ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި
އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ފަހުމުނާމާއާއެކު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށާފައިވާއިރު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ވަނީ ލުއިތަކެއް ދީފައި. ނަމަވެސް، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ކަނޑުއޮޅި އަލުން ބަންދުކުރިކަން އީރާނުން އިއުލާނުކޮށްފައިވާއިރު، އެ ސަރަހައްދު ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ބަލަހައްޓާނީ އީރާނުން ކަމަށް އެ ގައުމުން ބުނޭ.

އޮމާންގެ މަސްކަޓް އައްސޭރިފަށުން ބޭރުން އޮމާން ކަނޑުއޮޅީގައި، ސްޓްރެއިޓް އޮފް ހުރްމުޒް ހުރަސްކުރުމަށް ތައްޔާރުވެފައިވާ މުދާ އުފުލާ ބޯޓުފަހަރާއި ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރުތައް 2026 ޖޫން 21 ވަނަ ދުވަހު ބަނދަރުކޮށްފައިވާ މަންޒަރު. | ގެޓީ އިމޭޖަސް
ކަނޑުދަތުރުފަތުރުގެ ކަންކަން މޮނިޓަރކުރާ ކެޕްލަރ (Kpler) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަ ދުވަހު ހުރްމުޒް ކަނޑުއޮޅިން މުދާ އުފުލާ މަދުވެގެން 36 އުޅަނދު ދަތުރުކޮށްފައިވެއެވެ. މިއީ ފެބްރުއަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި މި ކަނޑުއޮޅިން އެންމެ ގިނަ އަދަދަކަށް އުޅަނދުފަހަރު ދަތުރުކުރި ފަހަރެވެ.
ހޯމަ ދުވަހު ދަތުރުކުރި 36 އުޅަނދަކީ، އާންމު ހާލަތްތަކުގައި އެ ކަނޑުއޮޅިން ދުވާލަކު ދަތުރުކުރާ ގާތްގަނޑަކަށް 120 އުޅަނދުގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ އެކްސްޕޯޓުގެ ފަސްބައިކުޅަ އެއްބައި އާންމުގޮތެއްގައި ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
ކަނޑުދަތުރުފަތުރު މޮނިޓަރކުރާ ނިޒާމުތަކަށް އިތުރު އުޅަނދުފަހަރުގެ މައުލޫމާތު ލިބެމުންދާ ވަރަކަށް، ހޯމަ ދުވަހު މި ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރުގެ ޖުމްލަ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.
ހަނގުރާމަ ހުއްޓާލުމަށްޓަކައި ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މިދިޔަ ހަފުތާގައި ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެލާއި، ގޭސް (އެލް.އެން.ޖީ) އަދި ގަސްކާނާ ފަދަ ހިކި މުދާ އުފުލާ އުޅަނދުފަހަރުގެ އަދަދު ވަނީ ކުޑަކޮށް އިތުރުވާން ފަށާފައެވެ.
އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން މާރިޗު މަހުގެ 1 ވަނަ ދުވަހު އީރާނުން މި ކަނޑުއޮޅި ބަންދުކުރި ފަހުން، ޖޫން 14 ގައި އެއްބަސްވުމަކަށް އައުމާ ހަމައަށް، ދުވާލަކު މި ކަނޑުއޮޅިން ދަތުރުކުރަނީ މުދާ އުފުލާ 10 އުޅަނދަށްވުރެ މަދު އަދަދެކެވެ.
ޖޫން 15 ވަނަ ދުވަހުން ފެށިގެން މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އެވްރެޖް އަދަދު 21 އަށް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި މި އަދަދު ވަނީ 27 އަށް އަރާފައެވެ.
ސްވިޒަލޭންޑުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ދެން ދުވަހަކުވެސް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަ ނުވާނެ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ސަރަހައްދު ބަލަހައްޓާނީ އީރާނުން ކަމަށެވެ. މިކަން އަންގާރަ ދުވަހު އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށް އީރާނުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިއުލާނުކޮށްފައެވެ.
އީރާނުން ސާފުނުކުރާ ތެލާއި އެއާ ގުޅުންހުރި އުފެއްދުންތައް އުފައްދައި، ވިއްކައި އަދި ފޮނުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޮގަސްޓް 21 ގެ ނިޔަލަށް ވަގުތީ ގޮތުން އުވާލާފައިވާ ކަމަށް އެމެރިކާއިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.
މަސްދަރު: އޭއެފްޕީ







