އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
1 އޯގަސްޓު 2026 | ހޮނިހިރު 16:17އިސްރާއީލަށް އަމާޒުވާ މިސައިލްތަކުން ދިފާއުވުމަށް ބޭނުންވާ ވަރަށް އެމެރިކާގެ އަސްކަރިއްޔާގައި "ޑިސްޓްރޯޔާ" މަނަވަރު ނެތް ކަމަށް ޔޫރަޕިއަން ކޮމާންޑްގެ ވެރިޔާ ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ ޕެންޓަގަންއަށް އިންޒާރު ދެއްވާފަ. ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ މިސައިލް ސްޓޮކް ހުސްވަމުންދާތީ، އިސްރާއީލުގެ ބަދަލުގައި އެމެރިކާގެ އަމިއްލަ ވަޒަން ދިފާއުކުރުމަށް އިސްކަންދޭން މަޖުބޫރުވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި

ޔޫއެސް ޔޫރަޕިއަން ކޮމާންޑުގެ އިސްވެރިޔާ ޖެނެރަލް އެލެކްސަސް ގްރިންކެވިޗް | ގެޓީ އިމޭޖަސް
އިރާނާއި އެ ގައުމުގެ ބައިވެރިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާ މިސައިލްތަކުން ދިފާއުވުމަށް ބޭނުންވާ ވަރަށް އެމެރިކާގެ އަސްކަރިއްޔާގައި "ޑިސްޓްރޯޔާ" މަނަވަރު ނެތް ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު އިންޒާރު ދެއްވައިފި އެވެ.
ވޮޝިންގޓަން ޕޯސްޓުން ހޮނިހިރު ދުވަހު ޝާއިއުކުރި އެކްސްކްލޫސިވް ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ ވެރިޔާ ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ، އިސްރާއީލަށް އަމާޒުވާ ބެލިސްޓިކް މިސައިލްތަކުން އެ ގައުމު ސަލާމަތްކުރުމަށް ބޭނުންވާ ވަރަށް ކަނޑުގެ ސިފައިންގެ ފައުޖުތައް ނެތް ކަމަށް ބުނެ ޕެންޓަގަންއަށް ލިޔުމުން އިންޒާރު ދެއްވާފަ އެވެ.
މި ރިޕޯޓުގައި ހަވާލާދީފައިވަނީ، ޖެނެރަލް ގްރިންކެވިޗާއި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓާ ދެމެދު ބަދަލުކުރެވުނު ސިއްރު ސިޓީތައް ފެނިފައިވާ އެމެރިކާ ސަރުކާރުގެ ނަން ހާމަނުކުރާ އޮފިޝަލުންތަކެއް ދެއްވި މައުލޫމާތުގެ މައްޗަށެވެ.
އެ ސިޓީގައި ގްރިންކެވިޗް އިންޒާރު ދެއްވާފައިވަނީ، ކަނޑުގެ ސިފައިންގެ އިތުރު ޑިސްޓްރޯޔާ މަނަވަރެއް ނުލިބިއްޖެނަމަ، އިސްރާއީލު ދިފާއުކުރުމުގެ ބަދަލުގައި އެމެރިކާގެ އަމިއްލަ ވަޒަން ނުވަތަ "ހޯމްލޭންޑް" ދިފާއުކުރުމަށް އޭނާގެ ކޮމާންޑުން އިސްކަންދޭން މަޖުބޫރުވާނެ ކަމަށެވެ.
ޖެނެރަލް ގްރިންކެވިޗަކީ މެދުތެރޭ ކަނޑުގެ އިރުމަތީ ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވިލަރެސްކުރާ ކޮމާންޑްގެ ވެރިޔާ އެވެ. އެ ސަރަހައްދަކީ ގިނަ އަހަރުތަކެއް ވަންދެން އިސްރާއީލު ދިފާއުކުރުމަށްޓަކައި އެމެރިކާގެ ޑިސްޓްރޯޔާ މަނަވަރުތަކާއި ކަނޑުގެ އަސްކަރީ ވަސީލަތްތައް ބޭނުންކުރަމުންދާ ސަރަހައްދެކެވެ.
ބާރުގަދަ ރާޑަރު ސިސްޓަމްތަކާއި ގިނަ އަދަދެއްގެ މިސައިލްތަކުން ހަތިޔާރު އަޅާފައިވާ އެމެރިކާގެ މި މަނަވަރުތަކުން ދަނީ، އިރާނުގެ އިތުރުން ޔަމަނުން އިސްރާއީލުން ހިފާފައިވާ ބިންތަކަށް އަމާޒުކޮށް ފޮނުވާލާ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އެމެރިކާގެ މައި ބިމަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި ދުރު ރާސްތާގެ މިސައިލްތައް ރަޝިޔާ އަތުގައި ހުރުމާއެކު، ނޭޓޯގެ އިއްތިހާދުގެ ދަށުން ރަޝިޔާއިން ދީފާނެ ކޮންމެ ހަމަލާއަކުން ދިފާއުވުމުގެ ޒިންމާވެސް އޮންނަނީ އެމެރިކާގެ ޔޫރަޕިއަން ކޮމާންޑަށެވެ.
ގްރިންކެވިޗްގެ މި އިންޒާރު އައިސްފައިވަނީ، އެމެރިކާއިން އިރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ފޮނުވާލާ މިސައިލްތަކާއި ޑްރޯންތަކާ ކުރިމަތިލުމަށް ބޭނުންވާ ވަޒަނާއި، ހާއްސަކޮށް މިސައިލް ހުއްޓުވާ "އިންޓަރސެޕްޓަރ" ތައް އެމެރިކާގެ އަސްކަރިއްޔާގައި މަދުވަމުންދާ ކަމަށް ރިޕޯޓުތައް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.
ވޮޝިންގޓަންގައި ހުންނަ ސެންޓަރ ފޯ އިންޓަރނޭޝަނަލް އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްއިން ހެދި ދިރާސާއެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިރާނާ ދެމެދު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވި، ޖޫން މަހުގެ މެދުތެރޭގައި ސޮއިކުރި ފަހުމުނާމާ ބާތިލުވުމާ ގުޅިގެން، އެމެރިކާގެ "ޕެޓްރިއަޓް" މިސައިލް ސިސްޓަމްގެ ވަސީލަތްތައް ދަނީ ހުސްވަމުން ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އޭޕްރިލް މަހު ނެރުނު އަންދާޒާތަކުން ދެއްކި ގޮތުގައި އެމެރިކާގެ ޕެޓްރިއަޓް މިސައިލް ރަސްމީ ސްޓޮކްގެ 55 އިންސައްތަ ވަނީ ހުސްވެފަ އެވެ. އަދި އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި އެ އަދަދު ވަނީ އިތުރު 10 އިންސައްތައަށް ދަށަށް ގޮސްފަ އެވެ.
ފޮރިން ޕޮލިސީ ރިސާޗް އިންސްޓިޓިއުޓުން ނެރުނު ވަކި ރިޕޯޓެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި، އެމެރިކާއިން އަހަރަކު އުފައްދަނީ ގާތްގަނޑަކަށް 600 ޕެޓްރިއަޓް އިންޓަރސެޕްޓަރެވެ. އަދި ޔޫކްރެއިނަށް ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވުމުގެ ސަބަބުން، މިހާރު ހުރި ސްޓޮކަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ.
މިކަން މިހެން ދިމާވެފައި މިވަނީ، އިރާނުގެ އިސް އޮފިޝަލުންނާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް ހަމަލާދީގެން ފެށި، ނާކާމިޔާބު އަދި ބޮޑު ހޭދައެއް ހިނގާ ހަނގުރާމައިން ސަލާމަތްވާނެ ގޮތެއް ހޯދުމަށް ވޮޝިންގޓަނުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް މުހައްލިލުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ އަސްކަރީ މަނަވަރުތައް މަދުވެފައި މިވަނީ، އިރާނާއި ޔަމަނުން އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތަކުގެ މައްޗަށް ހިންގާ ބާރު ކަނޑުވާލުމަށްޓަކައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އިރާނުގެ ދެކުނު ކަނޑުގެ ސަރަހައްދާއި ޔަމަން ކައިރިއަށް ވިއްސަކަށް ހަނގުރާމަމަތީ މަނަވަރު ޖަމާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެމެރިކާގެ މި މަސައްކަތުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.










