Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގަލްފުގެ މަސްރަހް

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތައް ގަލްފު ސަރަހައްދުގައި އަލުން ވަރުގަދަވެ، އެ ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މި ހަމަލާތަކުން ދިފާއުވުމަށް ގަލްފުގެ ގައުމުތަކުން އެމެރިކާގެ އެހީތެރިކަމާއެކު ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތަކެއް ބޭނުންކުރަމުންދާއިރު، މި ކުރިމަތިލުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް އޮތް ކަމަށް ތަޖުރިބާކާރުން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 16:02
އީރާނުގެ ސަރަޙައްދެއްގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، ވައިގެ ތެރެއިން އަންނަ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ "ސާފަސް-ޓު-އެއަރ" މިސައިލެއް ފޮނުވާލަނީ.

އީރާނުގެ ސަރަޙައްދެއްގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، ވައިގެ ތެރެއިން އަންނަ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ "ސާފަސް-ޓު-އެއަރ" މިސައިލެއް ފޮނުވާލަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ވައިގެ ހަމަލާތަކުގެ އާ ރާޅަކާ ގުޅިގެން، ބަހްރައިން، ކުވެއިތު، އޮމާން، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އުރުދުންގެ ވައިގެ ދިފާއީ ނިޒާމުތައް މި ހަފުތާގައި އަލުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މި ހަމަލާތައް އީރާނުން ދޭން ފަށާފައިވަނީ، އެ ގައުމުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކާއި، ގިޝްމް އައިލެންޑްގެ އިތުރުން ބަންދަރު އައްބާސް، ސީރިކް އަދި ޖާސްކް ފަދަ ބަނދަރުމަތީ ސިޓީތަކަށް އެމެރިކާއިން އަލުން ބޮން އަޅަން ފެށުމާ ގުޅިގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމަ ހުއްޓާލުމަށް ވޮޝިންޓަނާއި ތެހެރާނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރިތާ މަހެއްވެސް ނުވަނީސް، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް މިވަނީ އަލުން ވަރުގަދަވެފަ އެވެ. އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތު ދެ ފަރާތުންވެސް ކުރަމުންދާއިރު، މި ހަމަނުޖެހުންތައް ބޮޑަށް އަމާޒުވެފައިވަނީ ހުރްމުޒް ކަނޑުއޮޅިއަށެވެ. އެ ފަހުމުނާމާގައިވާ ގޮތުން ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުތައް ކޮންޓްރޯލް ކުރުމުގެ ބާރު އޮންނަނީ އީރާނަށެވެ.

އޮމާން ކައިރިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުގެ ސިފައިން ހަމަލާދީފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ނުރައްކާވާ ގޮތަށް ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އެމެރިކާއިން ބުދަ ދުވަހު ވަނީ ބުނެފަ އެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެމެރިކާ ސިފައިން ތިބޭ ގަލްފުގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

ގަލްފު ސަރަހައްދުގައި އަލުން ފެށުނު މި ހަމަލާތަކުގެ ސަބަބުން، އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވާ ގައުމުތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ. ތަޖުރިބާކާރުން  ބުނާ ގޮތުގައި، އެ ގައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ އީރާނުގެ ހަމަލާތަކުގެ އަމާޒަކަށް އެ ގައުމުތައް ވާންޖެހޭ ސަބަބެވެ. ނަމަވެސް، އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން އެ ސިޓީތައް ދިފާއުކޮށްދެނީވެސް ހަމަ އެމެރިކާގެ އެހީގަ އެވެ.

ގަލްފުގެ ގައުމުތަކުގެ މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެމެރިކާއާއި އީރާނުގެ ކުރިމަތިލުންތައް ދިގުލައިގެން ގޮސް، ހަނގުރާމަ ވަރުގަދަވެއްޖެ ނަމަ، އެ ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތަކަށް އީރާނުގެ މެދުނުކެނޑިދޭ ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ހުންނާނެތޯ އުފެދޭ ސުވާލެވެ.

ފުޅާވަމުންދާ ހަނގުރާމައެއް

ބަހްރައިން، ގަތަރު، ކުވެއިތު، އޮމާން، ޔޫއޭއީ އަދި އުރުދުންގެ ސަރުކާރުތަކުންނާއި އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތައް ވަނީ ވަދެފަ އެވެ. އަދި އީރާނުން ދެމުންދާ މި ހަމަލާތައް އެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ހަމަލާތައް އަމާޒުވީ އުރުދުންގެ ތެޔޮ ގުދަނަކަށާއި، ބަހްރައިންގެ ހެލިކޮޕްޓަރު މަރާމާތުކުރާ މަރުކަޒަކަށާއި، ކުވެއިތުގެ ތެޔޮ ޓޭންކުތަކުގެ އިތުރުން ޕެޓްރިއަޓް ވައިގެ ދިފާއީ ނިޒާމަކަށެވެ. މީގެ އިތުރުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ އޮމާންގައި ހުރި "އެފްޕީއެސް" ލޯންގް ރޭންޖް ރޭޑާ ސިސްޓަމަކާއި އުޅަނދުތައް ދެނެގަންނަ ރޭޑާ ސިސްޓަމެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ވާހަކަތައް މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ އަމާޒަކީ ގަލްފުގެ ގައުމުތައް ނޫން ކަމަށާއި، ހަމަލާދެނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. ނަމަވެސް އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ގަލްފުގެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ވަދެ، އެ ގައުމުތަކުގެ ބިމަށް ވެއްޓުމުގެ ސަބަބުން އާންމުންނަށް ދަނީ އަނިޔާވަމުންނެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އީރާނުގެ މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލުމުން ބުރައިގެން ދިޔަ އެތިކޮޅުތަކުން ޖެހި، ކުޑަކުއްޖަކާއެކު ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ގަތަރުން ވަނީ ބުނެފަ އެވެ.

ގަލްފުގެ ގައުމުތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުތަކުގެ ބިން އީރާނަށް ހަމަލާދޭން ބޭނުންކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންނަމަވެސް، އެ ގައުމުތަކުގެ ބޯޑަރުތަކުގެ އެތެރޭގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކެއް ނުހުއްޓެއެވެ.

އެމެރިކާގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތު

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މަދުވެގެން 19 ސަރަހައްދެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވެ އެވެ. މީގެ ތެރޭގައި ބަހްރައިން، މިސްރު، އިރާގު، އުރުދުން، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ހިމެނެ އެވެ.

މި ސަރަހައްދުގައި އެމެރިކާގެ ގާތްގަނޑަކަށް 50،000 ސިފައިން ތިބިއިރު، މިއީ ގަލްފުގެ ސަލާމަތީ މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ.

ލެންކާސްޓާ ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮފެސަރ ސައިމަން މޭބަން "އަލްޖަޒީރާ" އަށް ވިދާޅުވި ގޮތުގައި، ގަލްފުގެ ގައުމުތައް މިވަނީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. އެމެރިކާއާއެކު އޮންނަ ގުޅުމުގެ ސަބަބުން އެ ގައުމުތަކަށް ހަމަލާތައް އަމާޒުވާއިރު، އަނެއްކޮޅުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރުމުގެ ސަބަބުން ގިނަ ހަމަލާތަކެއް ނާކާމިޔާބުކޮށްލައި، ލިބޭ ގެއްލުންތައް ކުޑަކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގަލްފުގެ ވައިގެ ދިފާއީ ނިޒާމުތަކުގައި ބާރު ހުރީ ކިހާވަރަކަށް؟

ވޭތުވެދިޔަ އަހަރުތަކުގައި ގަލްފުގެ ގައުމުތަކުން ވަނީ އެމެރިކާ، ޔޫރަޕް، އަދި ބައެއް ހާލަތްތަކުގައި ރަޝިއާ، ޗައިނާ އަދި އިސްރާއީލުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތަކެއް ބިނާކޮށްފަ އެވެ.

މީގެ ތެރޭގައި 100 ކިލޯމީޓަރަށްވުރެ ދުރުން އަންނަ ނުރައްކާތައް ހުއްޓުވުމުގެ ގާބިލުކަން ހުރި މިސައިލްތަކާއި، އަސްކަރީ މަރުކަޒުތަކާއި ތެލުގެ ވަސީލަތްތައް ދިފާއުކުރުމަށް ބޭނުންކުރާ މެދު އަދި ކުރު ރޭންޖުގެ ނިޒާމުތައް ހިމެނެ އެވެ.

މިސާލަކަށް، ސައުދީ އަރަބިއްޔާގައި އޮތީ ގަލްފުގެ އެންމެ ބޮޑު ވައިގެ ދިފާއީ ވިއުގައެވެ. އެ ގައުމުން ބޭނުންކުރަނީ އެމެރިކާގައި އުފައްދާފައިވާ "ތާޑް" (THAAD) ސިސްޓަމާއި "ޕެޓްރިއަޓް ޕީއޭސީ-3" (Patriot PAC-3) އެވެ. ޔޫއޭއީން ވެސް ތާޑް އަދި ޕެޓްރިއަޓް ސިސްޓަމް ބޭނުންކުރާއިރު، އިސްރާއީލުގެ "ބަރާކް" ވައިގެ ދިފާއީ ނިޒާމުވެސް އެ ގައުމުގައި ބޭނުންކުރެ އެވެ.

ގަތަރުން ވަނީ ޕެޓްރިއަޓް ސިސްޓަމްތަކާއި ނޯވޭ އަދި އެމެރިކާ ގުޅިގެން އުފައްދާފައިވާ "ނެސާމްސް 3" (NASAMS III) ސިސްޓަމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފަ އެވެ.

ކުވެއިތުން ބޭނުންކުރަނީ ޕެޓްރިއަޓް ޕީއޭސީ-3 ސިސްޓަމާއި، އިޓަލީގެ "އެސްޕައިޑް" ލޯންޗަރުތަކުގެ އިތުރުން "ސްޓިންގާ" އަދި "ސްޓާބާސްޓް" ފަދަ މިސައިލްތަކެވެ.

ބަހްރައިނުން ދާދި ފަހުން ވަނީ ޕެޓްރިއަޓްގެ އެންމެ ފަހުގެ "ޕީއޭސީ-3 އެމްއީއެސް" ސިސްޓަމް ހޯދާފަ އެވެ.

އޮމާންގައި އެހެން ގައުމުތަކާ އަޅާބަލާއިރު ދުރު ރޭންޖުގެ ނިޒާމުތައް މަދު ނަމަވެސް، އެ ގައުމުގައި "ނެސާމްސް" (NASAMS) އާއި ފަރަންސޭސިވިލާތުގެ "މިސްޓްރަލް" އަދި ރަޝިއާގެ "ސްޓްރެލާ-2" ސިސްޓަމްތައް ބޭނުންކުރެ އެވެ.

މި ހުރިހާ ނިޒާމުތަކަކުންވެސް ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ސާބިތުކޮށްދީފައިވީ ނަމަވެސް، އެއްވެސް ނިޒާމަކީ 100 އިންސައްތަ ކާމިޔާބު އެއްޗެއް ނޫނެވެ. އަދި ގިނަ ފަހަރަށް މި ގައުމުތަކުގެ ދިފާއުގައި އެމެރިކާގެ ވައިގެ ދިފާއީ އެހީތެރިކަން ބޭނުންވެ އެވެ.

ޕްރޮފެސަރ މޭބަން ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރީ އެހީތެރިކަމަކީ ގަލްފުގެ ގައުމުތަކަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. އެމެރިކާގެ ސަބަބުން އެ ގައުމުތަކަށް ނުރައްކާ އޮތް ނަމަވެސް، އެމެރިކާގެ ސިފައިން އެ ގައުމުތައް ދިފާއުކޮށްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ޗެތަމް ހައުސްގެ އެސޯސިއޭޓް ފެލޯ އަދި ކުވެއިތު ޔުނިވަރސިޓީގެ ޕްރޮފެސަރ ބަދަރު މޫސާ އަލް-ސައިފް ވިދާޅުވި ގޮތުގައި، އެމެރިކާއާއެކު އޮންނަ ގާތް ސަލާމަތީ ގުޅުމުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ވަނީ ނަމޫނާ ދިފާއީ ހާލަތެއް ގާއިމުކުރެވިފަ އެވެ.

އޭނާ ވިދާޅުވީ ފަހަކަށް އައިސް ދީފައިވާ ހަމަލާތައް ހުއްޓުވުމުގައި ގަލްފުގެ ގައުމުތަކުން ވަނީ ވަރަށް މަތީ ކާމިޔާބީއެއް ހޯދާފަ އެވެ. މިއީ އެމެރިކާއާއެކު އޮތް ގުޅުމުގެ އިތުރުން، އެހެން ގައުމުތަކާއެކުވެސް ދިފާއީ ގުޅުންތައް ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލް-ސައިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ލީޑަރުން ބޭއްވި ބައްދަލުވުމުގައި، ސަރަހައްދީ ސަލާމަތަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ހަމަލާތައް ހުއްޓުވުމަށް ހިނގާ ބޮޑު ޚަރަދު

އީރާނުން ވަނީ ވަރަށް އަގުހެޔޮކޮށް އަމިއްލައަށް އުފައްދާ "ޝާހިދު" ޑްރޯންތަކަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފަ އެވެ. މިއީ ރާޑަރުތަކަށް ފަސޭހައިން އަތުނުވާ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯންތަކެކެވެ.

އީރާނުގެ މީގެ ޑްރޯނެއް އުފެއްދުމަށް ހިނގަނީ ގާތްގަނޑަކަށް 30،000 އެމެރިކާ ޑޮލަރެވެ. ނަމަވެސް މި ޑްރޯންތައް ވައްޓާލަން ބޭނުންކުރާ މިސައިލްތަކުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރަ އެވެ. އެހެންކަމުން، އީރާނުން މެދުނުކެނޑި މިފަދަ ހަމަލާތައް ދޭނަމަ، ގަލްފުގެ ގައުމުތަކާއި އެމެރިކާއަށް ޖެހޭނީ އަގުބޮޑު މިސައިލްތައް ހުސްކުރާށެވެ.

ޕްރޮފެސަރ މޭބަން ވިދާޅުވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ އަގުހެޔޮ ޑްރޯންތަކެއް ވައްޓާލަން އަގުބޮޑު މިސައިލްތައް ބޭނުންކުރަން ޖެހުމެވެ. މިއީ ދިގު މުއްދަތަކަށް ބަލާއިރު ދިފާއީ ގާބިލުކަމަށް އޮތް ނުރައްކަލެކެވެ.

އީރާނުގެ ބޭނުމަކީ ގަލްފުގެ ދިފާއީ ނިޒާމުތައް މުޅިން ފުނޑާލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ ގައުމުތަކުގެ މިސައިލްތައް ހުސްކޮށްލައި، އިގްތިސާދީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުބަލިކޮށްލުން ކަމަށް މުހައްލިލުން ދެކެއެވެ. ނަމަވެސް އަލް-ސައިފް ވިދާޅުވީ ދިފާއީ ސިނާއަތުން މިހާރު ދަނީ އަގުހެޔޮކޮށް ހަމަލާތައް ހުއްޓުވޭނެ ނިޒާމުތައް އުފައްދަމުން ކަމަށާއި، މުސްތަގުބަލުގައި މި ހާލަތު ބަދަލުވާނެ ކަމަށެވެ.

މި ހުރިހާ ކަމެއް ހިނގަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރިއްޔާ ދެމިއޮންނާނެ މިންވަރާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެމެރިކާއާ ނުލައި ގަލްފަށް އަމިއްލައަށް ދިފާއު ކުރެވިދާނެތަ؟

މިހާރު ކުރިމަތިވެފައިވާ ކްރައިސިސްގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ މެދުގައި އަސްކަރީ އެއްބާރުލުން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ރާޑަރުގެ މައުލޫމާތު ހިއްސާކުރުމާއި، މިސައިލްތައް ޓްރެކްކުރުމުގައި ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.

ޕްރޮފެސަރ މޭބަން ވިދާޅުވީ ގަލްފުގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަނީ އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ދިފާއީ ސިނާއަތްތައް ވަރުގަދަކުރުމަށެވެ. އެގޮތުން ޔޫކްރެއިން، ދެކުނު ކޮރެއާ އަދި ޔޫރަޕްގެ ގައުމުތަކާއެކު ދިފާއީ އެއްބަސްވުންތައް ދަނީ ގާއިމުކުރަމުންނެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ޔޫއޭއީއާއި ބަހްރައިނުން ވަނީ އިސްރާއީލާއެކު އޮންނަ ސަލާމަތީ ގުޅުންތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

އީރާނާއެކު އުޅުން

މުހައްލިލުން ފާހަގަކުރާ ގޮތުގައި، އެމެރިކާއާ ގާތް ގުޅުމެއް އޮތް ނަމަވެސް، އީރާނަކީ އަވަށްޓެރި ގައުމަކަށްވާތީ އެ ގައުމާއެކު ސިޔާސީ ގުޅުމެއް ބޭއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ގަލްފުގެ ގައުމުތަކުން ގަބޫލުކުރެ އެވެ.

ޔޫއޭއީން 2022 ވަނަ އަހަރު އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކޮށްފައިވާއިރު، ސައުދީ އަރަބިއްޔާއިންވެސް ވަނީ 2023 ވަނަ އަހަރު ޗައިނާގެ މެދުވެރިކަމާއެކު އީރާނާއެކު ގުޅުން އާލާކޮށްފަ އެވެ. އީރާނުން ދޭ ހަމަލާތަކުގެ ސަބަބުން މި ގުޅުންތަކަށް ބުރޫއެރި ނަމަވެސް، އެ ގުޅުން މުޅިން ކެނޑިގެން ގޮސްފައެއް ނުވެ އެވެ.

ގަލްފުގެ ޑިޕްލޮމަސީ

ގަލްފުގެ ގައުމުތަކުން އަބަދުވެސް އިސްކަންދެނީ އީރާނާއެކު ކުރިމަތިލުމަކަށް ދިއުމުގެ ބަދަލުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށެވެ. ގަތަރާއި އޮމާނަކީ އީރާނާއި އެމެރިކާގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ މުހިންމު ދެ ގައުމެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ ހަމަލާތައް ވަރުގަދަވުމަކީ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތަށް އޮތް ހުރަހެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެއާއެކު ސުލްހަ ގާއިމުކުރަން ކުރާ މަސައްކަތް އެ ގައުމުން ހުއްޓައެއް ނުލައެވެ.

ގަލްފުގެ ގައުމުތަކުގެ އިގްތިސާދު ބިނާވެފައިވަނީ ސަރަހައްދީ ހަމަޖެހުމުގެ މައްޗަށެވެ. ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.

ޕްރޮފެސަރ މޭބަން ވިދާޅުވި ގޮތުގައި، މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއީ ދިގުލައިގެންދާނެ ހަނގުރާމައެއްގެ ފެށުންތޯ ނުވަތަ އަލުން މަޝްވަރާތައް ފެށުމުގެ ކުރިން އީރާނާއި އެމެރިކާއިން ބާރު ދައްކާލުމުގެ ގޮތުން ހިންގާ ވަގުތީ ކުރިމަތިލުންތަކެއްތޯ ކުރެވޭ ސުވާލެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިގަލްފް ސަރަޙައްދު

އިތުރަށް ކިޔާލަން

14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން ހޫޘީން ސައުދީއަށް މިސައިލް ފޮނުވަން ފެށުމުން، އެ ސަރަހައްދުގައި އޮތް ސުލްހަ ވަނީ ގެއްލިފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ މުހިންމު މަގުތައް ކަމަށްވާ ބާބުލް މަންދަބާއި ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ބައިނަލްއަގުވާމީ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރުމުގެ ބިރު މިވަނީ އިންތިހާއަށް ބޮޑުވެފައި.

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

ގަލްފު ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މަދަނީ ބޯޓުފަހަރަށް ނުރައްކާ އޮތް ކަމަށް ބުނެ، އެ ސަރަހައްދުގެ ވައިގެ މަގު ބޭނުން ނުކުރުމަށް ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީން އެއާލައިންތަކަށް އިރުޝާދު ދީފި. މިސައިލާއި ޑްރޯން ހަމަލާތަކުގެ ބިރު އޮތުމާއެކު، އީރާނާއި އިރާގުގެ އިތުރުން ބަހްރައިން، ކުވެއިތު އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެ އެޖެންސީން ވަނީ އަންގާފައި.

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

މެދުއިރުމަތީގެ މޯބައިލް ނެޓްވޯކްތަކާއި އިޝްތިހާރުކުރާ ޑޭޓާބޭސްތައް މެދުވެރިކޮށް، އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ހަރަކާތްތައް އިރާނުން މޮނިޓަރުކުރަމުންދާ ކަމަށް ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެ. ރޯމިންގް ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން މީހުން ތިބޭ ތަންތަން ވަގުތުން ދެނެގަތުމުގެ ގާބިލުކަން އިރާނަށް ލިބިފައިވާތީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ސަލާމަތީ ނުރައްކާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި.

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އީރާނުން ގަލްފުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށާއި ތެޔޮ ޓޭންކަރުތަކަށް ވަނީ ހަމަލާދީފަ. މި ހަމަނުޖެހުންތަކާ އެކު ތެލުގެ އަގު އުފުލިފައިވާއިރު، އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކުރަން އެމެރިކާއިން ވަނީ ނިންމާފައި. އީރާނުން ބުނަނީ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ދިފާއުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް.

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
14 ޖުލައި 2026

އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

އޮމާން ކައިރިން ދަތުރުކުރި "ސްޓޯލްޓް މެގްނީޒިއަމް" ޓޭންކަރަށް ދިން ހަމަލާއެއްގައި އިންޖީނު ރޫމުގައި އަލިފާން ރޯވި ނަމަވެސް، ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފައި. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ އުޅަނދަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އެކަކު މަރުވެ، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

14 ޖުލައި 2026
އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު