އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ: އައި.އާރް.ޖީ.ސީ
އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ ކަމަށާއި، އެމެރިކާ ފަދަ ގައުމުތަކުން ފަހަތަށް ޖެހެނީ އިރާނުގެ ވަރުގަދަކަން ފެނުމުން ކަމަށް އައި.އާރް.ޖީ.ސީ ނޭވީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ. ބޭރުގެ ފިއްތުންތަކާއި މީޑިއާ ކެމްޕޭންތަކުން ރައްޔިތުންގެ އަޒުމް ބަލިކޮށްލަން ކުރާ މަސައްކަތްތަކާ ދެކޮޅަށް އިރާނުން ސާބިތުކަމާއެކު އޮތްކަން އޭނާ ފާހަގަކުރެއްވި. އަދި ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ވެސް ގައުމުގެ ހައްގުތައް ކަށަވަރުކުރެވޭނީ ގައުމީ ބާރުވެރިކަން ދަމަހައްޓައިގެން ކަމަށް އޭނާ ވިދާޅުވި.

އީރާނުގެ ވެރިރަށް ތެހެރާނުގައި މަތީ ފަންތީގެ އަސްކަރީ އޮފިޝަލުންގެ ބައިވެރިވުމާއެކު 2023 މޭ 07 ވަނަ ދުވަހު ބޭއްވި ޕްރޮމޯޝަނަލް ޕްރޮގްރާމެއްގެ ތެރެއިން، އެ ގައުމުގެ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ކަމަށްވާ "ޚައިބަރު" (ޚުއްރަމްޝަހަރު-4) ޓެސްޓު ކުރުމަށްޓަކައި ފޮނުވާލާ މަންޒަރު. | ގެޓީ އިމޭޖަސް
ދުޝްމަނުންގެ ކުރިމަތީގައި އޮތް ހަމައެކަނި އިތުބާރުހުރި ރައްކާތެރިކަމަކީ ގައުމީ ބާރުވެރިކަން ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ނޭވީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އިރާނުގެ ދުޝްމަނުން ފަހަތަށް ޖެހެނީ ގައުމުގެ ވަރުގަދަ ބާރުވެރިކަން ދައްކައިގެން ކަމަށެވެ.
އައި.އާރް.ޖީ.ސީ ނޭވީގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު މުޙައްމަދު އަކްބަރުޒާދާ މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު އިރާނުގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ ބަންދަރު އައްބާސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި ފަހަކަށް އައިސް ހިނގާފައިވާ ކަންކަމުން، އިރާނުގެ އަސްކަރީ، ސިޔާސީ އަދި އިޖުތިމާއީ ސާބިތުކަން ދެމެހެއްޓުމުގެ މުހިންމުކަން ވަނީ އަލުން ކަށަވަރުވެފައެވެ.
އަކްބަރުޒާދާ އިޝާރާތް ކުރެއްވީ، އެއްވެސް އުުދުވާނަކާ ނުލައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކަށާއި، އެ ހަމަލާތަކަށް އިރާނުން ދިން ވަރުގަދަ އަދި ކާމިޔާބު ރައްދު ހަމަލާތަކަށެވެ.
ދުޝްމަނުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އަކްބަރުޒާދާ ވިދާޅުވީ، ދުޝްމަނުން އެމީހުންގެ އަމަލުތައް ބަދަލުކުރަނީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށާއި، އެއީ ގައުމުގެ ބާރުވެރިކަން ފެނުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، "ދުޝްމަނުން ފަހަތަށް ޖެހެނީ ރައްޔިތުންގެ ބާރުވެރިކަން ފެނުމުން. އެއީ ރައްޔިތުންނަށް ހަމްދަރުދީވެގެންނެއް ނޫން،" ކަމަށެވެ.
ތެހެރާނާއި ވޮޝިންޓަނާ ދެމެދު ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ އޮފިޝަލް ވިދާޅުވީ، ކުރިއަށް އޮތް އެއްބަސްވުމެއްގައި ވެސް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ގައުމުގެ ބާރުވެރިކަން ކަމަށެވެ.
"ކޮންމެ އެއްބަސްވުމެއްގައި ވެސް އޮތް ހަގީގީ ޔަގީންކަމަކީ ބާރު،" ކަމަށް ވިދާޅުވެ، އަކްބަރުޒާދާ އިތުރަށް ވިދާޅުވީ އަނެއް ފަރާތުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ އިރާނުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރަނީ އަޅުގަނޑުމެންގެ ހައްގުތައް ކަށަވަރުކުރަން. އެއީ ދޫދޭކަށް ނޫން."
އެމެރިކާގެ އެހީތެރިކަމާއެކު ސަރަހައްދީ ގައުމުތަކާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ "އަބްރަހަމް އެކޯޑްސް" އާއި، ސަރަހައްދު ފުޅާކުރުމަށް ރާވާފައިވާ "ގްރޭޓަރ މިޑްލް އީސްޓް" މަޝްރޫއު ފަދަ ދުޝްމަނުންގެ ރޭވުންތަކަށް ވެސް އޭނާ އިޝާރާތް ކުރެއްވިއެވެ.
އަކްބަރުޒާދާ ވިދާޅުވީ މިފަދަ މަޝްރޫއުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އިރާނު ކަމަށާއި، އެކަމުގެ ސަބަބުން އިރާނާ މެދު އޮންނަ ދުޝްމަންކަން އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، މީޑިއާ ކެމްޕޭންތައް މެދުވެރިކޮށް ރައްޔިތުންގެ އަޒުމް ބަލިކޮށްލުމަށާއި، އިސްތިރާތީޖީ ގޮތުން ގޯސް ނިންމުންތައް ނިންމުމަށް މަޖުބޫރުކުރުވުމަށް ދުޝްމަނުން ކުރިއަށްގެންދާ "ކޮގްނިޓިވް ވޯފެއާ" ނުވަތަ ސިކުނޑިތަކާ ކުޅެލުމުގެ ހަނގުރާމައަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.
ނަމަވެސް، ތާރީޚީ ތަޖުރިބާތަކަށް ބަލާއިރު، ބޭރުގެ ފިއްތުންތަކާއި ގޮންޖެހުންތަކަށް ކެތްކުރުމުގެ ގާބިލުކަން އިރާނުގެ ރައްޔިތުންގެ ކިބައިގައި ހުރިކަން ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.







