ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ
އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދެމުންދާ ހަމަލާތަކާއި ކަނޑުގެ މަގުތައް ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އައިއީއޭ އިން ދީފި. މި އިންޒާރު އައިސްފައި މިވަނީ އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ޖެހިޖެހިގެން ހަވަނަ ރޭ ހަމަލާދީފައިވާ ދަނޑިވަޅެއްގަ
އޮމާން ކަނޑުއޮޅީގައި ދަތުރުކުރަމުންދިޔަ "އެމް.ޓީ ވެން ޔާއޯ" ނަމަކަށް ކިޔާ އުޅަނދަށް، އެމެރިކާގެ މެރިންސްގެ 11 ވަނަ އެކްސްޕެޑިޝަނަރީ ޔުނިޓުގެ ސިފައިން ޖުލައި މަހުގެ 16 ވަނަ ދުވަހު އަރައި، އެ އުޅަނދު ބަލައި ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަނީ | ސެންޓްކޮމް
އެމެރިކާއާއި އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލުމުގެ ކަންކަން ރަނގަޅު ނުވެއްޖެނަމަ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ އިސްވެރިޔާ ދެއްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ފާތިހް ބިރޯލް ވިދާޅުވީ، މަސްރަހު އަވަސް މުއްދަތެއްގެ ތެރޭގައި ރަނގަޅު ނުވެއްޖެނަމަ، ހަކަތައިގެ ރައްކާތެރިކަމާ މެދު މުޅި ދުނިޔެއިން ކަންބޮޑުވާންޖެހޭ ކަމަށެވެ. ކައުންސިލް އޮން ފޮރިން ރިލޭޝަންސް އިން އިންތިޒާމުކުރި ހަރަކާތެއްގައި ވާހަކަދައްކަވަމުން ބިރޯލް ވިދާޅުވީ، ތެލުގެ ރައްކާތެރިކަމަކީ އަދިވެސް ނުހަނު ނާޒުކު މައްސަލައެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ހާލަތު ރަނގަޅު ނުވެއްޖެނަމަ، އެކަމާ މެދު ކަންބޮޑުވާންޖެހޭ ކަމަށާއި، އަމިއްލަފުޅަށް ވެސް އެކަމާ މެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ބިރޯލް މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ޖެހިޖެހިގެން ހަވަނަ ރޭ ވެސް ބަންދަރު އައްބާސް، އަހްވާޒް އަދި އީރާންޝަހްރަށް ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަލުން ކަނޑައަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ އަމުރު ހާސިލުކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، އެމެރިކާއިން ވަނީ އުޅަނދަކަށް ބަޑީގެ ހަމަލާތަކެއް ވެސް ދީފައެވެ.
އެމެރިކާގެ މި އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ތެހެރާނުން ވަނީ އެ ސަރަހައްދުގައި ތިބި ވޮޝިންޓަނުގެ ބައިވެރިންނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ތަރުޖަމާނު އަބުލްފަޒްލް ޝެކަރްޗީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް އެމެރިކާއިން ނުފޫޒު ނުފޯރުވުމަށާއި، އެ ސަރަހައްދުން އެމެރިކާގެ ސިފައިން ބޭލުމަށް ބާރުއަޅުއްވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ހާލަތު ދެން ކުރިން އޮތް ގޮތަށް ބަދަލު ނުވާނެ ކަމަށެވެ.
ޝެކަރްޗީ ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިއަކީ ފުރިހަމައަށް އީރާނާއި އޮމާންގެ އިސްތިގުލާލުގެ ދަށުގައިވާ ތަނެކެވެ. އަދި ބޭރުގެ އެއްވެސް ފަރާތަކަށް، ހާއްސަކޮށް އެމެރިކާއަށް އެ ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނަށް އަމާޒުކޮށް ހަވަނަ ރޭގެ މަތިން ދިން ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަދި ރަސްމީ ރިޕޯޓެއް ނެރެފައެއް ނުވެ އެވެ.
ސެންޓްކޮމްއިން ބުނި ގޮތުގައި، އީރާނާ ދެކޮޅަށް އަލުން ބްލޮކޭޑް ގާއިމުކުރި ފަހުން ފަސް އުޅަނދަކުން ވަނީ އެ އަމުރާ ހިލާފަށް ދަތުރުކުރަން މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރެއިން ތިން އުޅަނދެއް އަނބުރާ ފޮނުވާލާފައިވާއިރު، އެއް އުޅަނދެއް ވަނީ "ނުދުއްވޭ ވަރު" ކޮށްލާފަ އެވެ. ނަމަވެސް، އަސްކަރިއްޔާއިން އެ އުޅަނދު ހުއްޓުވީ ކޮން ގޮތަކަށް ކަމެއް ސެންޓްކޮމްއިން ސާފުކޮށްދީފައެއް ނުވެ އެވެ.
މީގެ އިތުރުން، އެމެރިކާގެ މެރިން ސިފައިން ވަނީ ތެޔޮ އުފުލާ ޓޭންކަރަކަށް އަރާފަ އެވެ. ނަމަވެސް އެ އުޅަނދު އަދިވެސް އެމެރިކާގެ ބެލުމުގެ ދަށުގައި އޮތް ކަމެއް ސާފެއް ނުވެ އެވެ.
މި ހަމަލާތަކާ ގުޅިގެން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އީރާނަށް މިހާރު ކުރިމަތިވަމުންދާ ހަލާކާއި ގެއްލުމަކީ އެ ގައުމުން އަމިއްލައަށް ހޯދި ކަމެއް ކަމަށެވެ.
ލީވިޓް ވިދާޅުވީ، އެމެރިކާއިން ފަހަކަށް އައިސް ހަމަލާތައް ދޭން ޖެހުނު ސަބަބަކީ، އީރާނާއެކު ވެފައިވާ ފަހުމުނާމާއާ އެ ގައުމުން ހިލާފުވުމުން ކަމަށެވެ. ހާއްސަކޮށް، އެ ފަހުމުނާމާގައި ސޮއިކުރިއިރު، ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހަމަލާނުދިނުމަށް އެއްބަސްވެފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސިޔާސީ އަދި ހާރިޖީ މަގުތަކެއް އަދިވެސް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.










