އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހުރަސްއަޅާ ކަމަށް ބުނެ އެމެރިކާއިން އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީ، އެމެރިކާއިން އެއްބަސްވުންތަކަށް އަމަލުނުކުރާނަމަ ފުރިހަމަ ހަނގުރާމައަކަށް ތައްޔާރަށް އޮތް ކަމުގެ އިންޒާރު ދީފަ.
އީރާނުގެ ޚާރްގް އައިލެންޑާ ދިމާލަށް ދަތުރުކުރަން އުޅުނު ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރީ ބާރުތަކުން ހަމަލާދެނީ | ސްކްރީން އިމޭޖް
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ފަހުގެ ބުރުގައި، އެމެރިކާ ސިފައިން އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކުގެ އިތުރުން ފުރަތަމަ ފަހަރަށް ވެރިރަށް ތެހެރާނާ ކައިރި ސަރަހައްދުތަކަށް ވެސް ހަމަލާދީފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުރާސްފަތި ދުވަހުގެ ކުރީކޮޅު ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކުށެއް ނެތް ފަރާތްތަކަށް އީރާނުން ކުރިމަތިކުރާ ނުރައްކާތައް ކުޑަކުރުމުގެ މަގްސަދުގައި، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް ވަނީ ހަމަލާދީފަ އެވެ. މީގެ އިތުރުން، އެ ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއްގެ ބޭނުން ނުކުރެވޭ ވަރަށް އެމެރިކާ ސިފައިން ވަނީ ހަލާކުކޮށްލާފަ އެވެ. ހުރްމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ބަނދަރުމަތީ ސިޓީތަކަށް ސެންޓްކޮމްއިން މިދިޔަ ބުދަ ދުވަހު ހަމަލާދޭން ފެށި ފަހުން، މިހާތަނަށް މަދުވެގެން 35 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރިކުރާ ތިން އުޅަނދަކަށް އީރާނުން ދިން ހަމަލާތަކުގެ ބަދަލުހިފުމެކެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ، އަވަށްޓެރި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށެވެ.
ބުދަ އަދި ބުރާސްފަތި ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ހިނގައިދިޔަ ކަންތައްތަކާއި ދެ ފަރާތުން ދައްކަމުންދާ ވާހަކަތަކުގެ ތަފްސީލު ތިރީގައި އެވަނީއެވެ:
އެމެރިކާއިން ހަމަލާދިނީ ކޮން ތަންތަނަކަށް؟
ސެންޓްކޮމްއިން ބުރާސްފަތި ދުވަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ވައިގެ ހަމަލާތައް އަމާޒުކުރީ އީރާނުގެ ކޮމާންޑް ސެންޓަރުތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކަށާއި، މިސައިލާއި ޑްރޯން އުފައްދާ މަރުކަޒުތަކުގެ އިތުރުން އައްސޭރިފަށުގެ ފާރަވެރިވާ މަރުކަޒުތަކަށް ކަމަށެވެ.
ބުރާސްފަތި ދުވަހު ބަންދަރު އައްބާސް ހިމެނޭހެން ގިނަ ސަރަހައްދުތަކަކަށް ހަމަލާދީފައިވާ ކަމަށް ސެންޓްކޮމްއިން ބުންޏެވެ.
މީގެ އިތުރުން، ބުދަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި ގްރޭޓަރ ތުންބް އައިލެންޑްގައި ހުރި އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި ކްރޫޒް މިސައިލް މަރުކަޒުތަކަށް 90 މިނެޓު ވަންދެން ބޮން އެޅި ކަމަށް ސެންޓްކޮމްއިން އިތުރަށް ބުންޏެވެ. ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ މި ކުޑަ ރަށަކީ ސްޓްރެޓީޖިކް ގޮތުން މުހިންމު ރަށެކެވެ. އެ ރަށުގައި އީރާނުގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ހުންނަ ކަމަށް ބެލެވޭއިރު، އެއީ އީރާނުން އާންމު ދަތުރުފަތުރުގެ މަގުތަކަށް ހުރަސްއަޅާ މައިގަނޑު އެއް ތަން ކަމަށް ވެސް ބެލެވެ އެވެ.
ހަމައެއާއެކު، އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންދަރު އައްބާސް، ގޭޝްމް އައިލެންޑް، ސިރިކް، ޗަބަހާރު، ކޮނަރަކް، ރާސްކް، ޚުންދާބް، ޚުރަމްއާބާދު އަދި ސެމްނާންއަށް ވެސް ހަމަލާތައް ވަނީ އަމާޒުވެފަ އެވެ.
އަހްވާޒްގައި ހުންނަ ހޮސްޕިޓަލަކަށް ހަމަލާ އަމާޒުވުމާ ގުޅިގެން، އެ ތަނުގައި ތިބި 211 ބަލިމީހުން އެހެން ތަނަކަށް ބަދަލުކުރަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބުރާސްފަތި ދުވަހު ތެހެރާނާއި، އެ ސިޓީއާ އަވަށްޓެރި ޕަކްދަޝްތު އަދި ޕަރްޗިންގެ ވައިގެ ދިފާއީ ނިޒާމުތައް ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެމެރިކާގެ އެމް.ކިއު-9 މަރުކާގެ ޑްރޯނެއް އަންދިމޭޝްކް ސިޓީގެ މަތިން ވަނީ ވައްޓާލާފަ އެވެ.
ސެންޓްކޮމްއިން ބުރާސްފަތި ދުވަހު ނެރުނު ވަކި ބަޔާނެއްގައި ބުނީ، އަންގާރަ ދުވަހުން ފެށިގެން އަލުން އިއުލާންކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ އަމުރަށް ތަބާނުވެ، އީރާނުގެ ޚާރްގް އައިލެންޑަށް ދަތުރުކުރަން އުޅުނު ތެޔޮ ޓޭންކަރަކަށް ހެލްފަޔަރ މިސައިލުން ހަމަލާދީ، އެ އުޅަނދު ހުއްޓުވާފައިވާ ކަމަށެވެ.
އީރާނުން ރައްދު ދިނީ ކިހިނެއް؟
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ވަނީ ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފަ އެވެ.
ކުވެއިތު:
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ކުވެއިތުގެ އަލީ އަލް ސާލިމް އެއާބޭސްގައި ހުރި އެމެރިކާ ސިފައިންގެ ރާޑަރު ނިޒާމުތަކަށާއި، ޕެޓްރިއަޓް ދިފާއީ ނިޒާމަށާއި ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ކުރިން ނެރުނު ބަޔާނެއްގައި، ކުވެއިތުގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަކަށާއި، އުރުދުންގެ އަލް-އަޒްރަގް އެއާބޭސްގައި ހުރި އެމެރިކާގެ މުވާސަލާތީ ނިޒާމުތަކާއި ތެޔޮ ގުދަންތަކަށް ހަމަލާދިން ކަމަށް ވެސް ބުނެފައިވެ އެވެ.
ބަހްރައިން:
ބަހްރައިންގެ ޝެއިޚް އީސާ އެއާބޭސްގައި ހުރި އެމެރިކާގެ ސުޕަރ ހޯކް ރާޑަރުތަކަށާއި ޕެޓްރިއަޓް ދިފާއީ ނިޒާމުތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން އިތުރަށް ބުންޏެވެ.
އުރުދުން:
ހަމައެއާއެކު، އުރުދުންއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ އީރާނުގެ އަށް މިސައިލެއް ހުއްޓުވާފަ އެވެ.
އިރާގު:
އިރާގުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަރްބިލް ސިޓީއަށް ފަސް ޑްރޯންގެ ހަމަލާއެއް އަމާޒުވި ކަމަށެވެ. މީގެ ތެރެއިން ދެ ޑްރޯން އެމެރިކާގެ މަރުކަޒެއް ކައިރިއަށް ވެއްޓުނުއިރު، އެއް ޑްރޯން ވަނީ އެމެރިކާ ކޮންސިއުލޭޓް ކައިރިން ވައްޓާލާފަ އެވެ. ނަމަވެސް މި ހަމަލާތަކުގެ ޒިންމާ އީރާނުގެ އަސްކަރިއްޔާއިން އަދި އުފުލާފައެއް ނުވެ އެވެ.
ދެ ފަރާތުން ބުނަނީ ކީކޭ؟
އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ޣާލިބާފް ބުދަ ދުވަހު ވިދާޅުވީ، ވަގުތީ އެއްބަސްވުމުގެ ޝަރުތުތަކަށް އެމެރިކާއިން އަމަލުނުކުރާނަމަ، ފުރިހަމަ އަސްކަރީ ކުރިމަތިލުމަކަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. އީރާނުން މިހާރު ކުރަމުންދަނީ އެ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ "ނާޒުކު" ހަނގުރާމައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އަންގާރަ ދުވަހު އެމެރިކާއިން އަލުން އިއުލާންކުރި ކަނޑުގެ ބްލޮކޭޑާ ގުޅިގެން، މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ހުރިހާ ބާވަތެއް ހުއްޓުވާނެ ކަމުގެ އިންޒާރު އައި.އާރް.ޖީ.ސީ އިން ވަނީ ދީފަ އެވެ.
"މި ސަރަހައްދުން ތެލާއި ގޭސް ބޭރުކުރެވޭ ނަމަ އެންމެންނަށް ވެސް ކުރެވޭނެ، ނޫނީ އެއްވެސް ބަޔަކަށް ނުކުރެވޭނެ،" އައިއާރްޖީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕެންސިލްވޭނިއާގެ ޔޫ.އެސް އާމީ ވޯ ކޮލެޖުގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން ސިއްރިއްޔާތުގައި ސުލްހައިގެ އެއްބަސްވުމަކަށް ދާން ބޭނުންވާ ކަމަށް ކުރިން ވެސް ކުރެއްވި ތުހުމަތުތައް ތަކުރާރުކުރައްވާފަ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"އަޅުގަނޑުމެން މިކުރާ ކަންތައްތަކަކާ އެމީހުން ގަޔަކާ ނުވޭ، އެމީހުން ބޭނުންވަނީ މައްސަލަ ހައްލުކުރަން. އެމީހުންނާއެކު މައްސަލަ ހައްލުކުރާނީތޯ ނުވަތަ މުޅިން ނިންމާލާނީތޯ އަދި އެނގޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެހެންނަމަވެސް، ބުދަ ދުވަހު ޓްރަމްޕް ވަނީ އޭނާގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމް މެދުވެރިކޮށް އީރާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އެއީ 2024 ވަނަ އަހަރުން ފެށިގެން އީރާނުން "ނުހައްގުން" ޖަލަށްލާފައިވާ ކަމަށް އެމެރިކާއިން ބުނާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ދީނާ ކަރާރީ މިނިވަންކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ބުދަ ދުވަހު ޖޯ ރޯގަންގެ ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިފާއުކުރެއްވި އެވެ. ނަމަވެސް މި ހަމަނުޖެހުން ނިންމުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.










