ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ
ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއް. ޚާއްސަކޮށް އެމެރިކާ އިން ގެންގުޅެމުން އަންނަ ސިޔާސަތާއި، ޓްރަމްޕްގެ ނިންމެވުން ތަކަށް ސަންޗޭޒް އަންނަނީ ފާޅުގައި ފާޑު ވިދާޅުވަމުން. މެޗު ބައްލަވަން ވަޑައިގެންނެވުމުގެ ތެރެއިން ސަންޗޭޒް އާއި ޓްރަމްޕް ބައްދަލުވާނެ ކަމަށް ބެލެވޭ


ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗު ބައްލަވަން، އެމެރިކާ އަށް ވަޑައިގަންނަވަން ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ނިންމަވައިފި އެވެ.
ސްޕެއިންގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އެމެރިކާގެ ނިއު ޖާޒީގައި ކުޅޭ ފައިނަލް މެޗު ބައްލަވަން ސަންޗޭޒް ވަޑައިގަންނަވާނެ އެވެ. އެ މެޗަށް ފަހު ސަންޗޭޒް، އަލްޖީރިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަންނަވާނެ އެވެ.
ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ޚާއްސަކޮށް އެމެރިކާ އިން ގެންގުޅެމުން އަންނަ ސިޔާސަތާއި، ޓްރަމްޕްގެ ނިންމެވުންތަކަށް ސަންޗޭޒް އަންނަނީ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. ސަންޗޭޒް އަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެމެރިކާ އަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅާ އެވެ.
ފައިނަލް މެޗު ބައްލަވަން ސަންޗޭޒް އެމެރިކާ އަށް ވަޑައިގަންނަވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މެޗު ބައްލަވަން ވަޑައިގަންނަވާނެ އެވެ. އެހެންކަމުން މެޗު ބައްލަވަން ވަޑައިގެންނެވުމުގެ ތެރެއިން ސަންޗޭޒް އާއި ޓްރަމްޕް ބައްދަލު ވާނެ ކަމަށް ވެސް ބެލެވެ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ވިދާޅުވީ، ހުކުރު ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ނިއު ޔޯކް އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މެންހެޓަންގައި ހުންނަ ޓްރަމްޕް ޓަވަރުގައި ބާާއްވާ ފީފާ ރިސެޕްޝަނެއްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އެއަށް ފަހު އާދީއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗު ބައްލަވަން ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށް ލެވިޓް ވަނީ ވިދާޅުވެފައި އެވެ. ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ހޯދާ ޓީމަށް ތަށި ވެސް ހަވާލު ކޮށްދެއްވާނީ ޓްރަމްޕް ކަމަށް ފީފާ އިން ވަނީ އިއުލާންކޮށްފައި އެވެ.










