އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން އިރާނުން ނިންމުމާ ގުޅިގެން އެމެރިކާއިން އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ހަވާލުވެ، އުޅަނދުފަހަރުން ފީ ނަގާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ އިއުލާނުކުރައްވާފަ. ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކޮށް މަސްރަހު ގޯސްވެފައިވާއިރު، މިއީ ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމެއް.

ހުރްމުޒް ކަނޑުއޮޅީގައި ބަނދަރުކޮށްފައި އޮތް ބޯޓެއްގެ ކައިރިން، އީރާނުގެ ދިދަ ޖަހާފައިވާ "ބާސިމް" ނަމަކަށް ކިޔާ ޓަގުބޯޓެއް ދަތުރުކުރަނީ. | ގެޓީ އިމޭޖަސް
އިރާނާއި އެމެރިކާއާ ދެމެދު މިސައިލާއި ޑްރޯން ހަމަލާތަކެއް ބަދަލުކޮށްފައިވަނިކޮށް، ފާރިސީ ކަނޑުއޮޅީގައި ދަތުރުކުރާ އިރާނުގެ އުޅަނދުފަހަރު އެމެރިކާއިން އަލުން ހުރަސްއަޅައި ބްލޮކްކުރަން ފަށާފައިވާ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެމެރިކާއިން ކަށަވަރުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އިރާނުން އިއުލާނުކުރުމާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، މިއީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމާމެދު ސުވާލު އުފެދި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިޔަ ކަމެކެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާނުން ބޭނުންވިޔަސް ނުވިޔަސް ހުރްމުޒް ކަނޑުއޮޅި އޮންނާނީ ހުޅުވާފައި ކަމަށާއި، އިރާނުގެ އުޅަނދުފަހަރު ހުއްޓުވުމަށް އެމެރިކާއިން އަލުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން، މިއަދުން ފެށިގެން އެމެރިކާއަކީ "ހުރްމުޒް ކަނޑުއޮޅީގެ ބަލަދުވެރިޔާ" ގެ ގޮތުގައި މަޝްހޫރުވެގެންދާނެ ކަމަށާއި، އިންސާފުގެ އުސޫލުން އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ މުދާ އުފުލާ އުޅަނދުފަހަރުން 20 އިންސައްތައިގެ ފީއެއް އެމެރިކާއަށް ދައްކަންޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، އިރާނުގެ އަސްކަރީ ކޮމާންޑުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލު ކަނޑައެޅުމުގައި އެމެރިކާގެ އެއްވެސް ދައުރެއް ނެތް ކަމަށާއި، އެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި، ބަހްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އޮމާންގައި ހުރި ރާޑަރު ސިސްޓަމްތަކުގެ އިތުރުން އުރުދުންގެ ޕްރިންސް ހަސަން އެއާބޭސްގައި ހުރި ތެޔޮ ޓޭންކުތަކާއި ހަތިޔާރު ގުދަންތަކަށް ހަމަލާދީފައިވާނެ ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އާދީއްތަ ދުވަހު އެމެރިކާގެ މަތިންދާބޯޓުތަކާއި، މަނަވަރުތަކާއި ޑްރޯންތައް ބޭނުންކޮށްގެން އިރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، އައްސޭރިފަށުގެ ރާޑަރުތަކަށާއި، މިސައިލް އަދި ޑްރޯން އުފައްދާ ތަންތަނުގެ އިތުރުން ކުދި ބޯޓުފަހަރަށް ވަނީ ހަމަލާދީފަ އެވެ.
އިރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު އެމެރިކާއިން ވަނީ އިރާނުގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ގޭޝްމް، ބަންދަރު އައްބާސް އަދި އާބާދާންގައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
ބަހްރައިނުން ބުނި ގޮތުގައި ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިރާނުން ފޮނުވާލި ބައެއް މިސައިލްތަކާއި ޑްރޯންތައް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ.
މިދިޔަ ހަފުތާގައި ހަމަލާތައް ވަރުގަދަވެ، ފުޅާވެގެން ގޮސްފައިވާއިރު، މިއީ ހަމަލާތައް ހުއްޓާލައި މަޝްވަރާ ކުރުމަށް މިދިޔަ މަހު އެމެރިކާއާއި އިރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިތުރު 60 ދުވަހުގެ މަޝްވަރާއަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ބައްލަވާ ކަމަށެވެ.
ހޯމަ ދުވަހު ފޮކްސް ނިއުސްގެ "ފޮކްސް އެންޑް ފްރެންޑްސް" ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އިރާނުން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށާއި، އެހެންކަމުން ދެން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.
އިރާނުގެ އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ޣާލިބާފް ވެސް ވަނީ ހަރުކަށި ރައްދެއް އެމެރިކާ އަށް ދެއްވާފަ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްކޮޅަށް ފައިދާވާ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ޒަމާން މިހާރު ނިމިއްޖެ ކަމަށާއި، ވީ ވައުދު ފުއްދުމަށް ނުވަތަ އޭގެ ނަތީޖާއާ ކުރިމަތިލުމަށް އެމެރިކާއަށް އަންގާފައިވާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މުޅި ގަލްފް ސަރަހައްދުގެ ހަމަޖެހުން ގެއްލިފައިވާއިރު، އިރާނުން ދަނީ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަކީ މި ހަނގުރާމައިގެ އެންމެ ބޮޑު އެއް އަމާޒެވެ. އިރާނުން އެ ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން، ހޯމަ ދުވަހު ބްރެންޓް ކްރޫޑް ތެލުގެ އަގު 4 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. މިއީ ދުނިޔޭގެ ހަކަތަ އުފުލާ އެންމެ މުހިންމު އެއް މަގަށް ބުރޫއަރާފާނެތީ އުފެދުނު ބިރުވެރިކަމުގެ ސަބަބުން އައި ބަދަލެކެވެ.
ހަކަތައިގެ އަގުތައް، ޚާއްސަކޮށް ޕެޓްރޯލްގެ އަގު އުފުލުމަކީ އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ކޮންގްރެސް އިންތިޚާބާ ކުރިމަތިލައްވާއިރު ޓްރަމްޕަށް ސިޔާސީ ގޮތުން ވަރަށް ނާޒުކު ކަމެކެވެ.
ހުއްދަނެތި އުޅަނދުތައް ދަތުރުކުރާ ކަމަށް ބުނެ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން ހޮނިހިރު ދުވަހު އިއުލާނުކުރުމަށްފަހު، އެ ސަރަހައްދު އަދިވެސް އޮތީ އިރާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ތެހެރާނުން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އިރާނާއި ލުބުނާނުގެ ރައްޔިތުންނެވެ. ހޯމަ ދުވަހު އިރާނުގެ ދެކުނު ހުޅަނގުގެ އާބާދާންގައި ދިން ހަމަލާތަކުގައި ދެ މީހަކު މަރުވިކަން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިރާނުގެ އައި.އާރް.ޖީ.ސީ އިން ބުނި ގޮތުގައި، ކަނޑުއޮޅީގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނެވޭނީ އެމެރިކާގެ އަސްކަރީ ނުފޫޒު އެ ސަރަހައްދުން ނައްތާލައިގެންނެވެ. އަދި އެމެރިކާއިން މިކަމުގެ ތެރެއަށް ވަންނަނަމަ، ދުނިޔޭގެ ތެލާއި ގޭހުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާދިސާތަކެއް ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމަށް އޮމާންއާއެކު ގުޅިފައިވާ ނިޒާމެއް ގާއިމުކުރަން އިރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމެރިކާއިން އޮމާންއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސަބަބުން އެ މަޝްވަރާތަކަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ދާއިމީ ފީއެއް ނެގުމަށާއި ހުއްދަ ހޯދަންޖެހޭ ނިޒާމެއް ގާއިމުކުރަން އިރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާއިން ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާ އޮތީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ކަނޑުއޮޅީގެ ކޮންޓްރޯލް އިރާނުގެ އަތްދަށުގައި ނެތް ކަމަށާއި، ދަތުރުފަތުރުތައް ކުރިއަށްދާ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 20 އުޅަނދެއް ވަނީ އެމެރިކާގެ ސަލާމަތީ ބެލުމުގެ ދަށުން ކަނޑުއޮޅި ހުރަސްކޮށްފަ އެވެ. ނަމަވެސް "މެރިން ޓްރެފިކް" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާއާ އަޅާބަލާއިރު ޖުލައި 10 އިން 12 އަށް އެ ސަރަހައްދުގެ ދަތުރުފަތުރު ވަނީ 52 އިންސައްތަ ދަށްވެފަ އެވެ.





