ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
26 ޖުލައި 2026 | އާދީއްތަ 05:47މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ ހައްގުތަކާއި އުއްމީދުތައް ކަށަވަރުކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައި. ނަމަވެސް، މިހާރުގެ ސަރުކާރުގައި އިގްތިސާދީ ހާލަތު ދަށްވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައި


ރައީސް އިބްރާހިމް މުހައްމަދު ސާލިހު 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ލ. ކުނަހަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން | އެމްޑީޕީ
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވަނީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށް، އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތަކަކީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަންކަންކަން ފާހަގަކުރައްވައި، މިނިވަންކަމުގެ ރޫހު އާލާކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފަ އެވެ.
ރާއްޖޭގައި މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އިގްތިސާދީ ގޮތުން މިއަދު ރާއްޖެ އޮތީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އުއްމީދުތައް ހާސިލުކޮށްދިނުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އަސާސް ކަމަށްވާއިރު، މިސަރުކާރުގައި ދަނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސްއަޅަމުންނެވެ. ނޫސްވެރިން ލިޔާ ޚަބަރުތަކާއި، ކުރާ ސުވާލުތަކާ ގުޅިގެން ނޫސްވެރިން ޖަލަށްލައި އަނިޔާވެރިވެފައިވާއިރު، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި މީހުންނަށް އަނިޔާ ކުރުމާއި، ނުހައްގުން ޖަލަށްލުން އާއްމުވެފައިވާ ގިނަ ރައްޔިތުން ބުނެ އެވެ.
މީގެ އިތުރުން މިސަރުކާރާއެކު އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ވަނީ އިންތިހާއަށް އިތުރުވެފައިވާ ކަމާއި، އިގްތިސާދު މެނޭޖް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މީގެ ކުރިން ފަސޭހަ ކަމާއެކު ރައްޔިތުންނަށް ލިބެމުންދިޔަ އަސާސީ ޚިދުމަތްތައް ލިބުން ވެސް ލިބުން މިއަދު ވަނީ ދަތިވެފަ އެވެ. އަދި އަމިއްލަ ވިޔަފާރިވެރިންނަށް ވިޔަފާރި ހިންގަން ދަތިވެ، ދަރަނިވެރިވަމުންދާ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. މީގެ އިތުރުން މުޅި ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހިންގަމުން ދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓި ރައްޔިތުންގެ ޝަކުވާ ވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.









