Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް

13 ޖުލައި 2026 | ހޯމަ 11:27

ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަތަރު އިންސައްތައަށް އުފުލި، އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 11:27
އިންޑިއާގެ ސިލިގޫރީގައި ހުންނަ ޕެޓްރޯލް ޕަމްޕަކުން އުޅަނދުފަހަރަށް ތެޔޮ އެޅުމަށް މަޑުކޮށްގެން ތިބި ކަސްޓަމަރުންނަށް، އެ ތަނުގެ މުވައްޒަފުން ޚިދުމަތް ދެނީ

އިންޑިއާގެ ސިލިގޫރީގައި ހުންނަ ޕެޓްރޯލް ޕަމްޕަކުން އުޅަނދުފަހަރަށް ތެޔޮ އެޅުމަށް މަޑުކޮށްގެން ތިބި ކަސްޓަމަރުންނަށް، އެ ތަނުގެ މުވައްޒަފުން ޚިދުމަތް ދެނީ | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ދެ ގައުމުން ބަދަލުކުރަމުންދާ ހަމަލާތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިންކުރާ މައިގަނޑު މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު ވަނީ 4 އިންސައްތައަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިއީ އިގްތިސާދީ ގޮތުން މުހިންމު މި ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއާއި އީރާނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ފަރާތުން ދެމުންދާ ހަމަލާތަކާ ގުޅިގެން އައި ބަދަލެކެވެ. ގްރީނިޗް މީން ޓައިމުން ހެނދުނު 08:00 އާ ހަމައަށް ބްރެންޓް ކްރޫޑްގެ ސެޕްޓެމްބަރު މަހުގެ ފިއުޗާސް ހުރީ ފީފާއެއް 78.82 ޑޮލަރުގަ އެވެ. މިއީ ޖޫން މަހުގެ 22 ވަނަ ދުވަހަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދީއްތަ ދުވަހު ބުނި ގޮތުގައި، އީރާނުގެ އެތައް ސަތޭކަ އަމާޒަކަށް ހަމަލާދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ ގާބިލުކަން ކުޑަކުރުމުގެ ގޮތުން އެ ގައުމަށް ވަނީ އެތައް ބުރަޔަކަށް ބަހާލައިގެން ގިނަ ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާ ސިފައިން މި ހަމަލާތައް ދޭން ފެށީ، ސައިޕްރަސްގެ ދިދަ ޖަހާފައިވާ "އެމްވީ ޖީއެފްއެސް ގެލެކްސީ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަނޑުއޮޅިން ދަތުރުކުރަނިކޮށް، އީރާނުގެ ސިފައިން އެ ބޯޓަށް "ބޮޑެތި" ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރުމަށް ފަހު އެވެ.

"ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ވިޔަފާރިއަށް ކަނޑުމަގުން އޮތް މުހިންމު މަގެއް. އީރާނަކަށް އެ ތަނެއް ކޮންޓްރޯލެއް ނުކުރެވޭނެ،" އާދީއްތަ ދުވަހުގެ ރޭ ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީރާނުން މެދުނުކެނޑި ދެމުންދާ އުދުވާނީ ހަމަލާތަކާއި، ކުރިމަތިކުރާ ގޯނާތަކާއި، އިންޒާރުތަކުގެ އިތުރުން އަމިއްލައަށް ނިންމާ ނިންމުންތަކާ އެކުވެސް، ވިޔަފާރި އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެކަން ކަށަވަރުކުރުމަށް އެމެރިކާ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނު ސިފައިން ވަނީ އާދީއްތަ ދުވަހު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވެއިތު، އޮމާން އަދި ބަހްރޭނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ކޮންޓްރޯލް ކުރުމުގެ ބާރު އޮތް ކަމަށް ބުނާ އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން މީގެ ކުރިން ބުނެފައިވަނީ، އެ އިދާރާއިން ކަނޑައަޅާފައިވާ މަގު ނޫން އެހެން މަގުތަކުން ދަތުރުކުރާ އުޅަނދުތަކަށް "ރައްކާތެރިކަމުގެ އެއްވެސް ޔަގީންކަމެއް" ނޯންނާނެ ކަމަށެވެ. އަދި ހުއްދަ ނޫން މަގުތަކުން ދަތުރުކުރުމުގެ ސަބަބުން ކުރިމަތިވާ ހުރިހާ ނަތީޖާއަކަށް އެ އުޅަނދެއްގެ ވެރިފަރާތާއި، އޮޕަރޭޓަރު އަދި ކެޕްޓަން ޒިންމާވާން ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މިދިޔަ މަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން ކަނޑުއޮޅީގެ ދަތުރުފަތުރުތައް ކުޑަކޮށް އިތުރުވި ނަމަވެސް، އަލުން ހަމަލާތައް ބަދަލުކުރަން ފެށުމާއެކު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ކަނޑުދަތުރުފަތުރުގެ މައުލޫމާތު އެއްކުރާ "ވިންޑްވާޑް" ޕްލެޓްފޯމުން ބުނާ ގޮތުގައި، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާއި ހުކުރު ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ ހަ އުޅަނދެވެ. މި މަހުގެ ކުރީކޮޅު ދުވާލަކު އެވްރެޖްކޮށް 18 އާއި 22 އާ ދެމެދުގެ އަދަދަކަށް އުޅަނދުތައް އެ ސަރަހައްދު ހުރަސްކުރެ އެވެ.

ވިންޑްވާޑްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އާއި އާދީއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެ ސަރަހައްދުން ފެނިފައިވަނީ ނުވަ އުޅަނދެވެ. އޭގެ ތެރެއިން ހަތަރު އުޅަނދަކީ އީރާނުގެ ދިދަ ޖަހާފައިވާ އުޅަނދުތަކެވެ.

އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅިން، ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 130 އުޅަނދު ދަތުރުކުރެ އެވެ.

ޖޫން 17 ގައި ފަހުމުނާމާގައި ސޮއިކުރުމުން ހަމަނުޖެހުންތަކުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ތިރިވި ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ފުރަތަމަ ހަމަލާދޭން ފެށި އިރު ހުރި އަގަށް ވުރެ މިހާރު ތެލުގެ އަގު ވަނީ 9 އިންސައްތަ މައްޗަށް ގޮސްފަ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ "އެކްސް އެނަލިސްޓްސް" ގެ ބާނީ އަދި ތެލުގެ ބާޒާރުގެ މާހިރު މުކޭޝް ސަހްދޭވް ވިދާޅުވީ، ސިޔާސީ މަސްރަހަށް އައިސްފައިވާ ނުތަނަވަސްކަމުގެ ސަބަބުން އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ބްރެންޓް ކްރޫޑްގެ އަގު 70 ޑޮލަރުގެ މަތީ ރޭންޖެއްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހޮނިހިރު ދުވަހު ކަސްޓަމަރުންނަށް ފޮނުއްވި ނޯޓެއްގައި ސަހްދޭވް ވިދާޅުވީ، ބައެއް ހާލަތްތަކުގައި އަގު ކުއްލިއަކަށް މައްޗަށް ގޮސް ނުވަތަ ތިރިއަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ދުރު ރާސްތާގެ ވިޔަފާރިތަކުގައި ތެޔޮ ސާފުކުރާ ކުންފުނިތަކުން ސަޕްލައިއާ މެދު ގޮތް ނިންމަން ޖެހެނީ އެތައް ހަފުތާއެއް ކުރިން،" ސަހްދޭވް އިތުރަށް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ނިންމުންތަކުގެ ސަބަބުން މެދުއިރުމައްޗަށް ބަރާސާވާ މިންވަރު މިހާރުވެސް ވަނީ ކުޑަވެފައެވެ. އަދި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ބަރާސާވުން އިތުރަށް ކުޑަވެގެންދާނެ ކަމަށް ބެލެވެ އެވެ.

ސިޑްނީގެ އައިޖީގެ މާކެޓް އެނަލިސްޓެއް ކަމަށްވާ ފޭބިއަން ޔިޕް ވިދާޅުވީ، މިހާރު ހަމަނުޖެހުންތައް ހުރި ނަމަވެސް، ހަނގުރާމައިގެ ކުރީކޮޅު އަގުތައް އުފުލުނު މިންވަރަށް މިފަހަރު އަގު އުފުލުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ޖޫން މަހު ތެލުގެ އަގު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވީ، އެމެރިކާއާއި އީރާނުގެ އެއްބަސްވުމުން އެންމެ ރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށް ބާޒާރުން އުންމީދު ކުރުމުން. ނަމަވެސް މިދިޔަ ހަފުތާގައި ހަމަނުޖެހުންތައް އަލުން ފެށުމުން އެ އުންމީދަކީ ކިހާ ނާޒުކު އެއްޗެއްކަން ހާމަވެއްޖެ،" ހޯމަ ދުވަހު ޔިޕް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ނުރައްކަލުގެ ފުރުސަތު އޮތުމުން އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ކުރިން ފެނުނު ފަދަ ބޮޑު އުފުލުމެއް ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެއީ ތެލުގެ ޑިމާންޑް އިތުރުވުން ލަސްވުމާއި، ހުއްޓިފައި ހުރި ޓޭންކަރުތައް ދޫކޮށްލުމުގެ އިތުރުން އޯޕެކް ޕްލަސް އިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމާފައިވުމުން، ބާޒާރުގައި ތެޔޮ ގިނަވާނެ ކަމަށް ބެލެވޭތީ އެވެ.

މެދުއިރުމަތީގައި އަލުން ހަނގުރާމަ ފެށުމާ ގުޅިގެން އޭޝިއާގެ މައިގަނޑު ހިއްސާގެ ބާޒާރުތައް ހޯމަ ދުވަހު ވަނީ ދަށަށް ގޮސްފަ އެވެ.

އެގޮތުން ޖަޕާނުގެ ނިކޭ 225 އިންޑެކްސް ގާތްގަނޑަކަށް 2 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 9 އިންސައްތައަށް ވެއްޓިފަ އެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިބްރެންޓް ކުރޫޑްގަލްފް ސްޓްރެއިޓް އޮތޯރިޓީއޯޕެކް ޕްލަސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

13 ޖުލައި 2026

ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް

13 ޖުލައި 2026
ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

13 ޖުލައި 2026
އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި
12 ޖުލައި 2026

އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް

12 ޖުލައި 2026
އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

12 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
11 ޖުލައި 2026

އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި

11 ޖުލައި 2026
އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް