Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮލަމްބިއާ

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކަނާތުފިޔައިގެ ކެންޑިޑޭޓް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ އިންތިޚާބަށް އިސްރާއީލާއި އެމެރިކާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައި. ވޯޓު ގުނުމުގެ ސޮފްޓްވެއާއަށް ބަދަލު ގެނެސް ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، ޕެޓްރޯ ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައްވާފައި. އިންތިޚާބު ކާމިޔާބު ކުރި އެސްޕްރިއޭލާއަކީ އިސްރާއީލާއި ޓްރަމްޕްގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ފަރާތެއް.

ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 06:58
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގައި ވާދަ ކުރެއްވި އެ ގައުމުގައި މިހާރު ވެރިކަންކުރާ 'ޕެކްޓޯ ހިސްޓޮރިކޯ' ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިވާން ސެޕޭޑާ (ވ) އަދި 'ޑިފެންސޯރެސް ޑި ލަ ޕެޓްރިއާ' މޫވްމަންޓްގެ ރިޔާސީ ކެންޑިޑޭޓް އަބެލާޑޯ ޑި ލަ އެސްޕްރިއޭލާ.

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގައި ވާދަ ކުރެއްވި އެ ގައުމުގައި މިހާރު ވެރިކަންކުރާ 'ޕެކްޓޯ ހިސްޓޮރިކޯ' ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިވާން ސެޕޭޑާ (ވ) އަދި 'ޑިފެންސޯރެސް ޑި ލަ ޕެޓްރިއާ' މޫވްމަންޓްގެ ރިޔާސީ ކެންޑިޑޭޓް އަބެލާޑޯ ޑި ލަ އެސްޕްރިއޭލާ. | ގެޓީ އިމޭޖަސް

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެ ގައުމުގެ މިހާރުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ތާއީދުކުރެއްވި ކެންޑިޑޭޓް ކުޑަ ތަފާތަކުން ބަލިވުމާ ގުޅިގެން، އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވާތުފިޔައިގެ ރައީސް ޕެޓްރޯ ތުހުމަތު ކުރައްވައިފިއެވެ.

ހޯމަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ސިލްސިލާ ޕޯސްޓްތަކެއްގައި ޕެޓްރޯ ތުހުމަތު ކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު ގަނެފައެވެ. އަދި އިދިކޮޅު ކަނާތުފިޔައިގެ ހަރުކަށި ކެންޑިޑޭޓް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ އިންތިޚާބު ކާމިޔާބު ކުރުމަށް އިސްރާއީލާއި އެމެރިކާއިން އެހީތެރިވެ، އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ޕެޓްރޯ ދެކޮޅު ހައްދަވާފައިވާއިރު، ޝަރުއީ ދާއިރާއިން އެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގާނޫނުއަސާސީން ދެވަނަ ދައުރަކަށް ކުރިމަތިލުން މަނާކޮށްފައިވާ ޕެޓްރޯއަކީ ކޮލަމްބިއާގެ ތާރީޚުގައި އިންތިޚާބުވި ވާތުފިޔައިގެ ފުރަތަމަ ރައީސެވެ. މީގެ ސަބަބުން އޭނާއާއި އެމެރިކާއާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ޕެޓްރޯގެ ސަރުކާރުން ވަނީ އިޖުތިމާއީ ޚަރަދުތައް އިތުރުކުރުމާއި، އެންމެ ކުޑަ އުޖޫރަ ބޮޑުކުރުމުގެ އިތުރުން ފަގީރު އާއިލާތަކަށް ބިން ބަހައިދިނުން ފަދަ އިސްލާހީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ޕެޓްރޯ ވަނީ އިސްރާއީލާއެކު އޮތް ގުޅުން ކަނޑާލައްވައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދުރުހެލި ސިޔާސަތެއް ގެންގުޅުއްވާފައެވެ.

އެހެންނަމަވެސް، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން އޭނާ ދެކޮޅު ހެއްދެވުމަކީ ސިޔާސީ ނުތަނަވަސްކަމާއި ހަމަނުޖެހުން އުފެދިދާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އިންތިޚާބުގެ ނަތީޖާއަކީ ކޮބައި؟

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ކަނާތުފިޔައިގެ 'ޑިފެންޑާސް އޮފް ދަ ހޯމްލޭންޑް' މޫވްމަންޓްގެ އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ އާއި ވެރިކަންކުރާ 'ހިސްޓޮރިކް ޕެކްޓް' ގެ ސެނެޓަރު އިވާން ސެޕޭޑާ ކުރެ އެއްވެސް ބޭފުޅަކަށް ވޯޓުގެ 50 އިންސައްތަ ލިބިވަޑައިނުގަތުމުން، އާދިއްތަ ދުވަހު ވަނީ ދެވަނަ ބުރެއް ބާއްވާފައެވެ. ވޯޓު ގުނުމުގެ ކަންކަން ބަލަހައްޓާ ނޭޝަނަލް ރެޖިސްޓްރީން ހޯމަ ދުވަހު އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، އެސްޕްރިއޭލާ އިންތިޚާބު ކާމިޔާބު ކުރެއްވީ 49.66 އިންސައްތަ ވޯޓުންނެވެ. ސެޕޭޑާއަށް ލިބިވަޑައިގަތީ 48.7 އިންސައްތަ ވޯޓެވެ.

މި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގަކީ އެންމެ 1 އިންސައްތައަށް ވުރެވެސް ކުޑަ މިންވަރެކެވެ. މިއީ ކޮލަމްބިއާގެ ތާރީޚުގައިވެސް އެންމެ ވާދަވެރި އެއް އިންތިޚާބެވެ.

ޓްރަމްޕްގެ ތާއީދު އޮތް، އުމުރުން 47 އަހަރުގެ އެސްޕްރިއޭލާ މަގާމުގެ ހުވާ ކުރައްވާނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާއަކީ ޖިނާއީ މައްސަލަތަކާ ބެހޭ ވަކީލެއްގެ އިތުރުން ބޮޑު މުއްސަނދި މަހުޖަނެކެވެ. އޭނާގެ ކެމްޕޭން ބިނާކޮށްފައިވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ވާތުފިޔައިގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ މައްޗަށެވެ. އޭނާގެ އަތުގައި އެމެރިކާގެ ރައްޔިތުކަން ވެސް އޮވެއެވެ.

އެސްޕްރިއޭލާގެ ކާމިޔާބީއަކީ ފަހަކަށް އައިސް ލެޓިން އެމެރިކާގެ ގައުމުތަކުގައި ޓްރަމްޕަށް ތާއީދުކުރާ، ކަނާތުފިޔައިގެ ހަރުކަށި ލީޑަރުން އިންތިޚާބުވަމުންދާ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. އާޖެންޓީނާގެ ހާވިއޭ މިލެއި، ހޮންޑިއުރަސްގެ ނަސްރީ "ޓިޓޯ" އަސްފޫރާ، އެލް ސެލްވަޑޯގެ ނަޔިބު ބުކޭލޭ އަދި ކޮސްޓަރީކާގެ ލައުރާ ފެނާންޑޭޒް ޑެލްގާޑޯއަކީވެސް ޓްރަމްޕްގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ބޭފުޅުންނެވެ.

އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ޕެޓްރޯ ތުހުމަތު ކުރައްވަނީ ކީއްވެ؟

ޕެޓްރޯ 'އެކްސް' ގައި ކުރެއްވި ޕޯސްޓްތަކެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، އިސްރާއީލާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެހީތެރިކަމާއެކު އިންތިޚާބުގައި ވަނީ ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައެވެ.

ޕެޓްރޯ ވިދާޅުވީ، ކޮންމެ ވޯޓުލާ މަރުކަޒެއްގައި އޮފިޝަލުން އަތުން ލިޔެގެން ތައްޔާރުކުރާ ރަސްމީ ނަތީޖާ ޝީޓް ނުވަތަ 'ފޯމް E-14' އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ.

މި ފޯމަކީ ވޯޓު ގުނުމުގެ ކަންކަން އޮޅުވާލިޔަނުދިނުމަށްޓަކައި އަތުން ލިޔެގެން ތައްޔާރުކުރާ ރެކޯޑެކެވެ. އަދި އާންމުންނަށް ބެލޭނެހެން މީގެ ޑިޖިޓަލް ސްކޭން ކޮޕީތައް ނޭޝަނަލް ރެޖިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންޖެހެއެވެ. މީގައި މައްސަލައެއް އުޅޭނަމަ، ވޯޓު އަލުން ގުނުމަށް އެދުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް އޮވެއެވެ.

ޕެޓްރޯ ތުހުމަތު ކުރެއްވި ގޮތުގައި، ބޭރުގެ ފަރާތްތަކުން ނޭޝަނަލް ރެޖިސްޓްރީގެ ވެބްސައިޓަށް ވަދެ، ބައެއް E-14 ފޯމުތަކުގައި ހުރި ވޯޓުގެ އަދަދުތައް ވަނީ ބަދަލުކޮށްފައެވެ.

"ނޭޝަނަލް ރެޖިސްޓްރީގެ ބައެއް ސާވަރުތަކުގެ އައިޕީ އެޑްރެސްތަކަށް ބަދަލު ގެނެސްފައިވާ ކަމުގެ ހެކި މިއަދު އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" އޭނާ ޕޯސްޓް ކުރެއްވިއެވެ.

"މީގެ މާނައަކީ ސޮފްޓްވެއާއަށް ނުފޫޒު ފޯރުވައި، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތައް ބަދަލުކޮށްފައިވާ ކަމެވެ. ދުނިޔޭގައި މިފަދަ ކަމެއް ކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ފަރާތަކީ އިސްރާއީލު ދައުލަތް،" އިސްރާއީލުން މިކަމުގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި ޕެޓްރޯ އިތުރަށް ވިދާޅުވިއެވެ.

ޕެޓްރޯ ވިދާޅުވީ، އިންތިޚާބުގެ ކުރިން ވޯޓުލާ ސޮފްޓްވެއާގެ "ޓެކްނިކަލް އޮޑިޓެއް" ހެދުމަށް އޭނާގެ ޕާޓީން އެދުނު ކަމަށާއި، ޑިޖިޓަލްކޮށް ފޮނުވާ ލިޔެކިޔުންތަކަށް ބަދަލު ނުގެނެވޭނެހެން އޭގެ ޑިޖިޓަލް ފުޓްޕްރިންޓްތައް ނެގުމަށް ކަމާބެހޭ ފަރާތްތަކުގައި އެދުނު ކަމަށެވެ. ނަމަވެސް އެ އެދުންތަކަށް އެ ފަރާތްތަކުން އިޖާބަދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، E-14 ފޯމުތަކަށް "ރޭވުންތެރިކަމާއެކު" ބަދަލު ގެންނަ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ޕެޓްރޯ ވަނީ ހިއްސާކުރައްވާފައެވެ. އަދި މި އޮޅުވާލުންތައް ހިންގާފައިވަނީ "ބައުޓިސްޓާ ބްރަދާސްގެ އޮފީސްތަކުން" ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބައުޓިސްޓާ ބްރަދާސްއަކީ ކޮބައިތޯ؟

ޕެޓްރޯ އެ އިޝާރާތް ކުރެއްވީ ކޮލަމްބިއާގެ އިންތިޚާބީ އޮނިގަނޑު ބަލަހައްޓާ، ނުފޫޒުގަދަ އަމިއްލަ ކުންފުންޏެއް ކަމަށްވާ 'ތޯމަސް ގްރެގް އެންޑް ސަންސް' އަށެވެ. މި ކުންފުންޏަކީ ސެކިއުރިޓީ ޕްރިންޓިންގެ މަސައްކަތް ކުރާ ކުންފުންޏެކެވެ. އަދި ދާދި ފަހަކާ ޖެހެންދެން ކޮލަމްބިއާގެ ޕާސްޕޯޓް ޕްރިންޓް ކުރަމުން އައީވެސް މި ކުންފުނިންނެވެ.

މި ކުންފުނި ހިންގަނީ ފެނާންޑޯ އަދި ކެމީލޯ ބައުޓިސްޓާ ޕަލާސިއޯ ކިޔާ ދެބެއިންނެވެ. މި ދެބެއިންނަކީ 1980 ގެ އަހަރުތަކުގައި އެމެރިކާގައި ބޭންކް ފްރޯޑް ނުވަތަ ބޭންކަށް އޮޅުވާލުމުގެ ކުށް ސާބިތުވެފައިވާ ދެ މީހުންނެވެ.

އެމީހުންގެ ބައްޕަ ގްރެގޯރިއޯ އުފެއްދި މި ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހު، އިންތިޚާބުގެ ކަންކަން ބެލެހެއްޓުމާއި، ވަގުތީ ނަތީޖާ ގުނުމާއި، ވޯޓު ގުނާ ސޮފްޓްވެއާ މެނޭޖްކުރުމަށް ނޭޝަނަލް ރެޖިސްޓްރީން ހަވާލުކޮށްފައިވާ ކުންފުންޏެވެ.

މިދިޔަ އޭޕްރީލް މަހު ޕެޓްރޯ ވަނީ ބައުޓިސްޓާ ދެބެއިން އެސްޕްރިއޭލާއާއެކު ސިއްރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެއީ އެސްޕްރިއޭލާއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ބަދަލުގައި، އަލުން ޕާސްޕޯޓް ޕްރިންޓް ކުރުމުގެ ކޮންޓްރެކްޓް އެ ކުންފުންޏަށް ހޯދައިދިނުމަށެވެ.

އެ ދުވަސްވަރު އެސްޕްރިއޭލާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އޭނާގެ ވަކީލުން ވަނީ ޕެޓްރޯއާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ ކީކޭ؟

އެޓާނީ ޖެނެރަލް ގްރެގޯރިއޯ އެލްޖަކް ވަނީ މި ތުހުމަތުތައް ގަބޫލު ނުކުރައްވާފައެވެ. ވޯޓުގެ 99 އިންސައްތައަށް ވުރެ ގިނަ ވޯޓު ގުނާ ނިމުނުއިރު، އިންތިޚާބުގައި އޮޅުވާލުމެއް ހިންގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ.

އަނެއްކޮޅުން، އެސްޕްރިއޭލާ މިހާތަނަށް ޕެޓްރޯގެ ތުހުމަތުތަކަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެސްޕްރިއޭލާއާއި އިސްރާއީލާ ގުޅުމެއް އޮވޭތަ؟

އާއެކެވެ، އެސްޕްރިއޭލާއަކީ އަބަދުވެސް އިސްރާއީލަށް ތާއީދުކުރާކަން ހާމަކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ކޮލަމްބިއާގައި އުޅޭ ޔަހޫދީންގެ މެދުގައި ކެމްޕޭން ކުރައްވައި، އިސްރާއީލަށް ތާއީދުކުރާނެ ކަމުގެ ވައުދުތައް ވެވަޑައިގެންފައެވެ. އަދި އޭނާގެ ސަރުކާރަކީ "ޔަހޫދީ-މަސީހީ އުސޫލުތައް ދިފާއުކުރާނެ" ސަރުކާރެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިސްރާއީލާއެކު އޮތް ގުޅުން ކަނޑާލުމަށް 2024 ވަނަ އަހަރު ޕެޓްރޯ ނިންމެވި ނިންމެވުން ބަދަލުކުރައްވާނެ ކަމަށާއި، ކޮލަމްބިއާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހޯމަ ދުވަހު އެސްޕްރިއޭލާއަށް މަރުހަބާ ވިދާޅުވެފައެވެ. ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލާއި ކޮލަމްބިއާގެ ގުޅުން ބަދަހިކުރުމަށް އެސްޕްރިއޭލާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

އެމެރިކާގެ ބަހަކީ ކޮބާ؟

ޕެޓްރޯ ކުރެއްވި ޕޯސްޓްތަކުގައި، ވަކި ކެންޑިޑޭޓަކަށް ފާޅުގައި ތާއީދުކުރައްވައި، ވޯޓުލާ މީހުންގެ ނިންމުމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޓްރަމްޕަށްވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ހަފުތާތަކެއް ކުރިން ޓްރަމްޕް ވަނީ އޭނާގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމުގައި އެސްޕްރިއޭލާއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

އެސްޕްރިއޭލާގެ ވަގުތީ ކާމިޔާބީއާ ގުޅިގެން ޓްރަމްޕާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެސްޕްރިއޭލާގެ ކާމިޔާބީގެ ކްރެޑިޓް ޓްރަމްޕް ވަނީ ނަންގަވާފައެވެ.

"އޭނާ އޮތީ 10 ވަނައިގައި. އަޅުގަނޑު އޭނާއަށް ތާއީދުކުރުމުން އޭނާ އިންތިޚާބު ކާމިޔާބުކުރީ. ރޭ އޭނާ އަޅުގަނޑަށް ގުޅައި، ތާއީދުކުރީތީ ޝުކުރު އަދާކުރި،" ހޯމަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ރޫބިއޯ 'އެކްސް' ގައި ލިޔުއްވާފައިވަނީ، ސަރަހައްދީ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި، އެމެރިކާއަށް ކުރާ ޣައިރު ގާނޫނީ ހިޖުރަ ހުއްޓުވުމަށާއި، އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެސްޕްރިއޭލާގެ ސަރުކާރާއެކު މަސައްކަތް ކުރަން ޓްރަމްޕްގެ ސަރުކާރުން ބޭނުންވާ ކަމަށެވެ.

އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ބަޔާނެއް ދެއްވުމަށް ޕެޓްރޯ ވަނީ ޓްރަމްޕަށް ދައުވަތު ދެއްވާފައެވެ.

"ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދެއްކެވުމަށް އަޅުގަނޑު ރަސްމީކޮށް ދައުވަތު އަރުވަން،" ޕެޓްރޯ ލިޔުއްވާފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކޮލަމްބިއާގެ ރައްޔިތުންގެ މިނިވަންކަމަށް ތާއީދުކުރުމުގެ ބަދަލުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމުގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށެވެ.

އެމެރިކާއާއި ކޮލަމްބިއާގެ ގުޅުން އޮތީ ކިހިނެއްތޯ؟

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ބަދަހި ގުޅުމެއް އޮތް ނަމަވެސް، މަސްތުވާތަކެއްޗާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކާއި އިސްރާއީލާ އޮންނަ ގުޅުން ފަދަ ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ޚާއްސަކޮށް ޓްރަމްޕާއި ޕެޓްރޯގެ ސަރުކާރުގެ ދުވަސްވަރު މި ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، އެމެރިކާއިން ޑީޕޯޓްކޮށްލާ ކޮލަމްބިއާގެ ރައްޔިތުން ގޮވައިގެން އަންނަ ބޯޓުތައް ކޮލަމްބިއާއަށް ޖެއްސުން ޕެޓްރޯ ވަނީ މަނާކުރައްވާފައެވެ. އަދި އެމެރިކާއިން ކޮލަމްބިއާގެ ރައްޔިތުންނާ މެދު ކުށްވެރިން ފަދައިން އަމަލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހު އެމެރިކާއިން ވަނީ ޕެޓްރޯއާއި، އޭނާގެ އާއިލާއާއި، ސަރުކާރުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ކަމަށް ބުނެ ކުރި ސާބިތުނުވާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށެވެ.

މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ސިފައިން ވަނީ ވެނެޒުއޭލާގެ ވާތުފިޔަހީގެ ރައީސް ނިކޮލަސް މަދޫރޯ އޭނާގެ ގޭގައި ހުންނަވަނިކޮށް ވަގަށް ނަގާފައެވެ. އެއީ މަދޫރޯއަކީ "ނާކޯޓެރަރިޒަމް" ނުވަތަ މަސްތުވާތަކެތީގެ ޓެރަރިޒަމް ހިންގާ ބޭފުޅެއް ކަމަށް ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރުމަށްފަހުގައެވެ.

މަސްދަރު: އަލް ޖަޒީރާ

ކޮލަމްބިއާގުސްޓާވޯ ޕެޓްރޯއަބެލާޑޯ ޑެ ލާ އެސްޕްރިއޭލާއިޒްރޭލްޑޮނަލްޑް ޓްރަމްޕްއެމެރިކާ-ކޮލޮމްބިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ލުބުނާން އަކީ އިސްރާއީލުގެ "ޕްލޭގްރައުންޑް" އެއް: ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ

ލުބުނާން އަކީ އިސްރާއީލުގެ "ޕްލޭގްރައުންޑް" އެއް: ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ

23 ޖޫން 2026
އެމެރިކާގެ އަސްކަރީ އެހީ އަށް ބަރޯސާވުން އިސްރާއީލުން ހުއްޓާލަން ޖެހޭ: ނަތަންޔާހޫ

އެމެރިކާގެ އަސްކަރީ އެހީ އަށް ބަރޯސާވުން އިސްރާއީލުން ހުއްޓާލަން ޖެހޭ: ނަތަންޔާހޫ

23 ޖޫން 2026
ލުބުނާނުގައި އިސްރާއީލުގެ ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

ލުބުނާނުގައި އިސްރާއީލުގެ ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

23 ޖޫން 2026
ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

22 ޖޫން 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު