މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރކުރާ ނެޓްވޯކަކާ ގުޅުން އޮތް އަބްދުލްބާސިތު 75 އަހަރަށް ޖަލަށްލައި 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައި. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މި މީހާގެ އެކައުންޓުތަކުން މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި 3 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ފެނިފައިވާއިރު، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވޭ.


މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި އަބްދުލްބާސިތު. | މޯލްޑިވްސް ޕޮލިސް
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
24 ފެބުރުވަރީ 2026 ވަނަ ދުވަހު، 75 އަހަރަށް ޖަލަށް ލުމަށާއި 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، އަބްދުލްބާސިތު (28އ) ގެ މައްޗަށެވެ.
ފުލުހުން ބުނީ، އަބްދުލްބާސިތު ހައްޔަރުކުރީ، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. 2024 އޭޕްރީލް 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 11 ޖޫން 2024 ގަ އެވެ.
މީގެ އިތުރުން މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެ އެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެގޮތުން، އަބްދުލްބާސިތުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތްތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވެ އެވެ.
ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގައި ކަނޑައަޅާފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި، މިއީ ލިބުނު ބޮޑު ކުރި އެރުމެއްކަމުގައި އެ ޚިދުމަތުން ވަނީ ފާހަގަކޮށްފަ އެވެ.








