Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ވަނީ ދީފައި. މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުން މަސްރަހު އިތުރަށް ގޯސްވެ، ގަލްފުގެ ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 11:06
Your browser does not support the video tag.
0:00 / 0:00

މެދުއިރުމަތީގެ ވައިގެ ސަރަހައްދުގައި ފޯރިމަރަމުންދިޔަ އެމެރިކާގެ އެއާފޯސްގެ އެފް-16 މަރުކާގެ ފައިޓާ ޖެޓްތަކަށް، ކޭސީ-135 ސްޓްރެޓޯޓޭންކަރެއް ބޭނުންކޮށްގެން އުދުހެމުންދަނިކޮށް ތެޔޮ އަޅަނީ. | ސެންޓްކޮމް

އެމެރިކާއިން އެއް ހަފުތާ ތެރޭގައި ތިންވަނަ ފަހަރަށް އީރާނަށް ހަމަލާދިނުމާ ގުޅިގެން، މަސްރަހު އިތުރަށް ގޯސްވެ، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފިއެވެ.

އީރާނުގެ ދެކުނު އައްސޭރިފަށުގެ ސިޓީތަކަށް އެމެރިކާއިން އަލުން ބޮން އެޅުމާ ގުޅިގެން، އޭގެ ރައްދުގައި ބަހްރައިން، ކުވެއިތު، އުރުދުން، ގަތަރު އަދި އޮމާނަށް ހަމަލާދީފައިވާ ކަމަށް އީރާނުން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ. އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ، މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ފަހުމުނާމާއާ (އެމްއޯޔޫ) ވޮޝިންޓަނުން ޚިލާފުވެފައިވާ ކަމަށް ބުނެ، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރްމުޒްކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުންތައް މިހާރު މިދަނީ ކޮން ދިމާލަކަށް ހެއްޔެވެ؟ މިހާތަނަށް އެނގިފައިވާ މުހިންމު މައުލޫމާތުތަކަކީ މިއީއެވެ.

އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ހުރްމުޒް ބަންދުކުރީ ކީއްވެ؟

އީރާނުން ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާއިރު، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ މިދިޔަ ހަފުތާގައި އީރާނުގެ ދެކުނުގައި ހުރި ރާޑަރު، މިސައިލް އަދި ޑްރޯން މަރުކަޒުތަކަށް އަމާޒުކޮށް ތިންވަނަ ބުރުގެ ހަމަލާތަކެއް ދީފަ އެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި އެމެރިކާއިން ހަމަލާދޭން ފެށީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ އުޅަނދުތަކަށް އީރާނުން ހަމަލާދީ، ވަކި ގޮތެއް އަންގަންދެން އެ ކަނޑުއޮޅި ބަންދުކުރިކަން އިއުލާން ކުރުމާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އުޅަނދެއްގެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށްވެސް އެމެރިކާއިން ބުނެ އެވެ.

އީރާނުގެ މަޖިލީހުގެ ރައީސް އަދި ސުލްހައިގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ބާގިރު ޣާލީބާފް އާދީއްތަ ދުވަހު ވިދާޅުވީ، "އެއްކޮޅަށް ފައިދާވާ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ޒަމާން މިހާރު މާޒީވެއްޖެ" ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣާލީބާފް ވަނީ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ ފަހުމުނާމާގެ 5 ވަނަ މާއްދާގެ ފޮޓޯއަކާއެކު، "ވައުދު ފުއްދާށޭ ނުވަތަ އޭގެ އަގު އަދާކުރާށޭ އަހަރެމެން ބުނިން. ހަގީގަތާ ކުރިމަތިލާން ޖެހިއްޖެ" ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ. އެއަށްފަހު އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ އޭނާގެ ބައްޕަ އަވަހާރަކޮށްލި ކަމުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ.

މި ހިސާބަށް ކަންތައް ދިޔައީ ކީއްވެ؟

އެމެރިކާއާއި އީރާނާ ދެމެދު އެއްބަސް ވެވުނު ފަހުމުނާމާގައި ހުރި ބައެއް ބޮޑެތި ހުސްތަންތަނުގެ ސަބަބުން، މަސްރަހު ގޯސްވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މިދިޔަ ހޯމަ ދުވަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން (އައިއާރުޖީސީ) އޮމާން ކައިރިން ދަތުރުކުރި ގަތަރުގެ އެލްއެންޖީ ޓޭންކަރެއް ހިމެނޭހެން ތިން އުޅަނދަކަށް ހަމަލާދިނުމާއެކު، ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އަލުން ބޮޑުވި އެވެ.

ޖެހިގެން އައި ދުވަހު އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުން، އީރާނުން ވަނީ ގަލްފުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މިއާއެކު ރައީސް ޓްރަމްޕް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވާލައްވާފަ އެވެ.

އޭގެ ފަހުން ދެފަރާތުން ދިޔައީ ބަދަލު ހިފުމުގެ ހަމަލާތައް ދެމުންނެވެ. ހޮނިހިރު ދުވަހުގެ ރޭ އައިއާރުޖީސީން ވަނީ، ހުއްދަ ނޫން މަގަކުން ދަތުރުކުރި ކަމަށް ބުނެ ކޮންޓޭނަރު އުފުލާ ބޯޓަކަށް ހަމަލާދިނުމަށްފަހު، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި އާދީއްތަ ދުވަހު އެ ސަރަހައްދުން ދަތުރުކުރި ދެވަނަ އުޅަނދަކަށްވެސް ވަނީ ހަމަލާދީފަ އެވެ.

އެމެރިކާގެ ފަހުގެ ހަމަލާތައް އަމާޒުވީ ކޮން ތަންތަނަކަށް؟

ސެންޓްކޮމްއިން ބުނި ގޮތުގައި މިދިޔަ ހަފުތާގައި އީރާނަށް ދިން ތިންވަނަ ބުރުގެ ހަމަލާތަކަކީ، ސައިޕްރަސްގެ ދިދަ ޖަހާފައިވާ އުޅަނދަކަށް އީރާނުން ދިން ހަމަލާގެ ޒިންމާ އުފުލުވުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

މި ހަމަލާތަކުގައި އީރާނުގެ މިސައިލް އަދި ޑްރޯން މަރުކަޒުތަކާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކާއި، ހަތިޔާރު ގުދަންތަކާއި، މުވާސަލާތީ ނެޓްވޯކްތައް ހިމެނޭހެން 140 އަސްކަރީ އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ.

މީގެ އިތުރުން، އާންމު އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ކުޑަކުރުމަށްޓަކައި، ހަފުތާގެ ތިން ރެއެއްގެ މަތިން 300 އަށްވުރެ ގިނަ އަމާޒަށް ހަމަލާދީފައިވާ ކަމަށްވެސް ސެންޓްކޮމްއިން ބުންޏެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަނީ ލޮރެސްތާން ޕްރޮވިންސްގެ ވޭސިއާން ސިޓީގެ ބޭރު ސަރަހައްދުތަކަށާއި، ޚުންދާބްގައި ހުރި އަސްކަރީ މަރުކަޒަކަށް ވައިގެ މަގުން ހަމަލާދީފަ އެވެ. އަދި އީރާނުގެ ދެކުނު އައްސޭރިފަށުގެ ބޫޝެހްރު ޕްރޮވިންސްގެ ފަސް ސިޓީއަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެ އެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް އީރާނުން ދަނީ ބަލަމުންނެވެ.

ބަދަލު ހިފުމަށް އީރާނުން ހަމަލާ ދިނީ ކޮން ތަންތަނަކަށް؟

ފެބްރުއަރީ މަހުގެ ފަހުކޮޅު މި ހަމަނުޖެހުންތައް ފެށުނީއްސުރެ، އީރާނުން ދަނީ ގަލްފު ގައުމުތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޖާގަދީ، އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

އޮމާން:

އޮމާންގެ ދުގުމް ބަނދަރުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުން ބޭނުންކުރާ ލޮޖިސްޓިކް ސެންޓަރުތަކާއި ތެޔޮ އަޅާ ތަންތަނަށް ވަރުގަދަ ކުއްލި ހަމަލާއެއް ދީފައިވާ ކަމަށް އައިއާރުޖީސީން ބުނެ އެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާތަކުގައި އެ ތަންތަން ވަނީ ސުންނާފަތިކޮށްލާފަ އެވެ.

ގަތަރު:

ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އެއާބޭސްއަށް ބެލިސްޓިކް މިސައިލުން ހަމަލާދީ، އެތަނުގެ ފައިޓާ ޖެޓް މަރާމާތުކުރާ މަރުކަޒަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުން ބުނެ އެވެ. ނަމަވެސް ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނީ އީރާނުގެ ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ. މި ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު ބައިތަކުން ކުޑަކުއްޖަކާއެކު ތިން މީހަކު ޒަޚަމްވި ކަމަށް ގަތަރުން ބުނެ އެވެ.

ކުވެއިތު:

ކުވެއިތުގައި ހުރި އެމެރިކާގެ ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމަކަށާއި، ހަތިޔާރު ގުދަނަކަށް އަދި ރާޑަރު ސައިޓަކަށް ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އީރާނު އަސްކަރިއްޔާއިން ބުނެ އެވެ.

ބަހްރައިން:

ބަހްރައިންގައި ހުރި އެމެރިކާގެ މުވާސަލާތީ ނިޒާމަކަށާއި ރާޑަރު ސައިޓަކަށްވެސް އީރާނުން ވަނީ ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

އުރުދުން:

އުރުދުންގެ ޕްރިންސް ހަސަން އެއާބޭސްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީ، އެތަނުގެ ކޮމާންޑް ސެންޓަރަކާއި އެމްކިއު-9 ޑްރޯންތައް ބަހައްޓާފައި ހުރި ހޭންގަރުތައް ހަލާކުކޮށްލާފައިވާ ކަމަށް އައިއާރުޖީސީން ބުނެ އެވެ.

ހުރްމުޒް ކަނޑުއޮޅީގައި ވަނީ ކިހިނެއް؟

ހުއްދަ ނޫން މަގަކުން ދަތުރުކުރި އުޅަނދަކަށް އިންޒާރުގެ ހަމަލާއެއް ދިނުމަށްފަހު އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި އާދީއްތަ ދުވަހު ދެވަނަ އުޅަނދެއްގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށްވެސް އީރާނުން ބުނެ އެވެ.

އައިއާރުޖީސީން ބުނި ގޮތުގައި، މި ސަރަހައްދަށް އެމެރިކާއިން ވަންނަ ވަނުން ހުއްޓާލަންދެން ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފަ އެވެ. އީރާނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ދަނީ ހުރްމުޒް ކަނޑުއޮޅި ތެރެއިން "ޣައިރު ގާނޫނީ މަގެއް" ހަދައި، އެ ސަރަހައްދުގެ ސަލާމަތަށް ނުރައްކާ ކުރަމުންނެވެ.

ދުނިޔޭގެ ހަކަތައިގެ 20 އިންސައްތަ ދަތުރުކުރާ މި މުހިންމު ކަނޑުއޮޅިއަކީ، އެމެރިކާއާއި އީރާނާ ދެމެދު ފަހުމުނާމާގައި ސޮއިކުރި ފަހުންވެސް ނުތަނަވަސްކަން ބޮޑުވެފައިވާ ތަނެކެވެ. އީރާނުން ބުނަނީ އެ ގައުމުން ހުއްދަދޭ މަގުތަކުން ނޫނީ އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެމެރިކާއާއި ގަލްފު ގައުމުތަކުން ބުނަނީ އެއްވެސް ހުރަހެއް ނެތި އެ ސަރަހައްދުން ދަތުރުކުރެވެން ޖެހޭނެ ކަމަށެވެ.

ގަލްފުން ބުނަނީ ކީކޭ؟

އާދީއްތަ ދުވަހުގެ މެންދުރުފަހު ގަލްފުގެ ބައެއް ގައުމުތަކުގައި ނުރައްކަލުގެ ސައިރަން އަޅާފައިވާއިރު، ސަރުކާރުތަކުން ވަނީ ރައްޔިތުން ގޭގައި ތިބުމަށް އިރުޝާދު ދީފަ އެވެ.

އޮމާނުން ބުނީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރާއެކު ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާ ބެހޭގޮތުން މަޝްވަރާކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދިން މި ހަމަލާ އޮމާނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ގަތަރުންވެސް ވަނީ އީރާނުގެ ހަމަލާތައް ކުށްވެރިކޮށް، މިއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެފަ އެވެ. އަދި މީގެ ހުރިހާ ޒިންމާއެއް އީރާނުން އުފުލަންޖެހޭނެ ކަމަށް ގަތަރުން ބުންޏެވެ. ގަތަރުގެ ދާޚިލީ ވުޒާރާއިން ވަނީ ސަލާމަތީ ނުރައްކަލުގެ ދަރަޖަ މަތިކޮށް، ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އަންގާފަ އެވެ.

ކުވެއިތު އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން ހަމަލާތައް ހުއްޓުވާފައިވާ ކަމަށާއި، އިވުނު ގޮވުންތަކަކީ ދިފާއީ ނިޒާމުން ހަމަލާތައް ނައްތާލުމުގެ އަޑުތައް ކަމަށެވެ. ބަހުރައިނުންވެސް ވަނީ ސައިރަން އަޅައި، ރައްޔިތުން ހަމަޖެހިގެން ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިމުހައްމަދު ބާގިރު ޣާލިބާފްގަލްފްސެންޓްކޮމް

އިތުރަށް ކިޔާލަން

12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެ ގައުމުގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އީރާނުގެ ބައެއް ބަނދަރު ރަށްތަކަށް މިސައިލާއި ރޮކެޓް އަރާފައިވޭ.

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުގެ އައި.އާރް.ޖީ.ސީ އިން ވަރުގަދަ އިންޒާރުތަކެއް ދީފި. މި ފިޔަވަޅަކީ ބޭރުގެ ބާރުތަކުން ސަރަހައްދީ ސަލާމަތަށް ނުރައްކާކުރާތީ އެޅި ފިޔަވަޅެއް ކަމަށާއި، އީރާނަށް އަމާޒުކޮށް ހަމަލާއެއް ދީފިނަމަ ދުޝްމަނުންގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާދޭނެ ކަމަށްވެސް އެ ފައުޖުން ބުނެފައިވޭ.

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، އުރުދުން، ގަތަރު، ކުވެއިތު އަދި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އެމެރިކާގެ މުހިންމު އަސްކަރީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެމެރިކާއިން އިތުރު އުދުވާނެއް ހިންގައިފިނަމަ މިއަށްވުރެ ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އައި.އާރު.ޖީ.ސީން ވަނީ ދީފައި.

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
10 ޖުލައި 2026

ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ހުރްމުޒް ކަނޑުއޮޅީގައި ނުރައްކާ ބޮޑުވުމާ ގުޅިގެން، ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް އަގުތައް އުޅަނދުގެ އަގުގެ 10 އިންސައްތައަށް ވަނީ އުފުލިފައި. މި ބަދަލާއެކު އިންޝުއަރެންސް ކުންފުނިތަކުން ކޮންމެ ގަޑިއިރަކު އަގުތައް މުރާޖައާކުރަމުންދާއިރު، ސަރަހައްދީ ހަމަނުޖެހުންތައް ނުހުއްޓި ދިގުލައިގެން ގޮސްފިނަމަ މުދާ އުފުލާ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި.

10 ޖުލައި 2026
ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!
10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރި ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ފަށައިފި. މި ހަމަލާތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް އިންސައްތަ މައްޗަށް ގޮސްފައި.

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު