ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
ޖޯންސް ވިދާޅުވި ގޮތުގައި އޭނާ ކުރިމަތިލެއްވި ނަމަ، ލީޑާޝިޕަށް ވާދަ ކުރުމަށް ބޭނުންވާ މެންބަރުންގެ ތާއީދު ލިބުނީސް ކަމަށާއި، ލޭބާ ޕާޓީގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުން އެއްވެސް ވާދަވެރި ކަމެއް ނެތި ބާންހަމް އަށް މަގާމު ލިބުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް.


ޑެރަން ޖޯންސް. | ރޮއިޓާސް
އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ވާދަ ނުކުރައްވާނެ ކަމަށް، އެ ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ޑެރަން ޖޯންސް ވިދާޅުވުމާ އެކު އެންޑީ ބާންހަމް އަށް ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމުގެ ފުރުސަތު އިތުރަށް ފަހި ވެއްޖެ އެވެ.
ބޮޑު ވަޒީރުގެ ޗީފް ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި ޖޯންސް މިކަން ހާމަ ކުރެއްވީ ސްކައި ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި އެވެ. މިއާ އެކު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް އަންނަ މަހު ބާންހަމް ވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައި އެވެ.
ސްކައި ނިއުސްގެ ބެތު ރިގްބީއާ ވާހަކަ ދައްކަވަމުން ޖޯންސް ވިދާޅުވީ، މޭކާފީލްޑް ދާއިރާގެ އައު މެންބަރު ބާންހަމް އާއެކު އިޤްތިޞާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން ހިތްހަމަ ޖެހޭ ފަދަ މަޝްވަރާ ތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ބާންހަމް ވެރިކަމަށް ވަޑައިގެންފި ނަމަ، ދައުލަތުގެ މާލީ ގަވާއިދު ތަކަށް ފުރިހަމަ އަށް ބޯލަނބާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލީޑާޝިޕަށް ވާދަ ކުރެއްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖޯންސް ވިދާޅުވީ، މަގާމަށް ވާދަ ކުރަން ގިނަ ބަޔަކު އެދެމުންދާތީ އުފާކުރާ ކަމަށާއި، ނަމަވެސް އެއީ އޭނާ ކުރަން ގަސްދު ކުރާ ކަމެއް ނޫން ކަމަށެވެ.
ޖޯންސް އިތުރަށް ވިދާޅުވީ، ބޮޑު ވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެން، ޕާޓީގެ 100 އަށް ވުރެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. އަދި ބާންހަމް އަށް ޕާޓީގެ ހުރިހާ މެންބަރުންގެ ތާއީދު ހޯއްދެވުމަށްޓަކައި، އޭނާގެ އިޤްތިޞާދީ ސިޔާސަތުތައް އިތުރަށް ސާފު ކޮށްދެއްވަން ޖެހޭ ކަމަށް ވެސް ޖޯންސް ފާހަގަ ކުރެއް ވިއެވެ. ޖޯންސް ވިދާޅުވި ގޮތުގައި އޭނާ ކުރިމަތިލެއްވި ނަމަ، ލީޑާޝިޕަށް ވާދަ ކުރުމަށް ބޭނުންވާ މެންބަރުންގެ ތާއީދު ލިބުނީސް ކަމަށާއި، ލޭބާ ޕާޓީގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުން އެއްވެސް ވާދަވެރި ކަމެއް ނެތި ބާންހަމް އަށް މަގާމު ލިބުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.
މީގެ އިތުރުން، ބާންހަމްގެ ސަރުކާރެއްގައި ޗާންސެލަރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކާ މެދު ވެސް ޕާޓީގެ ތެރޭގައި ވަނީ ބަހުސް ތަކެއް އުފެދިފައި އެވެ. މިހާރުގެ ޗާންސެލަރު ރޭޗަލް ރީވްސްގެ ބަދަލުގައި، އެޑް މިލިބޭންޑް އެ މަގާމަށް ގެނައުމަށް ބާންހަމް ވިސްނަވާ ކަމަށް އަޑު ފެތުރިފައިވާއިރު، ޕާޓީގެ ކަނާއަތު ފިޔައިގެ ބައެއް މެންބަރުން އެކަމާ ކަންބޮޑުވުން ފާޅު ކުރެ އެވެ. ބައެއް މެންބަރުން ބޭނުން ވަނީ ކުރީގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން އެ މަގާމަށް އައްޔަން ކުރުމަށެވެ.
އައު ޗާންސެލަރަކަށް ވާން ޖެހޭނީ މާލީ ބާޒާރު ތަކާއި، ޓްރޭޑް ޔޫނިއަން ތަކާއި، އަދި އާންމު ރައްޔިތުންގެ އިތުބާރު ހޯދޭނެ ފަދަ ބޭފުޅެއް ކަމަށް ޖޯންސް ވިދާޅުވި އެވެ. އަދި ޗާންސެލަރަކީ ބޮޑު ވަޒީރު އިސްކަންދޭ ކަންކަން ތަންފީޒު ކޮށްދޭ، ބޮޑު ވަޒީރާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. މިލިބޭންޑްގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަ ވޭތޯ ސުވާލު ކުރުމުން ޖޯންސް ވިދާޅުވީ، ވަކި މީހަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
ބާންހަމް މިހާރު ގެންދަވަނީ އޭނާގެ ސަރުކާރުގެ އިސް ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އޭނާގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ކުރީގެ ވަޒީރު ޖޭމްސް ޕާނެލް އައްޔަން ކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ބާންހަމް އަށް އޮތް ހަމައެކަނި ގޮންޖެހުމަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަލް ކާންސް ލީޑާޝިޕަށް ވާދަކުރެއްވުމާ މެދު އަދިވެސް ގޮތެއް ނުނިންމަވައި ހުންނެވުމެވެ. ނަމަވެސް ޖޯންސްގެ ނިންމުމާ އެކު، ބާންހަމް އަށް މަގު ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައި އެވެ.
މަސްދަރު: ދި ގާޑިއަން





