އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި
ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހުރި އައިއެސް-ކޭގެ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައި. މި ހަމަލާތަކަކީ އަފްޣާނިސްތާނުގެ ސަލާމަތަށް ނުރައްކާކުރާ ޖަމާއަތްތަކާ ދެކޮޅަށް ދިން ހަމަލާތަކެއް ކަމަށް ބުނި ނަމަވެސް، ޕާކިސްތާނުން ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައި. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެ، ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ އާންމުން ދަނީ މަރުވަމުން.

އަފްޣާނިސްތާނުގެ ތޯރްޚާމް ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި، އެ ގައުމުގެ ތާލިބާން ސިފައިން ބަޑީގެ ޓެލެސްކޯޕިކް ސައިޓްތަކުން ޕާކިސްތާނާ ވީ ފަރާތަށް ބަލަހައްޓައިގެން ތިބި މަންޒަރު. | އޭޕީ
ޕާކިސްތާނުގެ އެތެރޭގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާއި "ދުޝްމަނު އިންޓެލިޖެންސް އިދާރާތަކުން" ބޭނުންކުރާ މަރުކަޒުތަކަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އަފްޣާނިސްތާނުން އިޢުލާނުކޮށްފިއެވެ.
އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. މިއީ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ކުރިމަތިވި އެންމެ ފަހުގެ ނުރައްކަލެވެ. ފާއިތުވި މަސްތަކުގައި ދެ ގައުމުގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، ޗައިނާ އިސްވެ އޮވެ ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކުން މިހާތަނަށް ދާއިމީ ހައްލެއް ފެނިފައެއް ނުވެއެވެ.
އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ އަފްޣާނިސްތާނުގެ "ވައިގެ ސިފައިން" ހަމަލާދީފައިވަނީ ޕާކިސްތާނުގެ ބަލޮޗިސްތާން އަދި ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގައި ހުރި މަރުކަޒުތަކަކަށް ކަމަށެވެ. މި ދެ ސަރަހައްދަކީވެސް އަފްޣާނިސްތާނުގެ ބޯޑަރާ ގުޅިފައިވާ ދެ ސަރަހައްދެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ހަމަލާދިން "ބޭސްތަކަކީ" އައިއެސް-ޚުރާސާން (އައިއެސް-ކޭ) އަށް ނިސްބަތްވާ ތަންތަނެވެ. އަދި އެ ތަންތަނަކީ ބައެއް "ދުޝްމަނު އިންޓެލިޖެންސް އިދާރާތަކާ" ގުޅިގެން އަފްޣާނިސްތާނާ ދެކޮޅަށް ހަމަލާތައް ރޭވުމަށް ބޭނުންކުރާ ތަންތަން ކަމަށްވެސް ބުނެފައިވެއެވެ. ބެލެވޭ ގޮތުގައި މި އިޝާރާތް ކުރަނީ ޕާކިސްތާނުގެ އިންޓެލިޖެންސް އިދާރާތަކަށެވެ.
ބަޔާނުގައިވާ ގޮތުން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ބަލޮޗިސްތާނުގެ ގިލާ އަބްދުﷲ ޑިސްޓްރިކްޓްގެ ގުލިސްތާން ސަރަހައްދަށާއި، ޗާގީ ޑިސްޓްރިކްޓްގެ ޝަކަރް އާބް ސަރަހައްދުގެ އިތުރުން، ޚައިބަރް ޕަޚްތޫންޚުވާގެ އޮރަކްޒާއީ ޑިސްޓްރިކްޓްގެ ގަމްބަރު ޚޭލް ސަރަހައްދަށެވެ.
މި އޮޕަރޭޝަނުގައި ހަމަލާދިން އެއް ތަނަކީ އައިއެސް-ކޭގެ އިސް ލީޑަރުން އާންމުކޮށް ގޮސް އުޅޭ މަރުކަޒެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި ފުރަތަމަ ލިބުނު މައުލޫމާތަށް ބަލާއިރު، "މުހިންމު އަމާޒުތަކަކަށް" ކާމިޔާބުކަމާއެކު ހަމަލާދެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން އިތުރަށް ހާމަކުރިއެވެ.
ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ ގިނަ ހަމަލާތަކެއްގެ ޒިންމާ އައިއެސް-ކޭ އިން ވަނީ އުފުލާފައެވެ.
2021 ވަނަ އަހަރު ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން، ޕާކިސްތާނުން ގެންދަނީ އަފްޣާނިސްތާނުން ހަތިޔާރު އެޅި ޖަމާއަތްތަކަށް ހިމާޔަތްދޭ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެފަދަ ޖަމާއަތްތަކަށް އަމާޒުކޮށް ޕާކިސްތާނުންވެސް ވަނީ އަފްޣާނިސްތާނުގެ އެތެރެއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ނަމަވެސް އަފްޣާނިސްތާނުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.
މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުން ދިން ކަމަށް ބުނާ ފުރަތަމަ ބޮޑު ހަމަލާ ކަމަށްވީ ނަމަވެސް، މި ހަމަލާ ދިން ގޮތުގެ ތަފްސީލެއް ކާބުލް އަކުން ހާމައެއް ނުކުރެއެވެ.
ލަންޑަންގައި ހުންނަ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓީޖިކް ސްޓަޑީޒްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަފްޣާނިސްތާނުގެ އަތުގައި ފައިޓަރ ޖެޓް ނެތް ނަމަވެސް، މަދުވެގެން ހަ މަތިންދާބޯޓާއި 23 ހެލިކޮޕްޓަރު އެ ގައުމުގެ އަސްކަރިއްޔާގައި އެބައޮތެވެ.
މީގެ އިތުރުން، ޕާކިސްތާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތާލިބާނުން ޑްރޯން ބޭނުންކުރާކަންވެސް ވަނީ އެނގިފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ އަފްޣާނިސްތާނުގެ މި ރިޕޯޓްތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
ތާލިބާނުން ދެވަނަ ފަހަރަށް ވެރިކަމަށް އައި ފަހުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ވަކިން ހާއްސަކޮށް، ފެބްރުއަރީ މަހުގެ ފަހުކޮޅު ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އަފްޣާނިސްތާނުން ބޯޑަރު ހުރަސްކޮށް ހަމަލާ ދިނުމާ ގުޅިގެން މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.
ޕާކިސްތާނުން އަދިވެސް ގަބޫލުކުރާ ގޮތުގައި، އެ ގައުމުގައި ނުރައްކާތެރި ހަމަލާތައްދޭ ޓީޓީޕީ ފަދަ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް ކާބުލް އިން ދަނީ ހިމާޔަތް ދެމުންނެވެ. ނަމަވެސް އަފްޣާނިސްތާނު ސަރުކާރުން ބުނަނީ އެއީ ޕާކިސްތާނުގެ ދާޚިލީ މައްސަލައެއް ކަމަށެވެ.
މާރިޗު މަހު ދެ ގައުމުގެ ދެމެދުގައި އެކުލަވާލި ނާޒުކު ސުލްހައިގެ އެއްބަސްވުން އުވާލެވުނީ، އެއް ގައުމުން އަނެއް ގައުމަށް އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތު ކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ޗައިނާ މެދުވެރިވެގެން މަސްރަހު ފިނިކުރުމަށް ކުރި މަސައްކަތްތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.
އދ. އިން މެއި މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި އަފްޣާނިސްތާނުގެ މަދުވެގެން 372 އާންމުން މަރުވެ، 397 މީހުން ވަނީ ޒަޚަމްވެފައެވެ.
މިދިޔަ ހަފުތާގައި ޕާކިސްތާނުން އަފްޣާނިސްތާނުގެ ޕްރޮވިންސްތަކަށް ދިން ވައިގެ ހަމަލާތަކުގައި 11 ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން މަރުވެ، 14 މީހުން ޒަޚަމްވި ކަމަށް އަފްޣާން ތާލިބާނުން ބުނެފައިވެއެވެ.
ޕާކިސްތާނުން ބުނި ގޮތުގައި އެއީ އެ ގައުމުގެ ހުޅަނގު އުތުރުގައި ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އަދި އެ ހަމަލާތަކުގައި 26 ހަނގުރާމަވެރިން މަރުވި ކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.
"އަފްޣާނިސްތާނުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވާ އެއްވެސް ނުރައްކަލަކަށް ދެން ކެތެއް ނުކުރެވޭނެ. ކޮންމެ ނުރައްކަލެއްވެސް އޭގެ އަސްލުން ނައްތާލުމަށްޓަކައި އަފްޣާނިސްތާނުގެ އަތުގައި ހުރި ހުރިހާ ވަސީލަތްތަކާއި ގާބިލުކަމެއްގެ ބޭނުން ކުރާނަން،" ހުކުރު ދުވަހު ނެރުނު ބަޔާނުގައި އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.







