Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮލަމްބިއާ

ޓްރަމްޕް ތާއީދު ކުރެއްވި ކެންޑިޑޭޓް އެސްޕްރިއޭލާ ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ކަނާތު ފިޔަހީގެ ކެންޑިޑޭޓް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ސިޔާސަތުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާއެކު ނުކުންނެވި އެސްޕްރިއޭލާ ވައުދުވެވަޑައިގެންފައިވަނީ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހަތިޔާރު އެޅި ޖަމާއަތްތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް. ނަމަވެސް، އިންތިޚާބުގައި ވާދަކުރެއްވި އިވާން ސެޕޭޑާ އާއި މިހާރުގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ ނަތީޖާގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި، އެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފައި.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 06:34
ގާނޫނީ ވަކީލެއްގެ އިތުރުން ވިޔަފާރިވެރިއެއް ކަމަށްވާ އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ، އަމިއްލަ ނަމެއްގެ ގޮތުގައި "އެލް ޓިގްރޭ" (މިނިކާވަގު) ބޭނުންކުރޭ.

ގާނޫނީ ވަކީލެއްގެ އިތުރުން ވިޔަފާރިވެރިއެއް ކަމަށްވާ އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ، އަމިއްލަ ނަމެއްގެ ގޮތުގައި "އެލް ޓިގްރޭ" (މިނިކާވަގު) ބޭނުންކުރޭ. | ގެޓީ އިމޭޖަސް

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ކަނާތު ފިޔައިގެ ކެންޑިޑޭޓް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކުޑަ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. މިއީ އެ ގައުމުގެ ދާޚިލީ ހަނގުރާމައާއި ހަމަނުޖެހުންތައް ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވާ އެސްޕްރިއޭލާ ވައުދުވެވަޑައިގެންފައިވަނީ، ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ކުށްކުރުން ހުއްޓުވުމަށް އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށެވެ.

އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ، މިހާރުގެ ރައީސް ގުސްތާވޯ ޕެޓްރޯގެ އަރިސް ބޭފުޅެއް ކަމަށްވާ ވާތު ފިޔައިގެ ކެންޑިޑޭޓް އިވާން ސެޕޭޑާއާ ވާދަކުރައްވައެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ވާހަކަދައްކަވަމުން އެސްޕްރިއޭލާ ވިދާޅުވީ، މިއަދު މި ފެށުނީ ގައުމަށް އާ މަރުހަލާއެއް ކަމަށާއި، މިއީ ފުރުސަތުތަކުން ފުރިގެންވާ، ރައްކާތެރި އަދި ތަނަވަސް ކޮލަމްބިއާއަކަށް އިތުބާރުކުރި އެތައް މިލިއަން ރައްޔިތުންގެ މިނިވަން އަދި ދިމިގްރާތީ ނިންމުމެއް ކަމަށެވެ.

ވޯޓުގެ 99 އިންސައްތައަށްވުރެ ގިނައިން ގުނާ ނިމުނުއިރު، އެސްޕްރިއޭލާ ވަނީ ވޯޓުގެ 49.7 އިންސައްތަ ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި ސެޕޭޑާއަށް ލިބިވަޑައިގަތީ 48.7 އިންސައްތަ ވޯޓެވެ.

ނަމަވެސް، ސެޕޭޑާ އަދި ނާކާމިޔާބީ ގަބޫލެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ މިހާރު އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާއަކީ އަދި ރަސްމީ ނުވަތަ ގާނޫނީ ގޮތުން ސައްހަ ނަތީޖާއެއް ނޫން ކަމަށެވެ.

ސެޕޭޑާ އިތުރަށް ވިދާޅުވީ، ރަސްމީކޮށް ވޯޓުތައް ބަލައި، ފައިނަލް ނަތީޖާ ކަށަވަރުކޮށް، ބަލަންޖެހޭ ކަންކަން ބަލައި ނިމުމުން، އެ ނިޒާމުގެ ތެރެއިން ނުކުންނަ ރަސްމީ ނަތީޖާ ގަބޫލުކުރައްވާނެ ކަމަށެވެ.

ކޮލަމްބިއާގެ ކެރީބިއަން އައްސޭރިފަށުގެ ސަރަހައްދަށް ނިސްބަތްވާ އެސްޕްރިއޭލާއަށް އެ ސަރަހައްދުން ވަރަށް ބޮޑު ތާއީދެއް ލިބިފައިވެއެވެ.

އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބަރަންކީލާގައި، އޭނާގެ ކާމިޔާބީ ފާހަގަކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވިއެވެ. އެ އެންމެން ތިބީ ކޮލަމްބިއާގެ ގައުމީ ފުޓްބޯޅަ ޖާޒީ ލައިގެން، ގައުމީ ދިދަ ހިފައިގެންނެވެ. އެސްޕްރިއޭލާގެ ފޮޓޯތަކުން ދިއްލާލާފައިވާ ސްޓޭޖެއްގެ ކައިރީގައި މިއުޒިކާއެކު ނަށަމުން ދިޔައިރު، އެމީހުން ދިޔައީ "ވަތަނަށްޓަކައި ސާބިތުވެ ތިބޭށޭ" އަދި "ޕެޓްރޯ ބޭރުކުރޭ" ފަދަ ޝިއާރުތައް ގޮވަމުންނެވެ. މި އުފާފާޅުކުރުންތަކުގެ ތެރޭގައި ބަޑިބޭހުގެ ކުޅިވަރުތައް ވެސް ކުރިއަށްދިޔައެވެ.

ބައެއް ސަޕޯޓަރުން ތިބީ ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ބޭނުންކުރާ ފަދަ ތޮފި އަޅައިގެންނެވެ. ނަމަވެސް އެ ތޮފިތަކުގައި ލިޔެފައިވަނީ "މޭކް ކޮލަމްބިއާ ގްރޭޓް އެގެއިން" މިފަދައިންނެވެ.

މި ނަތީޖާއާ ގުޅިގެން ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި، އެސްޕްރިއޭލާ ބޮޑު ކާމިޔާބީއެއް ހޯއްދަވައިފި ކަމަށް ލިޔުއްވާފައެވެ.

އުފާފާޅުކުރުމުގައި ބައިވެރިވި ޕެޓްރީޝިއާ ނަމަކަށް ކިޔާ ސަޕޯޓަރަކު ބުނީ، ގައުމުގައި ހިނގަމުންދާ މީހުން މެރުމުގެ އަމަލުތަކާއި މިހާރުގެ ސަރުކާރުގެ ކަންނެތް އިދާރީ ނިޒާމަށް ރައްޔިތުން ފޫހިވެފައިވާ ކަމަށެވެ. އަދި އައްސޭރިފަށުގެ ސަރަހައްދަށް ނިސްބަތްވާ ރައީސަކު ލިބުމަކީ އުފަލެއް ކަމަށް އޭނާ ބުންޏެވެ.

އެހެން ސަޕޯޓަރަކު ބުނީ "ދަ ޓައިގާ" (މިނިކާވަގު) ގެ ނަމުން މަޝްހޫރުވެފައިވާ އެސްޕްރިއޭލާއާ މެދު ފަޚުރުވެރިވާ ކަމަށާއި، އޭނާގެ ސަބަބުން ގައުމަށް ވަޒީފާގެ ފުރުސަތުތަކާއި، ހުރިހާ ކަމަކަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ބޮޑު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އިންތިޚާބަށްފަހު ގައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ބައެއް ފަރާތްތަކުން ނަތީޖާ ގަބޫލުނުކޮށްފި ނަމަ މި ބިރުވެރިކަން އިތުރުވާނެއެވެ.

ރައީސް ޕެޓްރޯ އިންތިޚާބުގެ ނަތީޖާއަށް ގޮންޖެއްސެވުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަގުތީ ނަތީޖާއަކަށް ބިނާކޮށް އެއްވެސް މީހަކަށް ރައީސްކަން ލިބުނީ ކަމަށް ނުބެނޭވެ ކަމަށެވެ. އަދި އެއްވެސް ހެއްކެއް ދެއްކުމެއްނެތި، ބައެއް ވޯޓުލާ މަރުކަޒުތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި، ވޯޓުލާން ބޭނުންކުރި ސޮފްޓްވެއާ އޮޑިޓްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެސްޕްރިއޭލާއަކީ ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް ވަކީލެއް އަދި ވިޔަފާވެރިއެކެވެ. އޭނާ އަމިއްލައަށް ދީފައިވާ ވަނަމަކީ "އެލް ޓިގްރޭ" (މިނިކާވަގު) އެވެ.

ވަކީލެއްގެ ގޮތުގައި އޭނާ ވަނީ ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އަރިސް ބޭފުޅެއް ކަމަށްވާ އެލެކްސް ސާބްގެ ދިފާއުގައި މަސައްކަތް ކުރައްވާފައެވެ. ސާބްގެ މައްޗަށް އެމެރިކާއިން ވަނީ މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން ކޮލަމްބިއާގެ އެންމެ ބޮޑު އެއް ޚިޔާނާތްތެރިޔާ ޑޭވިޑް މުރްސިއާ ގުޒްމަންގެ ވަކީލަކީ ވެސް އޭނާއެވެ. އެސްޕްރިއޭލާ ވިދާޅުވަނީ މިއީ އޭނާގެ ވަޒީފާގެ ބައެއް ކަމަށެވެ.

ކެމްޕޭން އެއްވުންތަކާއި ސޯޝަލް މީޑިއާގައި އޭނާއާއި އޭނާގެ ސަޕޯޓަރުން ގިނައިން ފެންނަނީ ކޮލަމްބިއާގެ ގައުމީ ފުޓްބޯޅަ ޖާޒީގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާ ގައުމީ ޖާޒީ ސިޔާސީ ކުރަނީ ކަމަށެވެ. އަދި އޭނާ އާންމުންނާ މުޚާތަބު ކުރައްވާއިރު ގިނަ ފަހަރަށް ހުންނަވަނީ ވަޒަން ނާރާ ބިއްލޫރިގަނޑެއްގެ ފަހަތުގައެވެ.

ކޮލަމްބިއާގެ ދާޚިލީ ހަނގުރާމައަށް އެތައް އަހަރެއް ވެފައިވާއިރު، ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި މި ހަމަނުޖެހުންތައް ވަނީ އިތުރަށް ގޯސްވެފައެވެ. 

ކޮކެއިން ޓްރެފިކް ކުރާ މަގުތަކާއި ގަވާއިދާ ޚިލާފަށް މައިން ކުރާ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށް މި ޖަމާއަތްތަކުން ކުރާ ހަނގުރާމައިގައި އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިދިޔަ އަހަރު ކޮލަމްބިއާއާއި ވެނެޒުއޭލާ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. ދުނިޔޭގައި އެންމެ ގިނައިން ކޮކެއިން އުފައްދާ ކޮލަމްބިއާގައި، އެ ތަކެތި އުފައްދާ މިންވަރު މިހާރު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.

މިހާރުގެ ރައީސް ޕެޓްރޯއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ، ހަތިޔާރު އެޅި ޖަމާއަތްތަކާއެކު މަޝްވަރާކޮށްގެން ސުލްހަ ގާއިމުކުރުމަށް އޭނާ ގެންގުޅުއްވި "ޓޯޓަލް ޕީސް" ސިޔާސަތު ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ވަގުތުތަކުގެ ބޭނުން ހިފައިގެން، އެ ޖަމާއަތްތަކުން އެމީހުންގެ ބާރުގަދަކޮށް ސަރަހައްދުތައް ފުޅާކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެސްޕްރިއޭލާ ވައުދުވެވަޑައިގެންފައިވަނީ، ގަވާއިދާ ޚިލާފު ހަތިޔާރު އެޅި ޖަމާއަތްތަކާއެކު ކުރާ ހުރިހާ މަޝްވަރާއެއް ހުއްޓާލުމަށެވެ. އޭގެ ބަދަލުގައި، އެމެރިކާއާ ގުޅިގެން ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގައި، ގައުމުގައި ގާނޫނީ ނިޒާމު ގާއިމުކުރުމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން، ކޮލަމްބިއާގެ ޖަންގަލި ސަރަހައްދުތަކުގައި ބޮޑެތި ޖަލުތައް ބިނާކުރުމަށާއި، ސަރުކާރުގެ ހިންގުން ކުޑަކޮށް، ސިއްހީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އެސްޕްރިއޭލާއަކީ ގިނަ އަހަރުތަކެއް ވަންދެން އެމެރިކާގެ މިއާމީގައި ދިރިއުޅެ މަސައްކަތްކޮށްފައިވާ، 2023 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ ބޭފުޅެކެވެ.

ޑޮނަލްޑް ޓްރަމްޕް އޭނާއަށް ތާއީދުކުރައްވަމުން ވިދާޅުވީ، އެސްޕްރިއޭލާ އަކީ ގަވާއިދާ ޚިލާފަށް ހިޖުރަކުރުން ހުއްޓުވައި، ކުށްކުރުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފިޔަވަޅު އަޅައި، ގާނޫނީ ނިޒާމު އިއާދަކުރާނެ ބޭފުޅެއް ކަމަށެވެ.

އިންތިޚާބުގެ ކުރިން ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ، އެސްޕްރިއޭލާގެ ފަހަތުގައި އެމެރިކާގެ ފުރިހަމަ ތާއީދާއި ބާރު އޮންނާނެ ކަމަށެވެ.

ތާރީޚީ ގޮތުން ބަލާއިރު ކޮލަމްބިއާއަކީ އެ ސަރަހައްދުގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް، އެމެރިކާގެ ހިޖުރަކުރުމުގެ ސިޔާސަތުތަކާއި، ޓެރިފް ނުވަތަ ޑިއުޓީތަކާއި، އަދި ލެޓިން އެމެރިކާގެ ކަންކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނުމާ މެދު ރައީސް ޓްރަމްޕާއި ރައީސް ޕެޓްރޯއާ ދެމެދު އުފެދުނު ބަހުގެ ހަމަލާތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި މި ގުޅުމަށް ވަނީ ބުރޫއަރާފައެވެ.

އެސްޕްރިއޭލާގެ މި ކާމިޔާބީއަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ސިޔާސީ ފިކުރު ކަނާތު ފިޔައިގެ ސިޔާސަތުތަކަށް ބަދަލުވަމުންދާ ކަމުގެ ނިޝާނެކެވެ. ލެޓިން އެމެރިކާގެ ގިނަ ގައުމުތަކެއްގައި ސަލާމަތީ ކަންކަމާ މެދު އޮތް ކަންބޮޑުވުންތަކާ ހުރެ، އިންތިޚާބުތަކުގައި ކަނާތު ފިޔައިގެ ކެންޑިޑޭޓުން ދަނީ ކާމިޔާބީ ހޯދަމުންނެވެ.

އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ކަނާތު ފިޔައިގެ ލީޑަރުން ދަނީ އެސްޕްރިއޭލާއަށް ތައުރީފު ކުރަމުންނެވެ. އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި ވިދާޅުވީ، ކޮލަމްބިއާގެ ރައްޔިތުން އިޚްތިޔާރުކުރީ އިގްތިސާދީ މިނިވަންކަމާއި، ތަނަވަސްކަމާއި، ސާބިތު ސަލާމަތީ ނިޒާމެއްގެ މަގު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކުށްކުރާ ގްރޫޕްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް "މިހާރު ދެން ފުދިއްޖެ" ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗިލީގެ ލީޑަރު ހޯސޭ އެންޓޯނިއޯ ކާސްޓް ވިދާޅުވީ، ކޮލަމްބިއާއަށް މި ފެށުނީ މިނިވަންކަމުގެ އާ މަރުހަލާއެއް ކަމަށާއި، މީގެ ސަބަބުން އެ ގައުމުގެ ސަލާމަތާއި ތަނަވަސްކަން އަލުން އިއާދަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މަސްދަރު: ބީބީސީ

ކޮލަމްބިއާއަބެލާޑޯ ޑެ ލާ އެސްޕްރިއޭލާގުސްޓާވޯ ޕެޓްރޯއިވާން ސެޕޭޑާކޮލަމްބިއާ-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް

ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް

04 ޖޫން 2026
އިންތިޚާބުގެ ވަގުތީ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް، ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ

އިންތިޚާބުގެ ވަގުތީ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް، ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ

01 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް

01 ޖޫން 2026
ޑޯއުގެ ދެ ލަނޑާ އެކު، ފްރާންސް އިން ކޮލަމްބިއާ ބަލިކޮށްފި

ޑޯއުގެ ދެ ލަނޑާ އެކު، ފްރާންސް އިން ކޮލަމްބިއާ ބަލިކޮށްފި

30 މާރިޗު 2026
ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު