އިގްތިސާދީ މާހިރުންގެ ބަހަށް ގޮންޖައްސަވައި ފަލާހު: ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް
28 ޖުލައި 2026 | އަންގާރަ 07:18ޕެންޝަން ފަންޑާއި ބޭންކުތަކުގެ ސޭވިންގްސްގައި ހުންނަ ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ. ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަނީ، މި ސަރުކާރުން ފައިސާ ޗާޕުކުރުމާ ދެކޮޅު ހަދައި އެކަން ނުކުރުމުން ކަމަށް ފަލާހު ވިދާޅުވި


ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު | މަޖިލިސް
ޕެންޝަން ފަންޑުގައި ނުވަތަ ބޭންކުތަކުގެ ސޭވިންގސް އެކައުންޓުތަކުގައި ހުންނަ ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ބޭންކުތަކުގައި ސޭވިންގގެ ގޮތުގައި ބަހައްޓާފައި ހުންނަ ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ކަމަށް ނުނިންމޭނެ ކަމަށެވެ. ބޭންކުތަކުގައި މުއްސަނދިން ބަހައްޓާފައި ހުންނަ ފައިސާއިން ލޯނު ދޫކުރުން ފަދަ ކަންކަމަށް ވެސް ބޭނުންކުރާކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ސޭވިންގގެ ގޮތުގައި ބަހައްޓާފައިވާ ފައިސާއިން ލޯނު ދޫކުރުމަކީ ފައިސާ ޗާޕުކުރުން ކަމަށް ދޭހަވާ މޭރުމަކުން ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ނިޔަތުގައި އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށެވެ.
ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަނީ، މި ސަރުކާރުން ފައިސާ ޗާޕުކުރުމާ ދެކޮޅު ހަދައި އެކަން ނުކުރުމުން ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއްވެސް އިދާރާއެއްގެ ސޭވިންގގައި ހުންނަ ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
މި ސަރުކާރުން ފައިސާ ޗާޕުނުކުރީމާ މިހާރު މި ދައްކަނީ ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކޮށްފިއޭ، އެހެންވެއްޖިއްޔާ ބޭންކްތަކުގައި މީހުން ސޭވިންގގައި ބަހައްޓާފައި ހުންނަ ފައިސާ ނަގައިގެން ބޭނުންކުރަން ފެށީމައި ވެސް އެއީ ފައިސާ ޗާޕުކުރީ، އެއްވެސް ތަނެއްގެ ސޭވިންގގައި ހުންނަ ފައިސާ ކޮންމެހެން ނަގައިގެން އެ ބޭނުން ކުރުމަކީ ފައިސާ ޗާޕުކުރުން ކަމަކަށް ނުބެލެވޭނެއިބްރާހީމް ފަލާހު
ފަލާހު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނުގެ ދައުރު ނިމުނުއިރު ދައުލަތުގެ ބަޖެޓުގައި ހުރީ ގާތްގަނޑަކަށް 9 ނުވަތަ 10 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ދައުލަތުގެ ބަޖެޓް 50 ބިލިއަން ރުފިޔާއިން މައްޗަށް މިހާރު އަރާފައިވާ ކަމަށެވެ. ނަމަވެސް އާމްދަނީގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް 34 ނުވަތަ 35 ބިލިއަން ރުފިޔާ ކަމަށާއި މި ފަރަގުގެ ސަބަބުން އަހަރެއްގެ މައްޗަށް 12 ބިލިއަނާއި 15 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދައުލަތް ދަރަނިވެރިވަމުން ގޮސް ދައުލަތުގެ ދަރަނި 160 ބިލިއަނާއި 180 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އުފުލިފައިވާ ކަމަށެވެ.
ފަލާހު މި މޭރުމުން ވިދާޅުވި ނަމަވެސް، އިގްތިސާދީ މާހިރުންނާއި ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ސަރުކާރުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ސަރުކާރުން ގެންދަނީ ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލަމުން ކަމަށް ސިފަކޮށް، މި ސަރުކާރުގެ އިގްތިސާދީ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
މި މައްސަލައާ ގުޅިގެން ޕެންޝަން އޮފީހުގެ ބައެއް މުވައްޒަފުން މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެ ބޭފުޅުންގެ އިސްތިއުފާ ގުޅެނީ ސަރުކާރުން ގެންގުޅޭ ދެކޮޅު ނުޖެހޭ އިގްތިސާދީ ސިޔާސަތުތަކާ އެވެ. ރައީސް މުއިއްޒު ވެރިކަމަށްވަޑައިގަތީ ފައިސާ ޗާޕުނުކުރައްވާނެ ކަމުގެ ވައުދާއެކުގައި ކަމަށް ވީނަމަވެސް، މިހާރު ފެންނަ މަންޒަރުތަކުން އެއާ ހިލާފަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.









