެ ކާމިޔާބީތައް ދިފާއުކުރުމުގައި އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
މިއީ އެއްވެސް އަދަބެއް ނުލިބި ހަމަލާދެވޭނެ ޒަމާން މާޒީވެފައިވާ ކަމުގެ ސާފު އިންޒާރެކެވެ. އަދި މުސްލިމް އުންމަތާއި މިނިވަންކަމަށް ލޯބިކުރާ ގައުމުތަކާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ބަދަލުގައި، އިސްތިއުމާރީ ބާރުތަކުން ބޮޑު އަގު ދައްކަންޖެހޭނެ ކަމުގެ އިންޒާރުވެސް މި މެސެޖުގައި ވަނީ ދީފަ އެވެ.










