ވަރުގަދަ ކުރިމަތިލުމަކަށްފަހު ކޮސްޓަ ރީކާގެ "މޯސްޓް ވޯންޓެޑް" ޑްރަގް ޑީލަރު އަތުލައިގަނެފި
25 ޖުލައި 2026 | ހޮނިހިރު 15:07ކޮސްޓަ ރީކާގައި 10 އަހަރު ވަންދެން ހޯދަމުންދިޔަ މަސްތުވާތަކެތީގެ ނުރައްކާތެރި ކުށްވެރިޔާ "އެލް ޑިއާބްލޯ" ހައްޔަރުކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި ބަޑީގެ ހަމަލާތައް ބަދަލުކޮށް، ކުށްވެރިންގެ އިސް މީހަކު މަރުވެ އަށް ފުލުހަކަށް އަނިޔާވެއްޖެ. އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާ މި މީހާ އަތުލައިގަތުމަށް 2،500 އަށްވުރެ ގިނަ ވަޒަން ބޭނުންކޮށްފައިވޭ

އެމެރިކާއިން މަސްތުވާތަކެތީގެ މުއާމަލާތްތަކާ ގުޅޭ ކުށްތަކެއްގައި ހޯދަމުންދާ، އަދި ކޮސްޓަރީކާގައި އެންމެ ބޮޑަށް ހޯދަމުންދާ ކުށްވެރިންގެ ތެރޭގައި ހިމެނޭ "ޑިއާބްލޯ" ގެ ނަމުން މަޝްހޫރުވެފައިވާ އަލެހަންދްރޯ އެރިއަސް މޮންގޭ އަތުލައިގަނެފައިވާކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައި | ރޮއިޓާސް
ކޮސްޓަ ރީކާގައި އެންމެ ބޮޑަށް ހޯދަމުންދިޔަ މަސްތުވާތަކެތީގެ ވަގުފާރިވެރިޔާ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި، މީހަކު މަރުވެ އަށް މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ހެނދުނު ހެރޭޑިއާ ޕްރޮވިންސްގެ ރިއޯ ފްރިއޯއިން "އެލް ޑިއާބްލޯ" ގެ ނަމުން މަޝްހޫރުވެފައިވާ އަލެހަންދްރޯ އެރިއަސް މޮންގޭ ހައްޔަރުކޮށްފައިވާއިރު، އޭނާ ހޯދައިދޭ މީހަކަށް އެމެރިކާއިން ވަނީ 500،000 ޑޮލަރުގެ އިނާމެއް ހުށަހަޅާފަ އެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮސްޓަ ރީކާގެ އެޓާނީ ޖެނެރަލް ކާލޯސް ޑިއާޒް ވިދާޅުވީ، މޮންގޭ ހައްޔަރުކުރީ އެ ގައުމުގެ އިރުއުތުރު ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެޓާނީ ޖެނެރަލް ޑިއާޒް ވިދާޅުވި ގޮތުގައި، ތަންފީޒީ އިދާރާތަކުން އަމާޒުކުރީ ދުރު ހިސާބެއްގައި އޮތް ތަނެއްގައި ކުށްކުރާ ޖަމާއަތްތަކުގެ އިސްވެރިން ބޭއްވި ބައްދަލުވުމަކަށެވެ. މި ކުރިމަތިލުމުގައި އެހެން ގްރޫޕެއްގެ އިސްވެރިއެއް ކަމަށްވާ ރޯނީ ރިއޯސް ވަނީ ބަޑިޖަހައި މަރާލާފަ އެވެ.
މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 2،500 ވަޒަން ބޭނުންކޮށްފައިވާ ކަމަށާއި، ކުރިމަތިލުންތަކުގައި ފުލުހުންގެ އަށް އޮފިސަރަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޑިއާޒް މައުލޫމާތު ދެއްވި އެވެ.
މި ކާމިޔާބު އޮޕަރޭޝަނާ ގުޅިގެން ސެން ހުއާންގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ކޮސްޓަ ރީކާގެ ސަރުކާރަށް މަރުހަބާ ކިޔައި ބަޔާނެއް ނެރެފަ އެވެ.
"އެލް ޑިއާބްލޯ" ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރާތާ މިހާރު 10 އަހަރު ވެފައިވާއިރު، އޭނާ ފިލައިގެން އުޅުނު މުއްދަތުގެ ބޮޑު ބައެއް ހޭދަކުރީ އަވަށްޓެރި ނިކަރާގުއާގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
މެދުތެރޭ އެމެރިކާގެ އެންމެ އަމާން ގައުމުގެ ގޮތުގައި ކުރިން ބެލެވުނު ކޮސްޓަ ރީކާގައި، ފަހަކަށް އައިސް މަސްތުވާތަކެތީގެ ވަގުފާރި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މަސްދަރު: އޭއެފްޕީ










