މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
މަސްވެރިކަމުގެ ސިނާއަތުން ޒުވާނުން މަދުވަނީ ނިމިދިޔަ ސަރުކާރުން ފެނަކަ ފަދަ ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ވެއްދުމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މައްސަލަ ދިރާސާކުރުމަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި ސާވޭއެއް ފަށާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތައް "ރައިޓްސައިޒް" ކުރުމުން އިގްތިސާދީ އުފެއްދުންތެރި މަސައްކަތްތަކަށް ޒުވާނުން އެނބުރި އަންނާނެ ކަމަށް. ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، 20 އޭޕްރީލް 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އިންތިޚާބުތަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ސަރުކާރުން މީހުންނަށް ވަޒީފާ ދެއްވާފައިވާނެ ކަމަށް އިއުތިރާފުވެވަޑައިގެންފައި.


"ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވައިފި އެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުން މަދު ކަމަށެވެ.
މިދިޔަ ސަރުކާރުގެ ތެރޭގައި ފެނަކައަށް ޚާއްސަކޮށް ވަރަށް ގިނަ މުވައްޒަފުން ވެއްދިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވަޒީފާ ދީފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުން ކަމަށެވެ.
އެހެންކަމުން މިހާރު އެކަމުގެ ނޭދެވޭ އަސަރު މަސްވެރިކަމުގެ ސިނާއަތަށް ކުރާ ކަމަށާއި، މަސްވެރިކަން ކުރާނެ މީހުން ނެތިގެން ވަރަށް ގިނަ އަދަދެއްގެ މަސްދޯނިތައް ވެސް ވިއްކާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުން މަދުވާ ސަބަބުތައް ހޯދުމަށްޓަކައި ރަސްމީ ސާވޭއެއް މިހާތަނަށް ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެމަސް ތެރޭގައި ސާވޭއެއްގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދެން ރަސްމީ ސާވޭއެއް ނެތް ކުރެވިފައެއް. އެހެންނަމަވެސް މާ ލަސްތަކެއް ނުވެ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގައި އަޅުގަނޑު މިމަސައްކަތް ކުރަނީ ސާވޭ އެއް ވެސް ކުރަން. ސީދާ އަދަދުތައް ބަލާލަން. މިކަން ހަގީގަތުގައި ދިމާވެފައި މިއޮތް ގޮތަކީ އަޅުގަނޑަށް ގަބޫލުކުރެވެނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ސަރުކާރު ކުންފުނިތަކަށް ޚާއްސަކޮށް ފެނަކައަށް ޚާއްސަކޮށް ރަށްރަށުގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުންތައް މަސްވެރިކަމުގެ އިންޑަސްޓްރީގަ މަސައްކަތް ކުރަމުން ދިޔަ ޒުވާނުންތައް ވަޒީފާ ދީފައި ވެއްދީމަ ވަރަށް ފަސޭހަ އާމްދަނީއެއް އެއީ. ރަށުގައި ހުރެގެން ގޭގައި ހުރެގެން ހެޔޮވަރުގެ މުސާރައެއް ލިބޭ ކަމަށްވަންޏާ ވަރަށް ފަސޭހަވާނެ އެގޮތް ހިޔާރުކުރަން.ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ މިމައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، އެމަސައްކަތުގެ ދަށުން ކުންފުނިތައް ވެސް ރައިޓްސައިޒް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.
އަޅުގަނޑުމެން މިހާރު ފެނަކައަށް ޚާއްސަ ސަމާލުކަމެއް ދީގެން އެހެން ކުންފުނިތައް ވެސް ރައިޓްސައިޒް ކުރުމުގެ މަސައްކަތް ނޫނިއްޔާ އޭގެ އެންމެ އެދެވޭ ސައިޒަށް ކުޑަ ކުރުމުގެ މަސައްކަތް މިކުރަނީ. ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ އިގްތިސާދަށް އެންމެ ރަނގަޅަށް އަސަރުކުރާނެ ގޮތުގައި ކަމަށް ގަބޫލު ކުރެވޭތީ. އޭރުން ހަގީގަތުގައި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެސް ޒުވާނުން އިތުރުވެގެންދާނެ. އަދި އެހެން ޕްރައިވެޓް ސެކްޓަރތަކުގައި މަސައްކަތް ކުރާނެ ޒުވާނުން ލިބިގެންދާނެ. ހަގީގަތުގައި ސަރުކާރުގެ އެސްއޯއީތަކުގެ ތެރޭގައި ހުރިހާ ޒުވާނުންނާ ނޫނިއްޔާ ހުރިހާ ރައްޔިތުން މިހެން ވަޒީފާ ދީފައި ހިފަހައްޓާފައި ހުރުމުގެ ސަބަބުން އަސްލު އިގްތިސާދު ފުޅަލެއް ނުވޭ. އުފެއްދުންތެރިކަން އިތުރެއް ނުވޭ.ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން އެހެން ހުރިހާ ދާއިރާތަކެއް ވެސް ކުރިއެރުމަށްޓަކައި ވަށާޖެހޭ އިގްތިސާދެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މައްސަލަތަކަށް ރަނގަޅު ހައްލެއް ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، 20 އޭޕްރީލް 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އިންތިޚާބުތަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ސަރުކާރުން މީހުންނަށް ވަޒީފާ ދެއްވާފައިވާނެ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކެމްޕެއިނަކާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތުން ދެން އެމަނިކުފާނު ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ.
ނަމަވެސް ފަހުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އެ ކަން ދޮގު ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް މިސަރުކާރުގައި އިންތިޚާބުތަކާ ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ވަޒީފާތައް ވަނީ ބަހާފަ އެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސްވީފަހުން ފެނަކައިގެ 8000ށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ސަރުކާރުން އެއްބަސްވެފައިވެ އެވެ. އަދި 700ށް ވުރެ ސިޔާސީ މަގާމުތައް އިތުރު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިސަރުކާރުގައި ސިޔާސީ މަގާމުތައް 1500ށް ވުރެ އިތުރުވާނެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން ކުންފުނިތަކަށް ބޭނުންނުވާ މިންވަރަށް މުވައްޒަފުން ނަގައި، ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެ، ދައުލަތަށް ރިކަރެންޓް ހަރަދު އިންތިހާއަށް ބޮޑުވުމާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އެންގި އެވެ.
އެއާއެކު ސަރުކާރުގެ ކުންފުނިތަކުން ދަނީ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފެނަކަ އާއި އެޗްޑީސީ ފަދަ ކުންފުނިތަކުން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ވަނީ އެފުރުސަތު ފަހިކޮށްދީފަ އެވެ. މިއާއެކު ބޮޑެތި ފާޑު ކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.







