ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
ސްޓާމަރ ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ހައިސިއްޔަތުން ޤައުމަށް ޚިދުމަތް ކުރެއްވުމަކީ، އޭނާގެ ޙަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށް. މީގެ ދެ އަހަރު ކުރިން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު ޤައުމު އޮތް ޙާލަތާއި، މިހާރު އޮތް ޙާލަތު ވަރަށް ބޮޑަށް ތަފާތު ކަމަށް ސްޓާމަރ ވިދާޅުވި


ބޮޑު ވަޒީރުގެ މަގާމުން ރަސްމީކޮށް ވަކިވެވަޑައިގެންނެވުމުގެ ކުރިން ސްޓާމަރ ދެއްވި ތަޤުރީރު ދެއްވަނީ | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން ކިއަރ ސްޓާމަރ ހޯމަ ދުވަހު ރަސްމީކޮށް ވަކިވެވަޑައިގެންފި އެވެ.
ބޮޑު ވަޒީރުގެ މަގާމުން ރަސްމީކޮށް ވަކިވެވަޑައިގެންނެވުމުގެ ގޮތުން ސްޓާމަރ ވަނީ، ބޮޑު ވަޒީރުގެ ރަސްމީ އޮފީސް ޑައުނިން ސްޓްރީޓްގެ ކުރިމަތީގައި ތަޤުރީރެއް ދެއްވައިފަ އެވެ. އެ ތަޤުރީރުގައި ސްޓާމަރ ވިދާޅުވީ، އޭނާގެ މަސައްކަތަށް ނިމުމެއް އަތުވެއްޖެ ކަމަށެވެ.
ސްޓާމަރ ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ހައިސިއްޔަތުން ޤައުމަށް ޚިދުމަތް ކުރެއްވުމަކީ، އޭނާގެ ޙަޔާތުގައި ވެސް ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފު ކަމަށެވެ. މީގެ ދެ އަހަރު ކުރިން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު ޤައުމު އޮތް ޙާލަތާއި، މިހާރު އޮތް ޙާލަތު ވަރަށް ބޮޑަށް ތަފާތުކަން ވެސް ސްޓާމަރ ފާހަގަ ކުރެއްވި އެވެ.
އެގޮތުން އިނގިރޭސިވިލާތުގެ އިޤްތިޞާދާއި، ޤައުމުގެ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދެވިފައިވާ ކަމަަށް ޤަބޫލު ކުރައްވާ ކަމަށާއި، އެކަމުގެ ހިތްހަމަޖެހުން އޮތް ކަމަށް ސްޓާމަރ ވިދާޅުވި އެވެ. އަދި ދެ އަހަރުގެ ތެރޭގައި ބޮޑު ވަޒީރުގެ ހައިސިއްޔަތުން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ސްޓާމަރ ވިދާޅުވި އެވެ.
ބޮޑު ވަޒީރުގެ މަގާމުން ވަކިވެ ވަޑައިގަންނަވަމުން ސްޓާމަރ ހޯމަ ދުވަހު ދެއްވި ތަޤުރީރުގެ ތެރެއިން
މީގެ އިތުރުން ސްޓާމަރ ވިދާޅުވީ އޭނާގެ ބޮޑުވަޒީރު ކަމުގައި ޤައުމު ކުރިއަރުވައި، ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެއާ އެކު ސްޓާމަރ ވިދާޅުވީ މަގާމުން ދުރަށް ވަޑައިގަންނަވަނީ ކުރެއްވި މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގެން ކަމަށާއި، އެ މަސައްކަތާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ސްޓާމަރ އިންތިޚާބުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެ އަހަރު އޮތް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލޭބަރ ޕާޓީ އިން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.
ސްޓާމަރ އަކީ 2010 ވަނަ އަހަރު ގޯޑަން ބްރައުންގެ ފަހުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ލޭބަރ ޕާާޓީގެ ފުރަތަމަ ބޭފުޅާ އެވެ. އަދި އެ އިންތިޚާބަކީ، 2005 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރގެ ފަހުން ލޭބަރ ޕާޓީ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ.
އުމުރުން 63 އަހަރުގެ ސްޓާމަރ އަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ސްޓާމަރގެ ބަދަލުގައި ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވަޑައިގެންނެވީ އެންޑީ ބާންހަމް އެވެ.
މަސްދަރު: ބީބީސީ










