އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ދެ ގައުމުން ބަދަލުކުރި ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް އެމެރިކާ އިން ބުނޭ. މީގެ ރައްދުގައި އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އެ ސަރަހައްދުން ބޭރުކުރާ ހަކަތައިގެ އެކްސްޕޯޓްތައް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދީފައި.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު، އީރާނުގެ ވެރިރަށް ތެހެރާންގެ މެދުތެރޭ ސަރަހައްދަކަށް ދިން ވައިގެ ހަމަލާތަކަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް
އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި ކްރޫޒް މިސައިލް ރައްކާކުރާ ތަންތަނުގެ އިތުރުން މިސައިލް ފޮނުވާލާ މަރުކަޒުތަކަށް އަމާޒުކޮށް ބުދަ ދުވަހު އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުން ބޭރުކުރާ ހަކަތައިގެ އެކްސްޕޯޓްތައް އިތުރަށް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ހަމަލާތަކަކީ ދުނިޔޭގެ ތެލާއި ގޭހުގެ ޝިޕްމަންޓްތަކުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ކުރިމަތިލުންތަކުގެ ތެރެއިން ދެވުނު އެންމެ ފަހުގެ ހަމަލާތަކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ފައުޖުތަކުން އީރާނަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފަށާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މި ހަމަލާތަކުގެ ބޭނުމަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުގެ ސިފައިން ބޭނުންކުރާ އަސްކަރީ ގާބިލުކަން އިތުރަށް ބަލިކޮށްލުން ކަމަށް އެމެރިކާއިން ބުނެ އެވެ.
މި ހަމަލާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އީރާނުގެ މީޑިއާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުގެ ގްރޭޓަރ ތުންބް އައިލެންޑްގައި ހުރި އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި، ކްރޫޒް މިސައިލް ރައްކާކުރާ ތަންތަނުގެ އިތުރުން މިސައިލް ފޮނުވާލާ މަރުކަޒުތަކަށް އަމާޒުކޮށް ދިން މި ހަމަލާތައް 90 މިނެޓުގެ ތެރޭގައި ނިންމާލާފައިވާ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހުރްމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ހުރި އަސްކަރީ އަމާޒުތަކަށް ހަތް ގަޑިއިރަށް ދެމިގެންދިޔަ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
މީގެ ރައްދުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުދަ ދުވަހު ބުނީ، ބަހްރައިން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް ފައިދާވާ ގޮތަށް ހުރި ހުރިހާ ހަކަތަ އެކްސްޕޯޓް ކުރާ މަގުތަކެއް ބަންދުކުރާނެ ކަމަށް ބުނެ، އީރާނުން ވަނީ ބުދަ ދުވަހު އިތުރު އިންޒާރުތަކެއް ދީފަ އެވެ.
މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އީރާނުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރުމާ ގުޅިގެންނެވެ. އެމެރިކާއިން ބުނާ ގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި އީރާނުން ވަނީ ވިޔަފާރިކުރާ ހަތް އުޅަނދަކަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި އުޅަނދުފަހަރުގެ ފަޅުވެރިންގެ ތެރެއިން ބައެއް މީހުން މަރުވެ، ބައެއް މީހުން ގެއްލިފައިވާއިރު، ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އީރާނުން ބުނެފައިވަނީ ހަމަލާ ދޭން ޖެހުނީ ގަވައިދާ ޚިލާފަށް، އިންޒާރު ދިނުމުން ވެސް އަމުރަށް ތަބާ ނުވެ ދަތުރު ކުރިއަށް ގެންދަން އުޅުނު އުޅނަދުފަހަރަށް ކަމުގަ އެވެ.
މަސްދަރު: ރޮއިޓާސް





