ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު
މޮޅާ އެކު މިޞްރުން ވަނީ މި ގުރޫޕުގެ އެއް ވަނަ އަށް ޖެހިލާފައި. މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު މިޞްރު އޮތްއިރު، ދެ ވަނައިގައި އޮތް އީރާން އަށް ލިބެނީ ދެ ޕޮއިންޓު.


މެޗުގައި ލަނޑު ޖެހުމަށް ފަހު މިޞްރުގެ ޞަލާޙު އުފާ ފާޅު ކުރަނީ. | ރޮއިޓާސް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖީގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މިޞްރުން އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ މޮޅެއް ހޯދައިފި އެވެ.
ހޯމަ ދުވަހުގެ ހެނދުނު ކުޅުނު މެޗު މިޞްރުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ނިއުޒިލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މިޞްރުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ނިއުޒިލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ނިއުޒިލެންޑަށް ލީޑު ނަގައިދިނީ ފިން ސާމަން އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު މިޞްރުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. އެއީ މުސްތަފާ ޒީކޯ ޖެހި ލަނޑުންނެވެ.
އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޞަލާޙު ޖެހި ފުރަތަމަ ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، މިޞްރުގެ ތިން ވަނަ ލަނޑު ޖެހީ މަހުމޫދު ޓްރެޒެގޭ އެވެ.
މޮޅާ އެކު މިޞްރުން ވަނީ މި ގުރޫޕުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު މިޞްރު އޮތްއިރު، ދެ ވަނައިގައި އޮތް އީރާން އަށް ލިބެނީ ދެ ޕޮއިންޓެވެ. ތިން ވަނައިގައި ބެލްޖިއަމް އަށް ވެސް ލިބެނީ ދެ ޕޮއިންޓެވެ.






