އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
އީރާނުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެފަދަ އެއްވެސް މީހަކު ދޫކޮށްލާފައި ނުވާކަމަށް އީރާނުގެ ޖުޑީޝަރީންނާއި ރަސްމީ މީޑިއާއިން ވަނީ ބުނެފައި. އެހެންނަމަވެސް، ދީނާ ކަރާރީ ނަމަކަށް ކިޔާ އެމެރިކާ މީހަކު މިހާރު އީރާނުން ބޭރުވެފައިވާކަން އެމެރިކާ ސަރުކާރުގެ ބައެއް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައި.

ދީނާ ކަރާރީ | ސޯޝަލް މީޑިއާ
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް ކަމަށް އީރާނުގެ ރަސްމީ ޓީވީ އިން ރިޕޯޓުކޮށްފި އެވެ.
އެގޮތުން އީރާނާއި އެމެރިކާއާ ދެމެދު ގައިދީ އަކު ބަދަލުކުރުމުގެ އެއްބަސްވުމެއް ކުރިއަށްދާކަމަށް ދެކެވޭ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށް ޕްރެސް ޓީވީން ކުރި ތަހުގީގުތަކުން ވަނީ ހާމަވެފަ އެވެ.
މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ޖާސޫސުކުރުމުގެ ކުށުގައި އީރާނުން ހައްޔަރުކޮށްފައިވާ އެއްވެސް މީހަކު މިނިވަންކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް މި ރިޕޯޓުގައިވެ އެވެ.
މިކަން ދޮގުކޮށްފައި މިވަނީ، އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" މެދުވެރިކޮށް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
ބައިޑަން ސަރުކާރުގެ ދުވަސްވަރު، 2024 ވަނަ އަހަރު އީރާނުން ހައްޔަރުކުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެކަމަށްޓަކައި އީރާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހަމައެއާއެކު، އޭނާގެ ކުރިން ވެރިކަމުގައި ހުންނެވި ޖޯ ބައިޑަންއަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެ މަލާމާތުގެ ވާހަކަދައްކަވާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދެއްކެވި ނަމަވެސް، އީރާނުގެ އެއްވެސް ޖަލަކުން އެމެރިކާގެ ގައިދީއަކު މިނިވަންކޮށްފައި ނުވާކަމަށާއި، އަދި ގައިދީއަކު ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާކަމަށް އީރާނުގެ ޖުޑީޝަރީން ވެސް ވަނީ ބުނެފަ އެވެ.
އީރާނުގެ ޖުޑީޝަރީން ހާމަކުރި ގޮތުގައި، އެ އިދާރާއިން ބެލި ބެލުމުން ޓްރަމްޕް އެ ވިދާޅުވާ ފަދަ ސިފަތަކެއް ހުރި، އެމެރިކާއަށް ޖާސޫސުކޮށްދިން ކަމުގެ ކުށް ސާބިތުވެފައިވާ މީހަކު ނުވަތަ އެނޫންވެސް އެމެރިކާގެ އެއްވެސް ރައްޔިތަކު އީރާނުގެ ޖަލުތަކުން ދޫކޮށްލާފައެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ އަންހެން ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް މިހާރު ގައުމުން ބޭރަށް ދެވޭނެ ކަމަށެވެ.
"އޭނާ މިހާރު ހުރީ އީރާނުން ބޭރުގައި ރައްކާތެރިކަމާއެކު، އަދި އޭނާގެ ހާލު ރަނގަޅު،" ޓްރޫތް ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އީރާނުން ދެއްކި މި ހެޔޮ ނިޔަތަށްޓަކައި އެމެރިކާއިން އެކަން ބަލައިގަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، އެ އަންހެން މީހާއަކީ ކާކުކަން ނުވަތަ އޭނާ ހައްޔަރުކުރީ ކޮން ސަބަބަކާ ހުރެކަން ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ. އޭނާ ހަމައެކަނި ވިދާޅުވީ އެއީ "ނުހައްގުން ބަންދުކޮށްފައި ހުރި" މީހެއް ކަމަށެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވާފަ އެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަންހެނަކަށް މަރުގެ އަދަބު ދޭން އުޅޭ ކަމަށް ވިދާޅުވި ވާހަކައާއި، ކަރަޖްގައި ޒުވާނަކަށް މަރުގެ އަދަބު ދިން ކަމަށް ވިދާޅުވި ވާހަކައަކީ ވެސް އެފަދަ ދޮގު މައުލޫމާތުތަކެއް ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެ އެވެ.
އަނެއްކޮޅުން ހިއުމަންރައިޓްސް ގާނޫނީ ވަކީލު ޖެރެޑް ޖެންސާ އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ މިނިވަންވެފައިވާ ކަން އުފަލާއެކު ފާހަގަކުރާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއީ ދީނާ ކަރާރީ ކަމަށާއި، މިނިވަންވީ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ވަރުގަދަ އަދި މެދުކެނޑުމެއް ނެތް މަސައްކަތްޕުޅުގެ ސަބަބުން ކަމަށާއި، މިހާރު އޭނާ ހުރީ ރައްކާތެރިކަމާއެކު އެމެރިކާއަށް ދަތުރުކުރުމުގެ މަގުމަތީގައި ކަމަށްވެސް ޖެންސާ ބުންޏެވެ.
މީގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު އެންބީސީ ނިއުސްއަށް މައުލޫމާތު ދެމުން ވަނީ، ދީނާ ކަރާރީ މިހާރު އީރާނުން ބޭރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.










