ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގައި ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި 92 ހަނގުރާމަވެރިންނާއި 15 ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނާއި 18 އާންމުން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވޭ. ބަލޮޗިސްތާން ލިބަރޭޝަން އާމީން ތުހުމަތުކުރަނީ އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އެތަނުގެ ރައްޔިތުންނަށް ނުލިބޭ ގޮތަށް މަރުކަޒީ ސަރުކާރުން ބޭނުން ކުރާ ކަމަށް.

ޕާކިސްތާނުގެ ބަލުޗިސްތާން ޕްރޮވިންސްގެ ކަހާން ކައިރީގައި، އެ ގައުމުގެ އަސްކަރީ އައުޓްޕޯސްޓަކަށް ހަމަލާދިނުމަށް އެ ސަރަހައްދުގެ ގަބީލާތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ތައްޔާރުވަމުންދަނީ - ޖެނުއަރީ 31، 2006. | ގެޓީ އިމޭޖަސް
ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޮޗިސްތާން ޕްރޮވިންސްގައި ހޮނިހިރު ދުވަހު ދިން ނުރައްކާތެރި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ 92 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 15 މީހުންނާއި 18 އާންމުން ވެސް ވަނީ މަރުވެފައެވެ. އަދި މި ހަނގުރާމަވެރިންނަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފައިވާއިރު، އިންޑިއާގެ ވެރިރަށް ނިއުދިއްލީން ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީ.އެލް.އޭ) ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާއަތުން ކުރިން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލައި، ޕާކިސްތާނު ސިފައިންގެ އެތައް ބަޔަކު މަރާލާފައިވާނެ ކަމަށް ބުނެފައެވެ.
ދެ ފަރާތުން ކުރާ މި ދައުވާތައް މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޕާކިސްތާނު ސަރުކާރުން އެތައް އަހަރެއް ވަންދެން ނަސްލީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަގީރު މި ޕްރޮވިންސްގައި، މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު އެއް ދުވަހެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަލޮޗިސްތާނުގެ ވެރިރަށް ކުއެޓާ އާއި އެހެނިހެން ސިޓީތަކުގައި އާންމުންނަށް އަމާޒުކޮށް ހަނގުރާމަވެރިން ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ބަލޮޗިސްތާނުގެ އެކި ސަރަހައްދުތަކުގައި "ކްލިއަރެންސް" އޮޕަރޭޝަންތަކެއް ފަށައި، ހަނގުރާމަވެރިންގެ "ނުބައި ރޭވުންތައް" ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ތެރޭގައި ކުއެޓާގެ އިދާރީ މުހިންމު ބައެއް އިމާރާތްތަކާއި އެ ސަރަހައްދުގެ މަގުތައް ބަންދުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯބައިލް ފޯނުގެ ޚިދުމަތް ކަނޑާލައި، އެ ސަރަހައްދުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތް ވެސް ވަނީ މެދުކަނޑާލާފައެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އަސްކަރިއްޔާއަށް ތައުރީފު ކުރައްވައި، "ޓެރަރިޒަމް މުޅިން ނައްތާލެވެންދެން އެކަމާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދާނެ" ކަމަށް ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހުގެ ކުރީކޮޅު، އަތުބޮމާއި ބަޑި ހިފައިގެން ތިބި ހަނގުރާމަވެރިން ވަނީ ބަލޮޗިސްތާނުގެ 12 ސިޓީއަކާއި އަވަށަކަށް ހަމަލާދީފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ފުލުހުންނާއި ސިފައިންގެ މަރުކަޒުތަކުގެ އިތުރުން ޖަލުތަކާއި ސަރުކާރުގެ އިމާރާތްތަކަށެވެ.
ބީ.އެލް.އޭ އިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ބަލޮޗިސްތާނުގެ މުއްސަނދި ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށް ދިނުމެއް ނެތް ގޮތުގައި މަރުކަޒީ ސަރުކާރުން ދަނީ ބޭނުންކުރަމުންނެވެ.
އެ ސަރަހައްދުގެ އެކްޓިވިސްޓުން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް މީހުން ވަގަށް ނެގުމާއި ގެއްލުވާލުމުގެ ތުހުމަތު ކުރި ނަމަވެސް، އިސްލާމްއާބާދުން އެ ތުހުމަތުތައް ދޮގުކުރެއެވެ.
ބަލޮޗިސްތާނުގެ ރައްޔިތުންނަށް ވަކި ދައުލަތެއް ހޯދުމަށް ވަކާލާތުކުރާ ހަނގުރާމަވެރިން ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތް ފެށިފައިވަނީ، 1948 ވަނަ އަހަރު އިނގިރޭސި އިންޑިއާގެ އިސްތިއުމާރުން ޕާކިސްތާނަށް މިނިވަންކަން ލިބުނު ދުވަސްވަރުއެވެ.
އީރާނާއި ތާލިބާނުންގެ ކޮންޓްރޯލް އޮންނަ އަފްޣާނިސްތާނާ ގުޅޭ ނުރައްކާތެރި ބޯޑަރެއް އޮންނަ ބަލޮޗިސްތާނަކީ އަރަބި ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ވެސް ހިމެނޭ ޕްރޮވިންސެކެވެ.
މި ސަރަހައްދަށް ނަން ދެވިފައިވަނީ އެތައް ގަރުނެއް ވަންދެން އެތަނުގައި ދިރިއުޅެމުންދާ ބަލޮޗް ގަބީލާއަށް ނިސްބަތްކޮށެވެ. އެ ސަރަހައްދުގައި އެންމެ ގިނައީ ބަލޮޗް ނަސްލުގެ މީހުން ކަމަށްވާއިރު، ދެން އެންމެ ގިނައީ ޕަޝްތޫން ނަސްލުގެ މީހުންނެވެ.
ބަލޮޗިސްތާނުގެ އެންމެ ބޮޑު ބައި އޮންނަނީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގައެވެ. މި ޕްރޮވިންސަކީ ޕާކިސްތާނުގެ ބިމުގެ 44 އިންސައްތަ ނަމަވެސް، އެ ގައުމުގެ 240 މިލިއަނަށް ވުރެ ގިނަ އާބާދީގެ ތެރެއިން މިތަނުގައި ދިރިއުޅެނީ އެންމެ 5 އިންސައްތަ މީހުންނެވެ. ބަލޮޗިސްތާނަކީ ގޭހާއި މައުދަނިއްޔާތު ފަދަ ގުދުރަތީ ވަސީލަތްތަކުން ޕާކިސްތާނުގެ އެންމެ މުއްސަނދި ޕްރޮވިންސެވެ.
މަސްދަރު: ބީބީސީ





