އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތްކޮށް، އިސްރާފުކުރުމާއި ހަރާމް ގޮތްގޮތުން ފައިސާ ހޯދުމުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައި. އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ބައްޓަން ކުރުމަށާއި، ދަރަނިވެރިވުމުގެ ނުރަނގަޅު އާދަތަކާ ދުރުވެ އިގުތިސާދު ކުރުމުގެ މުހިންމުކަން ޚުޠުބާގައި ފާހަގަކޮށްފައިވޭ. އަދި މުދަލަކީ އަމާނާތެއްކަން ހަނދާންކޮށްދީ، އާއިލާ އާއި ފަގީރުންގެ ހައްގުތައް އަދާކުރުމާއެކު މުސްތަގުބަލަށް ރައްކާކުރުމުގެ އާދަ އަށަގަންނުވަން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވޭ.


ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން. | ރާއްޖެއެމްވީ
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ބައްޓަން ކުރަން ޖެހޭ ކަމަށާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި އެވެ.
''ހޭދަކުރުމުގައި އިގުތިސާދުކުރުން '' މިމައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުޠުބާގައި ބުނީ، ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.
ޚުތުބާގައި ބުނީ، މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށްވާއިރު، އެ މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތް ކުރާންޖެހޭ ކަމަށާއި، މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭ ކަމަށެވެ. އަދި މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ޓެކުމާއި، ރިބާގެ މުއާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވައިފައިވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.
މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުން ދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށެވެ. އަދި އިސްރާފު ކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ކަމަށާއި، މާތް ﷲ ހަރާމް ކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެން ނުވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މުދަލުގައި އެހެން މީހުންގެ ހައްގުތަކެއް ވެސް މާތްﷲ سبحانه وتعالى ލައްވައިފައިވާކަން ބަޔާންކޮށް ޚުތުބާގައި ވަނީ ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައްވާ ކަމަށާއި، އެ ހައްގު ތަކުން އެބައިމީހުން މަހުރޫމު ނުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
އަހަރެމެންނަށް ދެއްވައިފައިވާ ނިއުމަތްތަކާ މެދު ގިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެ އެވެ. މާތް ﷲ ވަޙީކުރައްވައިފައި ވާ ބަސްފުޅުގެ މާނާގައި ވަނީ "ދެން އެ ދުވަހަކުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިއުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނޭކަން ކަށަވަރެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ، ދިރިއުޅުމުގެ ކަންތައްތަކާއި، އާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުމަކުން ވިސްނާން ޖެހޭ ކަމަށެވެ. އަދި އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ހާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.
ޚުޠުބާގައި ވަނީ އިސްލާމީ އުސޫލުތަކުގެ މަތީގައި މުދާ ހޯދައި ހޭދަކުރާ ބަޔަކު ކަމުގައި ވުމަށާއި، ލިބޭ އެއްޗަކުން އާއިލާގެ ކަންކަން ހަމަޖައްސައި މުޅި އާއިލާއަށް އުފާވެރިކަން ގެނެސްދިނުމަށް ބާރު އަޅާފަ އެވެ. އަދި ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރުމަށާއި، ހައްގު ނޫން ގޮތުގައި މުދާ ބޭނުން ނުކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.






