އެމެރިކާގެ އަސްކަރީ އެހީ އަށް ބަރޯސާވުން އިސްރާއީލުން ހުއްޓާލަން ޖެހޭ: ނަތަންޔާހޫ
އިސްރާއީލުން އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ހަތިޔާރު އުފައްދާ ނިޒާމެއް ބިނާކުރަން ޖެހޭ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ. މެދުއިރުމަތީގެ މަސްރަހާ ގުޅިގެން އެމެރިކާއާއި އިސްރާއީލުގެ ގުޅުމަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އެމެރިކާގެ އެހީ "ޒީރޯ" އަށް ތިރިކުރުމަކީ ނަތަންޔާހޫގެ އަމާޒެއް. އިސްރާއީލުގެ ދިފާއީ ބަޖެޓުގެ 15 އިންސައްތަ އެމެރިކާގެ އެހީއަށް ބިނާވެފައިވާއިރު، މި ނިންމުމަކީ ސަރަހައްދީ ސިޔާސަތުތަކަށް އަންނާނެ ބޮޑު ބަދަލެއް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުރާލައިގެން ހުންނަވާ މަންޒަރު ސިފަކޮށްދޭ 'ނީނޮޓްސް' ނުވަތަ ކާޑްބޯޑުން ހަދާފައިވާ ބިޔަ ސޫރައެއް، 2026 މާރިޗު 16 ވީ ހޯމަ ދުވަހު ސްޕެއިންގެ ވެލެންސިއާގައި ބޭއްވި 'ފަލަސް' ފެސްޓިވަލްގެ ތެރެއިން ދައްކާލަނީ. | ގެޓީ އިމޭޖަސް
އިސްރާއީލު އަސްކަރީ ގޮތުން މިނިވަންކަން އިތުރުކޮށް، އެމެރިކާއިން ލިބޭ އެހީތަކަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ވިދާޅުވެއްޖެ އެވެ. ނަތަންޔާހޫ މިހެން ވިދާޅުވިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހު އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ކުރިއަށްދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ރިޒާވް އޮފިސަރުންނާ މުޚާތަބު ކުރައްވަމުން ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، އެމެރިކާގެ ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. ނަމަވެސް، އެހެން ބަޔަކަށް ބަރޯސާވުން ހުއްޓާލައި، އިސްރާއީލުން އަމިއްލަ އަށް މިނިވަންކަމާއެކު ހަތިޔާރު އުފައްދާ ނިޒާމެއް ބިނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫ މި ވާހަކަފުޅު ދައްކަވާފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއާއި އީރާނުން ފުރަތަމަ އެއްބަސްވުމަކަށް އައިތާ އެއްދުވަސް ފަހުންނެވެ. މި އެއްބަސްވުމާ އިސްރާއީލުން އަންނަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.
"މިއަދު އަޅުގަނޑު މި ބުނަނީ، އަޅުގަނޑުމެންގެ އަމިއްލަ މިނިވަން ހަތިޔާރުގެ ނިޒާމެއް ބޭނުންވާ ކަމަށް. އަޅުގަނޑުމެންގެ އަމިއްލަ ހަތިޔާރު އަޅުގަނޑުމެން އަމިއްލައަށް އުފައްދަން ޖެހޭ،" ނަތަންޔާހޫ ވިދާޅުވިއެވެ.
ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 1948 ވަނަ އަހަރު އިސްރާއީލު އުފެދުނީއްސުރެ، އެމެރިކާގެ އިގްތިސާދީ އަދި އަސްކަރީ އެހީގެ ގޮތުގައި 300 ބިލިއަން ޑޮލަރަށްވުރެ ގިނައިން އެ ގައުމަށް ވަނީ ލިބިފައެވެ. މިއީ 1946 ވަނަ އަހަރުގެ ފަހުން އެހެން އެއްވެސް ގައުމަކަށް ލިބިފައި ނުވާހާ ގިނަ އަދަދެއްގެ އެހީއެވެ.
2016 ވަނަ އަހަރު ސޮއިކޮށް، 2019 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އެއްބަސްވުމެއްގެ ދަށުން، ހަތިޔާރު ގަތުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރުގެ މާލީ އެހީ އިސްރާއީލަށް ލިބެއެވެ. މިއީ އެ ގައުމުގެ ދިފާއީ ބަޖެޓުގެ ގާތްގަނޑަކަށް 15 އިންސައްތައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުއެވެ.
އެމެރިކާގެ އެހީއަށް ބަރޯސާވުން ހުއްޓާލަން ބޭނުންވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޖެނުއަރީ މަހު "ދަ އިކޮނޮމިސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އެކަން ހާސިލުކުރަން އުންމީދު ކުރައްވާ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި މެއި މަހު އެމެރިކާގެ ސީ.ބީ.އެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ އެހީ "ޒީރޯ" ނުވަތަ އެއްކޮށް ހުއްޓާލަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ވޮޝިންޓަނަކީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ވީނަމަވެސް، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށްފަހު އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ އަމަލުތައް ހުރި ގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.
ލުބުނާނުގެ ހިޒްބުالله އާއެކު އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އީރާނާއެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅެމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާއިތުވި ހަފުތާތަކުގައި ފާޅުގައި ނަތަންޔާހޫއަށް ފާޑުވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ 12 ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލާއި އީރާނުން ޚިލާފުވުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ އެ ދެ ގައުމު ކުށްވެރިކުރައްވާފައެވެ.
އީރާނުގެ މައްސަލައިގައި ގުޅުން ގޯސްވެފައި އޮތް އެހެން ދަނޑިވަޅެއް ކަމަށްވާ 2025 ވަނަ އަހަރުގެ މެއި މަހުވެސް، އެމެރިކާގެ އެހީއާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިސްރާއީލުން މަސައްކަތް ކުރަންޖެހޭ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.







