މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
މޮޅާ އެކު އާޖެންޓީނާ އިން ވަނީ ދެ މެޗުން ހަ ޕޮއިންޓާ އެކު މުބާރާތުގެ އަނެއް ބުރުން ޖާގަ ކަށަވަރު ކޮށްފައި.


މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ. | ރޮއިޓާސް
މިހާރު ކުރިއަަށްދާ ފީފާ ވޯލްޑް ކަޕްގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާޖެންޓީނާ އިން މުބާރާތުގެ ގަދަ 32 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އެމެރިކާގެ ޑަލާސް ސްޓޭޑިއަމްގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އާޖެންޓީނާ އަށް ވަނީ ޕެނަލްޓީއެއް ލިބިފައި އެވެ. އެއީ އޮސްޓްރިއާގެ އޭރިޔާ ތެރެއިން ލައުޓާރޯ މާޓިނޭޒް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ޕެނަލްޓީގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރި މަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެސީ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ އޮސްޓްރިއާގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހި ދިޔައީ ބޭރަށެވެ.
މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑު ޖަހައި އާޖެންޓީނާ އަަށް ލީޑު ނަގައިދީފައި އެވެ. އެއީ ފަކުންޑޯ މެޑިނާ ދިން ފުރުސަތެއްގައި މެސީ ޖެހި ލަނޑެވެ. މި ލަނޑާ އެކު މެސީ ވަނީ 17 ލަނޑު ޖަހައިގެން ޖަރުމަނުގެ މިރުސްލާވް ކްލޯސާގެ ރެކޯޑު މުގުރާލައި، ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ.
އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މެސީ ވަނީ އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެއާ އެކު މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ޖެހި ލަނޑުގެ އަދަދު ވަނީ ފަހަކަަަށް އަރައިފަ އެވެ.
މޮޅާ އެކު އާޖެންޓީނާ އިން ވަނީ ދެ މެޗުން ހަ ޕޮއިންޓާ އެކު މުބާރާތުގެ އަނެއް ބުރުން ޖާގަ ކަށަވަރު ކޮށްފައި އެވެ.







