Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިނގިރޭސިވިލާތް

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި ބޮޑުވަޒީރުން އަވަސްއަވަހަށް ބަދަލުވަމުންދާ މައިގަނޑު ސަބަބަކީ ޕާލަމެންޓް މެންބަރުންނާއި ލީޑަރުންނާ ދެމެދު އޮންނަ އިތުބާރު ކުޑަވުމާއި، ބްރެކްސިޓް ފަދަ ކަންކަމާ ގުޅިގެން އުފެދުނު ބައިބައިވުންތައް. ވޯޓުލާ މީހުންގެ ވިސްނުން ބަދަލުވެ ޕާޓީތަކަށް އޮތް ވަފާތެރިކަން ކުޑަވުމުގެ ސަބަބުން، އަމިއްލަ ޕާޓީގެ ފިއްތުންތަކާ ހެދި މަގާމުން ވަކިވާންޖެހޭ ލީޑަރުންގެ އަދަދު މިހާރު ވަނީ އިތުރުވެފައި.

ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 13:11
2026 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރް އެ ގައުމުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާ، 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި، އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލާ ގުޅޭގޮތުން ބަޔާނެއް ދެއްވަން ވަޑައިގަންނަވަނީ.

2026 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރް އެ ގައުމުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާ، 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި، އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލާ ގުޅޭގޮތުން ބަޔާނެއް ދެއްވަން ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހިނގައިދިޔަ ދުވަސްވަރުގެ ބޮޑު ބަޔަކަށް ބަލާއިރު، އިނގިރޭސިވިލާތަކީ ގިނަ ދުވަހު މަގާމުގައި ދެމިތިބޭ ބޮޑުވަޒީރުންނަށް މަޝްހޫރު ގައުމެކެވެ. އެގައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޑައުނިންގް ސްޓްރީޓަށް ލީޑަރަކު ވަޑައިގެންފިނަމަ، އެ ބޭފުޅަކު އެތަނުގައި ގިނަ ދުވަހު ހުންނަވާނެ ކަމަށް އޭރު ބެލެވެއެވެ. ގައުމުގައި އޮތް މައިގަނޑު ދެ ސިޔާސީ ޕާޓީގެ ބާރުގަދަކަމާއި، ޕާލަމެންޓް މެންބަރުންގެ މެދުގައި އޮތް ބަދަހިކަމުގެ އިތުރުން، އިންތިޚާބީ ނިޒާމުގެ ސަބަބުން ހައުސް އޮފް ކޮމަންސްގައި ބޮޑު އަޣުލަބިއްޔަތެއް ލިބުމަކީ ބޮޑުވަޒީރުންނަށް ސާބިތުކަމާއެކު ވެރިކަން ކުރުމަށް ލިބުނު ބާރެކެވެ. މާގްރެޓް ތެޗާ އަދި ޓޯނީ ބްލެއާ ފަދަ ބޭފުޅުން ވަނީ މިހާރު ތަސައްވަރު ކުރަންވެސް ދަތި މިންވަރަކަށް، އެބޭފުޅުންގެ ވެރިކަމުގައި 10 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ.

ނަމަވެސް، މިހާރު އިނގިރޭސި ބޮޑުވަޒީރުން ފެންނަނީ ވަރަށް އަވަސްއަވަހަށް ބަދަލުވަމުންދާ މަންޒަރެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެގައުމުން މިހާރު މިވަނީ ހަތްވަނަ ބޮޑުވަޒީރަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. ތެރީސާ މޭ އަދި ބޮރިސް ޖޯންސަންގެ ވެރިކަން ތިން އަހަރަށްވުރެ ކުޑަކޮށް އިތުރުވިއިރު، ލިޒް ޓްރަސްއަށް މަގާމުގައި ހުރެވުނީ އެންމެ 49 ދުވަހުއެވެ. ކިއަރ ސްޓާމަރަކީ މީގެ ތަފާތު ބޭފުޅަކަށް ވާނެ ކަމަށް ބެލެވުނެވެ. އޭނާ 2024 ވަނަ އަހަރު ޑައުނިންގް ސްޓްރީޓަށް ވަޑައިގަތީ ލޭބަރ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއަކާއެކުގައެވެ. އެހެންނަމަވެސް، އެންމެ ދެ އަހަރުވެސް ނުވަނީސް އޭނާވެސް މިހާރު މިވަނީ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިފައެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ސިޔާސީ ހަމަޖެހުން މިހާ އަވަހަށް ހަލަބޮލިކަމަށް ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟

ބްރެކްސިޓަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުން.
ބްރެކްސިޓަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުން.

މިކަމަށް ދެއްކިދާނެ ސާފު ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް ސަބަބަކީ ހަމަ އެކަނި މިކަން މެދުވެރިވާން ފުދޭ ސަބަބެއް ނޫނެވެ. ސޯޝަލް މީޑިއާގެ ސަބަބުން ސިޔާސީ ގޮތުން ބައިބައިވުން ބޮޑުވީ ހެއްޔެވެ؟ ޔަގީނުންވެސް އެއީ އެއް ސަބަބެވެ. އެކަމަކު އިންޓަނެޓް ބޭނުންކުރާ ހަމައެކަނި ގައުމަކީ އިނގިރޭސިވިލާތެއް ނޫނެވެ. ބްރެކްސިޓްގެ ސަބަބުން ގައުމު ހިންގަން އުނދަގޫވީ ހެއްޔެވެ؟ އާދެ، އެއީ ތެދެކެވެ. ބްރެކްސިޓްގެ ސަބަބުން ޕާޓީތަކުގެ ތެރޭގައި ބައިބައިވުން އުފެދި، ސިޔާސީ ވިސްނުންތައް ފުންވެ، ބޮޑުވަޒީރުންނަށް ހަމައެކަނި ސިޔާސަތުތަކާ މެދު އުފެދޭ ޚިޔާލުތަފާތުވުންތަކުގެ އިތުރުން، ގައުމު އޮންނަންވީ ގޮތާ މެދު އުފެދިފައިވާ ތަފާތު ތަސައްވަރުތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް، އިލްމީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އިނގިރޭސިވިލާތުގެ ނުތަނަވަސްކަމަކީ ހަމައެކަނި ބްރެކްސިޓުން އުފަންވި ކަމެއް ނޫނެވެ. ބްރެކްސިޓްގެ ސަބަބުންވީ ގޮތަކީ، ސިޔާސީ ނިޒާމުގެ ތެރޭގައި ކުރިންވެސް އުފެދެމުން އައި ފިއްތުންތައް އިތުރަށް އަވަސްވެގެން ދިޔައީއެވެ.

ނުވަތަ މިއީ ހަމައެކަނި އިނގިރޭސިވިލާތަށް އެކަށީގެން ނުވާ ލީޑަރުންތަކެއް ލިބުމުގެ ނަތީޖާ ހެއްޔެވެ؟ ބައެއް މީހުންނަކީ އެންމެ މަތީ މަގާމުތަކަށް އެކަށީގެންވާ ބައެއް ނޫނެވެ. ފަހުގެ ބައެއް ބޮޑުވަޒީރުންނަށް ދިމާވި މައްސަލައަކީ ގާބިލުކަން ނެތުމެވެ. ތެރީސާ މޭއަށް އޭނާގެ ބްރެކްސިޓް އެއްބަސްވުން ޕާލަމެންޓުން ފާސްކުރެވޭ ގޮތެއް ނުވިއެވެ. އަދި ލިޒް ޓްރަސް ގެންގުޅުއްވި ހަރުކަށި އިގްތިސާދީ ސިޔާސަތުތައް ފެށުނުތަނާހެން ފެއިލްވެގެން ދިޔައެވެ. އަނެއްބައި ބޭފުޅުންނަށް ދިމާވީ އަޚްލާގީ މައްސަލަތަކާއި ނިންމުންތައް ނިންމުމުގައި ހެދުނު ގޯސްތަކެވެ. ބޮރިސް ޖޯންސަން ވަނީ ރައްޔިތުން ގަވާއިދުތަކަށް ބޯލަނބަން އަންގަވައި، އަމިއްލަފުޅަށް އެ ގަވާއިދުތަކާ ޚިލާފުވެވަޑައިގެންފައެވެ. އަދި އެކަން އިންކާރު ކުރެއްވުމުން އޭނާގެ އަގު އިތުރަށް ވެއްޓުނެވެ. ކިއަރ ސްޓާމަރަށް ދިމާވީ މި ހުރިހާ ކަމެއްގެ މަސްހުނި މައްސަލައެކެވެ. އޭނާގެ ސަރުކާރު ފާހަގަވެގެން ދިޔައީ ސިޔާސަތުތައް ނިންމުމުގައި ފަސްޖެހުމާއި، ޕީޓަރ މަންޑެލްސަން ފަދަ ބޭފުޅުން އައްޔަންކުރުމުގައި ހެދުނު ބޮޑެތި ގޯސްތަކުންނެވެ.

ނަމަވެސް، ހަމައެކަނި ލީޑަރުންގެ ނާގާބިލުކަމުން މި ހުރިހާ ކަމެއް ސާފެއް ނުވެއެވެ. މީގެ ކުރިންވެސް އިނގިރޭސިވިލާތުގައި ނާގާބިލު ސިޔާސީ ބޭފުޅުން އުޅުއްވިއެވެ. އަސްލު މައްސަލަ އޮތީ ބޮޑުވަޒީރުންނާއި އެބޭފުޅުންގެ އަމިއްލަ ޕާޓީގެ މެންބަރުންނާ ދެމެދު އޮންނަ ގުޅުން ބަދަލުވުމުގައެވެ. ކޮންމެ ބޮޑުވަޒީރަކަށްވެސް އެބޭފުޅެއްގެ ސިޔާސަތުތައް ފާސްކުރުމަށާއި، ދަތި ދަނޑިވަޅުތަކުގައި ދިފާއުވުމަށް ޕާލަމެންޓް މެންބަރުންގެ އެއްބާރުލުން ބޭނުންވެއެވެ. ހަނގުރާމައަށްފަހު އައި ދުވަސްވަރުގެ ބޮޑު ބަޔަކަށް ބަލާއިރު، އެ ގުޅުމަކީ އިތުބާރު ހުރި ގުޅުމެކެވެ. ނަމަވެސް 1970 ގެ އަހަރުތަކުން ފެށިގެން، ޕާލަމެންޓް މެންބަރުން ވަނީ އެބޭފުޅުންގެ އަމިއްލަ ޕާޓީއާ ދެކޮޅަށް ތެދުވުމަށާއި، ލީޑަރުންނަށް ގޮންޖެހުމަށާއި، ބޭނުންޖެހޭ ހާލަތްތަކުގައި ލީޑަރުން މަގާމުން ދުރުކުރުމަށް ފަސްނުޖެހޭ ބަޔަކަށް ވެފައެވެ. ސިޔާސީ އިލްމުވެރިޔާ ޖޯޖް ޖޯންސް ސިފަކުރައްވާފައިވާ ފަދައިން، ބޮޑުވަޒީރެއްގެ ބާރަކީ އިލާސްޓިކް ބޭންޑެއް ފަދަ އެއްޗެކެވެ. އެ ދެމޭނީ ވަކި މިންވަރަކަށެވެ.

ޕާލަމެންޓް މެންބަރުންނާއި ބޮޑުވަޒީރުންނާ ދެމެދު އޮތް ގުޅުން ހީނަރުވުމަކީ 1990 ގެ އަހަރުތަކުން ފެށިގެން އިނގިރޭސި ސިޔާސީ މަސްރަހުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ އަސްލެވެ. އިރާގު ހަނގުރާމައިގެ ސަބަބުން ޓޯނީ ބްލެއާގެ އަމިއްލަ ޕާޓީގެ ތެރޭގައި އޮތް އޭނާގެ ބާރު ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. 2003 ވަނަ އަހަރު، ލޭބަރ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އޭނާގެ އިރާގު ސިޔާސަތާ ދެކޮޅަށް ތެދުވުމުން، އޭނާގެ ބޮޑުވަޒީރުކަން ގެއްލިދާނެ ކަމުގެ ބިރު އޭރު އޮތެވެ. އެ ފަހަރު އޭނާ ސަލާމަތްވި ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން ބްލެއާ އާއި މެންބަރުންނާ ދެމެދު އޮތް ގުޅުމަށް ދާއިމީ ބުރޫއެއް އެރިއެވެ. ޑޭވިޑް ކެމަރަން ބްރެކްސިޓް ރިފަރެންޑަމެއް ބޭއްވީ، ޔޫރަޕާ ދެކޮޅު އޭނާގެ އަމިއްލަ ޕާޓީގެ މެންބަރުން އެކަމަށް ބާރުއަޅަމުން ދިއުމުންނެވެ. ރައްޔިތުން ޔޫރަޕްގެ އިއްތިހާދުން ވަކިވާން ނިންމުމާއެކު އޭނާ އިސްތިއުފާ ދެއްވިއެވެ. ބޮރިސް ޖޯންސަންގެ 'ޕާޓީގޭޓް' އިތުރުފުޅުތަކުގެ ސަބަބުން އޭނާގެ ސިޔާސީ ހަޔާތް ނިމުމަކަށް އައީ، އަމިއްލަ ޕާޓީގެ މެންބަރުން އޭނާއަށް ތާއީދުކުރަން ދެކޮޅު ހެދުމުންނެވެ. އަދި ކިއަރ ސްޓާމަރުގެ އިޖުތިމާއީ އެހީތައް ކަނޑާލުމާއި ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކުގެ ސަބަބުން، ލޭބަރ ޕާޓީގެ މެންބަރުންނަށް ޖެހުނީ ޕާޓީއަށް ވަފާތެރިވުމާއި އަމިއްލަ އުސޫލުތަކާ ދެމެދު ގޮތެއް ނިންމާށެވެ.

މި ހީނަރުކަމުގެ ސަބަބުން، ޕާލަމެންޓް މެންބަރުން އެބޭފުޅުންގެ ލީޑަރުންނާ ދެކޮޅަށް ތެދުވުމަށް މިހާރު ފަސްނުޖެހެއެވެ. އާންމު އިންތިޚާބުތަކުގެ ދެމެދުގައި ބޮޑުވަޒީރުން މަގާމުން ދުރުކުރުމަކީ މިހާރު އިނގިރޭސިވިލާތުގައި އާދައަކަށް ވެއްޖެއެވެ. އާންމު އިންތިޚާބެއް ކާމިޔާބުކޮށްގެން ވެރިކަމަށް ވަޑައިގެން، އަދި އިންތިޚާބަކުން ބަލިވެގެން ވެރިކަމުން ވަކިވެވަޑައިގެންނެވި އެންމެ ފަހުގެ ބޮޑުވަޒީރަކީ 1974 ވަނަ އަހަރުގެ އެޑްވަަޑް ހީތެވެ. އޭގެ ފަހުން، ލީޑަރުން މަގާމުން ވަކިވަނީ ރައްޔިތުންގެ ވޯޓުންނަށްވުރެ ބޮޑަށް، ޕާޓީގެ އެތެރޭގެ ފިއްތުންތަކާއި، ފަޟީހަތްތަކާއި، އިސްތިއުފާ ދިނުމުގެ ސަބަބުންނެވެ. މިކަން މިހާރު ދަނީ އިތުރަށް އަވަސްވަމުންނެވެ. ފާއިތުވި ފަސް ބޮޑުވަޒީރުންގެ ތެރެއިން ހަތަރު ބޭފުޅުން މަގާމުން ވަކިވެވަޑައިގަތީ ޕާޓީގެ އެތެރޭގެ ފިއްތުންތަކާ ހެދިއެވެ. ރައްޔިތުންގެ ވޯޓުން މަގާމުން ވަކިވީ ހަމައެކަނި ރިޝީ ސުނާކެވެ.

މި ހަލަބޮލިކަމުގެ ފަހަތުގައިވާ އަނެއް ސަބަބަކީ ވޯޓުލާ މީހުންގެ ވިސްނުން ބަދަލުވުމެވެ. އިނގިރޭސިވިލާތަކީ މިހާރު ހަމައެކަނި ދެ ޕާޓީގެ ބާރު އޮތް ގައުމެއް ނޫނެވެ. އިންގްލެންޑްގައި ވޯޓުލާ މީހުން މިހާރު ތިބީ ކުރިން އޮތް ފަދައިން ހަމައެކަނި ލޭބަރ ނުވަތަ ކޮންޒަވޭޓިވް ޕާޓީގެ ފަހަތަކު ނޫނެވެ. ސްކޮޓްލެންޑްގައި މިނިވަންކަމުގެ ބަހުސްގެ ސަބަބުން ސިޔާސީ މަސްރަހު އޮތީ ބަދަލުވެފައެވެ. ނޮދަން އަޔަލެންޑްގައި އިންތިޚާބުތައް ބިނާވަނީ ތަފާތު ޕާޓީ ނިޒާމެއްގެ މައްޗަށެވެ. އަދި ވޭލްސްގައި ލޭބަރ ޕާޓީއަށް މިހާރު 'ޕްލެއިޑް ކަމްރީ' އަދި 'ރިފޯމް' ޕާޓީގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މި ބަދަލުތަކުގެ ސަބަބުން ބޮޑުވަޒީރުންނަށާއި ޕާލަމެންޓް މެންބަރުންނަށް ކަންކަން ނިންމަން ދަތިވެއެވެ. ލީޑަރުންނަށް މިހާރު އިންތިޚާބެއް ކާމިޔާބު ކުރުމަކީ ހަމައެކަނި ލޭބަރ ނުވަތަ ކޮންޒަވޭޓިވް ޕާޓީގެ ވޯޓު ހޯދުމެއް ނޫނެވެ. އެއީ ހޯދާނީ ކޮން ބައެއްގެ ވޯޓުތޯ، އަދި މަޑުޖައްސާލާނީ ކޮން ވައުދުތަކެއްތޯ، އަދި ގުރުބާން ކުރާނީ ޕާޓީގެ ކޮން ބައެއްގެ ތާއީދުތޯ ފަދަ ނިންމުންތައް ނިންމަން ޖެހޭ ކަމެކެވެ. ކިއަރ ސްޓާމަރުގެ އަރިސް ބޭފުޅުން ގަބޫލުކުރެއްވި ގޮތުގައި، އިމިގްރޭޝަން ސިޔާސަތު ހަރުކަށި ކުރުމުން 'ރިފޯމް' ޕާޓީއާ ދިމާލަށް ދާ ވޯޓުތައް ހޯދޭނެ އެވެ. ނަމަވެސް އެ ސިޔާސަތުތަކުގެ ސަބަބުން ލޭބަރ ޕާޓީގެ މެންބަރުން ކޮޅުވެ، ގްރީން ޕާޓީ ފަދަ ޕާޓީތަކަށް ލޭބަރ ޕާޓީގެ ވޯޓުތައް ހޯދުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ.

ވޯޓުލާ މީހުންގެ މި ބަދަލުވަމުންދާ އޮއިވަރުގެ ސަބަބުން ޕާލަމެންޓް މެންބަރުންނަށްވެސް ބިރުވެރިކަން އޮވެ އެވެ. ޕާޓީއަށް އޮންނަ ވަފާތެރިކަން ކުޑަވުމުން، ލީޑަރަކު މަގްބޫލުކަން ކުޑަވެ ނުވަތަ ފަޟީހަތެއްގެ ތެރެއަށް ވެއްޓުމުން، މެންބަރުން ވަރަށް އަވަހަށް ބިރުގަނެ އެވެ. ދެން އަންނަ އިންތިޚާބެއްގައި ރައްޔިތުން ގޮތެއް ނިންމަންދެން މަޑުކުރުމުގެ ބަދަލުގައި، މެންބަރުން ބޭނުންވަނީ އޭގެ ކުރިން ލީޑަރު ބަދަލުކުރާށެވެ. މީގެ ސަބަބުން ލީޑަރުން މަގާމުން ދުރުކުރުން ފަސޭހަވެ، ބޮޑުވަޒީރުން ބަދަލުވާ ރޭޓް އަވަސްވެ އެވެ.

މި ހުރިހާ ކަމެއް އެކުވުމުން - ބަލިކަށި ލީޑަރުންނާއި، ހިތްހަމަނުޖެހިފައި ތިބޭ މެންބަރުންނާއި، ބައިބައިވެފައިވާ ވޯޓުލާ މީހުން - މިވަނީ ދުވަހަކުވެސް ނުނިމޭ ފަދަ ސައިކަލް އެއްގެ ތެރެއަށް ގައުމު ވައްޓާލާފައެވެ. ކޮންމެ ފެއިލްވާ ބޮޑުވަޒީރަކާއެކު، އޭގެ ފަހުން އަންނަ ބޭފުޅަކަށް ކަންކަން ކުރަން ދަތިވެއެވެ. އާ ބޮޑުވަޒީރަކު ވަޑައިގަންނަވަނީ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް އެބޭފުޅަކަށް ވާރުތަވަނީ ހަމަ އެ ބޮޑެތި މައްސަލަތަކާއި، ބިރުގަނެފައި ތިބި މެންބަރުންނާއި، ކެތްތެރިކަން ކުޑަވެފައިވާ ރައްޔިތުންނެވެ. ހަމަޖެހުން ގާއިމުކުރުމުގެ ބަދަލުގައި، ކޮންމެ ލީޑަރަކު ބަދަލުވުމުން، އޭގެ ފަހުން އަންނަ ލީޑަރަކު މަގާމުން ވައްޓާލުން ވަނީ ކުރިއަށްވުރެ ފަސޭހަ ކަމަކަށެވެ.

މިއީ އެންޑީ ބާންހަމްއަށް ވާރުތަވާނެ ހާލަތެވެ. ސުވާލަކީ އޭނާއަށް މި ސައިކަލް އިން ސަލާމަތްވެވޭނެ ހެއްޔެވެ؟ 2017 ވަނަ އަހަރުން ފެށިގެން މޭޔަރުކަން ކުރެއްވުމަށްފަހު އަލުން ޕާލަމެންޓަށް ވަޑައިގެންނެވި ބާންހަމްއަކީ، ކަންކަން ކުރަން ދަންނަ އަދި އާންމުންނަށް ފަސޭހަ ބަހުން ސިޔާސަތުތައް ކިޔައިދެއްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. މޭކަރފީލްޑް ބައި-އިލެކްޝަންގައި އޭނާ ހޯއްދެވި ކާމިޔާބީއަކީ މީގެ ހެއްކެކެވެ. އެ އިންތިޚާބުގައި ލޭބަރ ޕާޓީއަށް ލިބުނު ވޯޓު އިތުރުވީ، ގައުމުގެ އެހެން ހިސާބުތަކުގައި ޕާޓީތަކަށް އޮތް ތާއީދު ކުޑަވަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް އަދިވެސް ނޭނގޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ބާންހަމް މެންޗެސްޓަރގައި ކުރެއްވި މަސައްކަތްތަކާމެދު އެންމެން އެއްބަހެއް ނުވެ އެވެ. ދަތުރުފަތުރުގެ ނިޒާމު ސަރުކާރުގެ ދަށަށް ގެނައުމަކީ އޭނާއަށް ލިބުނު ކާމިޔާބީއެއް ނަމަވެސް، މުޅި ގައުމުގެ ފެންވަރުގައި އެކަން ކުރުމަކީ މާ ބޮޑު އިމްތިހާނަކަށް ވާނެ އެވެ. އޭނާވެސް ލޭބަރ ޕާޓީގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތައް ދަމަހައްޓަވާނަމަ، ނުވަތަ އޭނާގެ ވައުދުތަކަކީ ހުސް ވާހަކަތަކެއް ކަމަށް ރައްޔިތުންނަށް ފެންނަން ފަށައިފިނަމަ، ޕާޓީގެ ތެރޭގައި އޮތް ތާއީދު ވަރަށް އަވަހަށް ގެއްލިގެންދާނެ އެވެ. އޭރުން ބާންހަމްއަށްވެސް ކުރިމަތިލާން ޖެހޭނީ އޭނާގެ ކުރިން ވަޑައިގެންނެވި ބޭފުޅުންނަށް ދިމާވި ނުރައްކަލާ އެވެ. އެއީ އޭނާއަކީ ޕާޓީއަށް އޮތް ނުރައްކަލެއް ކަމަށް މެންބަރުން ނިންމާ ހިސާބެވެ. އެހިސާބުން އޭނާވެސް ވެއްޓިގެންދާނީ، އޭނާ ނިމުމަކަށް ގެންނަން އުޅުނު ހަލަބޮލިކަމުގެ ބުރުގެ ތެރެއަށެވެ.

މަސްދަރު: އަލް ޖަޒީރާ

އިނގިރޭސިވިލާތްކިއަރ ސްޓާމާބޮރިސް ޖޯންސަންބްރެކްސިޓްލޭބަރ ޕާޓީ - ޔޫކޭއެންޑީ ބަރންހަމް

އިތުރަށް ކިޔާލަން

26 ޖޫން 2026

ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން

ޖޯންސް ވިދާޅުވި ގޮތުގައި އޭނާ ކުރިމަތިލެއްވި ނަމަ، ލީޑާޝިޕަށް ވާދަ ކުރުމަށް ބޭނުންވާ މެންބަރުންގެ ތާއީދު ލިބުނީސް ކަމަށާއި، ލޭބާ ޕާޓީގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުން އެއްވެސް ވާދަވެރި ކަމެއް ނެތި ބާންހަމް އަށް މަގާމު ލިބުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް.

26 ޖޫން 2026
ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
26 ޖޫން 2026

ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް

ބާންހަމްގެ ސަރުކާރެއްގައި ރީވްސްގެ ބަދަލުގައި އެޑް މިލިބޭންޑް، ވެސް ސްޓްރީޓިން ނުވަތަ ޝަބާނާ މަހްމޫދު ޗާންސެލަރުގެ މަޤާމަށް އައްޔަންކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، ރީވްސް ވިދާޅުވީ ބާންހަމް އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް.

26 ޖޫން 2026
ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް
26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

އެގޮތުން އާއިލާގެ ނާޒުކު ބައެއް ސިއްރުތައް ހެރީ ފަޅާ އަރުވާލި ކަމަށް އިންގްލިޝް ބުނި. އޭނާ ބުނީ ޝާހީ އާއިލާ އަށް އިތުބާރު ކުރެވޭ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި، އެއީ ކުޑަ "ބޮޅެއް" ކަމަށް. ނަމަވެސް، ހެރީ ވަނީ "މަރުތޭލަކުން" ޖަހާ އެ އިތުބާރު ފުނޑު ފުނޑު ކޮށްލާފައި ކަަމަށް އިންގްލިޝް ބުނި.

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ދުބާއީގައި އޭނާގެ ލޯބިވެރިޔާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިނގިރޭސިވިލާތުގެ ޓިކްޓޮކް އިންފްލުއެންސަރެއް ކަމަށްވާ ބްރޫކް ޖޯޖް، އެ އަމަލު ހިންގީ އަމިއްލަ ނަފްސު ދިފާއުކުރުމަށް ކަމަށް ބުނޭ. މި ހާދިސާ ހިނގުމުގެ ކުރިން ލޯބިވެރިޔާގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދިޔަ ކަމަށް އޭނާގެ އާއިލާއިން ބުނާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ އޭނާއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގޮވާލަމުން.

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެމްއެމްއޭގެ އެހީތެރިކަމާއެކު ބީއެމްއެލް އިން ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރަން ވަނީ ނިންމާފައި. މި ބަދަލާއެކު، ދަރިވަރުން ބޭންކަށް ހުށަހެޅުމުން ވިސާ އާއި އައިއެޗްއެސް ފަދަ ޕޭމަންޓްތައް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މީގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ޓީޓީ މެދުވެރިކޮށް އަދި މަހަކު 1200 ޑޮލަރުގެ ކާޑު ލިމިޓެއްގެ ދަށުން މިހާރުވެސް ދަނީ ފޯރުކޮށްދެމުން.

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު