ޗެޓްޖީޕީޓީ ބޭނުންކޮށްގެން ނުރައްކާތެރި އަދި ބަރަހަނާ ފޮޓޯ އުފެއްދޭ މައްސަލައެއް ފެންމަތިވެއްޖެ
ޗެޓްޖީޕީޓީ ބޭނުންކޮށްގެން ބިރުވެރި އަދި ޖިންސީ މަންޒަރުތައް ހިމެނޭ ފޮޓޯ އުފެއްދޭކަން އިނގިރޭސިވިލާތުގެ ދިރާސާވެރިން ހާމަކުރުމާ ގުޅިގެން، އޯޕަން އޭއައި އިން އެކަން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި. ނަމަވެސް، އޭއައި މޮޑެލްތަކަށް ދޭ އިރުޝާދުތަކަށް ކުދި ބަދަލުތައް ގެނެސްގެން އަދިވެސް މިފަދަ ނުރައްކާތެރި ތަކެތި އުފެއްދުމުގެ ފުރުސަތު އޮތްކަމަށް މާހިރުން އިންޒާރުދޭ. މި މައްސަލައަކީ އޭއައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް.

ސްމާޓްފޯނެއްގެ ސްކްރީނުން ޗެޓްޖީޕީޓީ އެޕްލިކޭޝަންގެ އައިކަން ފެންނަނީ. | ގެޓީ އިމޭޖަސް
ޗެޓްޖީޕީޓީގެ އެންމެ ފަހުގެ އާންމު ވަރޝަން ބޭނުންކޮށްގެން، އާދައިގެ ކުޑަ އިރުޝާދެއް ނުވަތަ ޕްރޮމްޕްޓެއް ދީގެން ޖިންސީ މަންޒަރުތަކާއި ނުރައްކާތެރި އަނިޔާވެރި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް އުފެއްދިދާނެކަމަށް ދިރާސާވެރިން ބީބީސީއަށް ކިޔައިދީފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ "މައިންޑްގާޑް" އިން ވަނީ، މަޖާ ކަންކަން ކުރުމަށް އާންމުކޮށް ބޭނުންކުރާ ޕްރޮމްޕްޓަކަށް ކުޑަ ބަދަލެއް ގެނެސްގެން، ޗެޓްޖީޕީޓީ މެދުވެރިކޮށް ބިރުވެރި އަދި ހުތުރު ފޮޓޯތައް އުފެއްދޭ ގޮތް ދެނެގަނެފައެވެ.
މި މައްސަލައާ ގުޅިގެން ބީބީސީން ސުވާލުކުރުމުން، ޗެޓްޖީޕީޓީ އުފެއްދި އޯޕަން އޭއައި ކުންފުނިން ބުނީ އެފަދަ ފޮޓޯތައް އުފެއްދުން ހުއްޓުވުމަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަން ހިނގާފައިވާ ގޮތް ތަހުގީގުކުރުމަށްފަހު، އެފަދަ އިރުޝާދުތަކަށް ޗެޓްޖީޕީޓީން އިޖާބަދިނުން ހުއްޓުވުމަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުންފުނީގެ އުސޫލުތަކާ ޚިލާފު ތަކެތި އުފެއްދުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ގިނަ ލޭޔަރުތަކެއް ގާއިމުކޮށްފައިވާނެ ކަމަށްވެސް އޯޕަން އޭއައި އިން ބުންޏެވެ.
ނަމަވެސް، އޭއައި ސެކިއުރިޓީ ދިރާސާވެރިން ބުނާ ގޮތުގައި، އެ އިރުޝާދަށް އަދިވެސް ކުދިކުދި ބަދަލުތައް ގެނެސްގެން ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތައް އުފެއްދުމުގެ ފުރުސަތު އެބައޮތެވެ.
ދިރާސާވެރިން ޗެޓްޖީޕީޓީއަށް ދިން އިރުޝާދުތަކުގެ ތަފްސީލެއް ބީބީސީން ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް، އޯޕަން އޭއައިގެ ޖީޕީޓީ-4.0 މޮޑެލް ބޭނުންކޮށްގެން ބިރުވެރި އަދި ހުތުރު މަންޒަރުތައް އުފެއްދި ގޮތް ބީބީސީއަށް ފެނިފައިވާކަން ރިޕޯޓުކޮށްފައިވެއެވެ.
މައިންޑްގާޑްގެ ބާނީ ޕީޓާ ގަރަގަން ވިދާޅުވި ގޮތުގައި، މާ ތަފްސީލީ އިރުޝާދުތަކެއް ނުދިން ނަމަވެސް، ޗެޓްޖީޕީޓީން އުފެއްދި ފޮޓޯތަކަކީ "ވަރަށް ބިރުވެރި، ބައެއް ފަހަރު ޖިންސީ ސިފަތައް އެކުލެވޭ، އަދި ބައެއް ފަހަރު މި ދެބައި އެކުލެވޭ" ފޮޓޯތަކެކެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑަށް ކަންބޮޑުވަނީ އެ އިރުޝާދުގައި ވަކި ކަމެއް ކުރަން ބުނެފައި ނުވި ނަމަވެސް، އޭއައި އަމިއްލައަށް އިސްނަގައިގެން އެކި ކަހަލަ ލޭއޮހޮރުވުންތަކާއި ޖިންސީ މަންޒަރުތައް ހިމެނޭ ފޮޓޯތައް އުފެއްދުމުންނެވެ.
ލަންކާސްޓާ ޔުނިވަރސިޓީގެ ކޮމްޕިއުޓިންގ ޑިޕާޓްމަންޓުގެ ޕްރޮފެސަރެއްގެ މަގާމުވެސް ފުރުއްވާ ގަރަގަން ވިދާޅުވީ، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
"މިއީ ބަލާލުމަށް ވަރަށް އާދައިގެ، އެއްވެސް ނުރައްކަލެއް ނެތް އިރުޝާދެއް. އެކަމަކު އޭގެ ނަތީޖާއަކަށް ވަނީ އިންތިހާއަށް ގޯސް މަންޒަރުތަކާއި ތަކެތި އުފެދިގެން ދިއުން،" އޭނާ ވިދާޅުވިއެވެ.
މައިންޑްގާޑް ކުންފުނީގެ މައިގަނޑު މަސައްކަތަކީ "ރެޑް-ޓީމިންގް" އެވެ. އެއީ އޭއައި މޮޑެލްތަކުގެ އަމިއްލަ އުސޫލުތަކާ ޚިލާފުވާނެ ގޮތްތައް ހޯދައި، އެކަންކަން ރަނގަޅުކުރުމަށް އޭއައި ކުންފުނިތަކަށް އެހީތެރިވުމެވެ.
މި މައްސަލަ ފުރަތަމަ ފާހަގަކުރި އެ ކުންފުނީގެ އޭއައި ސޭފްޓީ އެންޑް ސެކިއުރިޓީ ދިރާސާވެރިޔާ ޖިމް ނައިޓިންގޭލް ބުނީ، ޗެޓްޖީޕީޓީން އުފެއްދި މަންޒަރުތައް ފެނުމުން އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބި، ރޮވުނު ކަމަށެވެ.
ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ބޮލަށް ބޮޑު އަނިޔާއެއް ލިބިފައިވާ ފިރިހެނެކެވެ. އަދި އަނެއް ފޮޓޯއިން ފެންނަނީ ކުރު ސޯޓަކާއި ޓޮޕެއް ލައިގެން އޮތް މަރުވެފައިވާ ޒުވާން އަންހެނެކެވެ. އޭނާގެ މޫނާއި ހަށިގަނޑުގެ އެކި ތަންތަނުގައި ލޭ ހުއްޓެވެ.
މައިންޑްގާޑުން ބުނާ ގޮތުގައި އެ ފޮޓޯއިން ޖިންސީ އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. ޗެޓްޖީޕީޓީން އެ ފޮޓޯއަށް ދީފައިވާ ނަމަކީ "ނުރައްކާތެރި ކުށެއްގެ މަންޒަރުގެ ފަސްމަންޒަރު" އެވެ.
އިތުރު ފޮޓޯއަކުން ފެންނަނީ ކޮލެޖް ލޯގޯ ޖެހި ބާރު ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ޒުވާން އަންހެނަކު، ހަޑި ކޮޓަރިއެއްގެ ތެރޭގައި އައްސައި، އަނގަ ބަންދުކޮށްފައި ހުއްޓައެވެ. އޭނާ ހުރީ ވަރަށް ބިރުގަނެފައެވެ. ޗެޓްޖީޕީޓީން އެ ފޮޓޯއަށް ދީފައިވާ ނަމަކީ "ބިރުވެރިކަމާއި ހިފެހެއްޓުމެއްގެ ތެރޭގައި ދޫކޮށްލެވިފައި" އެވެ.
އުފެއްދި އެހެން ބައެއް ފޮޓޯތަކުގައި ޖިންސީ ގޮތުން ހުތުރު ސިފަތަކާއި ބަރަހަނާ މަންޒަރުތައް ހުރި ކަމަށް ބީބީސީ ރިޕޯޓުގައިވެއެވެ.
މި ފޮޓޯތަކުން ފެންނަނީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މީހުން ކަމަށް ވީނަމަވެސް، މައިންޑްގާޑުން ފާހަގަކުރި ގޮތުގައި، ހަގީގީ މީހުންގެ މޫނު ބޭނުންކޮށްގެން "ޑީޕްފޭކް" އޮރިޔާން ފޮޓޯ އުފެއްދުމަށްވެސް ޗެޓްޖީޕީޓީއަށް އޮޅުވާލެވިދާނެކަން ކުރީގެ ދިރާސާތަކުން ވަނީ އެނގިފައެވެ.
އޯޕަން އޭއައި އިން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް، ދިރާސާވެރިން ބުނީ އެހެން ގޮތަކަށް މަސައްކަތް ކޮށްގެން އަދިވެސް އެކަން ކުރެވޭ ކަމަށެވެ. އަދި އެގޮތަށް އުފެއްދި އާ ފޮޓޯއެއް އެމީހުން ވަނީ ބީބީސީއަށް ދައްކާފައެވެ.
ގަރަގަން ކަންބޮޑުވުން ފާޅުކުރެއްވި ގޮތުގައި، މި ނުރައްކާތެރިކަން އިތުރަށް ތަހުގީގުކުރި ނަމަ މިއަށްވުރެ މާ ގޯސް ފޮޓޯތައް އުފެއްދުމުގެ ފުރުސަތު އޮތެވެ. "އަހަރެމެން އިތުރު ވަގުތު ހޭދަކުރި ނަމަ، އެހެން ދާއިރާތަކުންވެސް މިފަދަ ކަންކަން ފެނުނީސްކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.
ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޯޕަން އޭއައި އިން ދަނީ އާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން، އެފަދަ އިރުޝާދުތަކަށް ފޮޓޯ އުފެއްދުން ހުއްޓުވުމަށްޓަކައި މޮނިޓަރކޮށް އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.
ޗެޓްޖީޕީޓީ ފަދަ ލާޖް ލެންގުއޭޖް މޮޑެލްތައް ތަމްރީނުކޮށްފައިވަނީ އިންޓަނެޓުގައި ހުންނަ މިލިއަނުން ގުނާލެވޭ ފޮޓޯތައް ބޭނުންކޮށްގެންނެވެ.
ނައިޓިންގޭލް ގަބޫލުކުރާ ގޮތުގައި ޗެޓްޖީޕީޓީން އުފައްދާ ތަކެތިން ދައްކުވައިދެނީ އެ މޮޑެލް ތަމްރީނުކުރުމަށް ބޭނުންކޮށްފައިވާ މައުލޫމާތުތަކެވެ.
"އަހަރެންނަށް ފެނުނު ފޮޓޯތަކަކީ އޭއައި އިން އުފެއްދި އެއްޗަކަށް ވިޔަސް، އޭގެ އަސްލު ގުޅިފައިވަނީ ހަގީގީ ފޮޓޯތަކާއި ހަގީގީ ދުނިޔެއާކަން އަހަރެންނަށް ފާހަގަކުރެވުނު،" އޭނާގެ ރިޕޯޓުގައި ލިޔެފައިވެއެވެ.
ދިރާސާވެރިން އެންމެ ފުރަތަމަ އޯޕަން އޭއައިއަށް މިކަން އެންގީ މެއި މަހުގައެވެ. ނަމަވެސް އޭރު އެ ކުންފުނިން ދިނީ އޮޓޮމޭޓެޑް ޖަވާބެކެވެ. ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި އެ އިރުޝާދު ބްލޮކްކުރަން މަސައްކަތް ކުރި ނަމަވެސް، އެއީ ފަސޭހައިން އޮޅުވާލެވޭނެ ކަމެކެވެ.
އޯޕަން އޭއައި އިން އިތުރު ފިޔަވަޅުތައް އަޅަން ފެށީ ބީބީސީން އެ ކުންފުންޏާ ގުޅުމުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެ ކުންފުނިން ބުނާ ގޮތުގައި، އުސޫލުތަކާ ޚިލާފު ފޮޓޯތައް ބޭނުންކުރާ މީހުންނަށް ފެނުނު ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ގިނަ ފަންތިތަކެއް ވަނީ ގާއިމުކޮށްފައެވެ.
"އަޅުގަނޑުމެން އޮޓޮމޭޓެޑް ސިސްޓަމްތަކާއި އިންސާނުންގެ އެހީގައި މިފަދަ ނުރައްކާތެރި ތަކެތި ދެނެގަނެ ބްލޮކްކުރަން،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އަދި ބޭނުންކުރާ މީހުން އަޕްލޯޑްކުރާ ތަކެތީގެ ތެރެއިން އުސޫލާ ޚިލާފު ތަކެތި ހުއްޓުވުމަށްވެސް ސިސްޓަމްތައް ހުންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޯޕަން އޭއައިގެ އުސޫލުތަކުގެ ދަށުން ޖިންސީ އަނިޔާ، ނުރުހުމުގައި އުފައްދާ ޖިންސީ ތަކެތި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މަންޒަރުތައް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ރެކެން ކުރާ މަސައްކަތްތަކަކީ މަނާ ކަންކަމެވެ.
ޗެޓްޖީޕީޓީ އަމަލުކުރަންޖެހޭ ގޮތުގެ އެންމެ ފަހުގެ ލިޔުމުގައި އޯޕަން އޭއައި އިން ބުނެފައިވަނީ، ސައިންޓިފިކް، ތާރީޚީ، ޚަބަރު، ނުވަތަ ފަންނީ ބޭނުމަކަށް މެނުވީ، ޖިންސީ މަންޒަރުތަކާއި، ގާނޫނާ ޚިލާފު ނުވަތަ ނުރުހުމުގައި ހިންގާ ޖިންސީ އަމަލުތަކާއި، އަދި އިންތިހާއަށް ބިރުވެރި ލޭއޮހޮރުވުންތައް ދައްކުވައިދޭ ތަކެތި ޗެޓްޖީޕީޓީން އުފައްދައިގެން ނުވާނެ ކަމަށެވެ.
ނަމަވެސް، އޭއައި މޮޑެލްތަކުން މިފަދަ އުސޫލުތަކާ ޚިލާފުވުން މުޅިން ހުއްޓުވުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ.
އޭއައި މޮޑެލްތައް ދިރާސާކުރާ މާހިރެއް ކަމަށްވާ ޑރ. ރޫމާން ޗައުދަރީ ވިދާޅުވީ، ކުންފުނިތަކަށް ކުރިމަތިވެފައިވަނީ "ފަރުބަދައެއް ފަދަ ބޮޑު" ގޮންޖެހުމެއް ކަމަށެވެ.
މައިންޑްގާޑްގެ ދިރާސާގައި ބައިވެރިނުވާ ޗައުދަރީ ވިދާޅުވީ، މިއީ "ބުޅަލާއި މީދަލުގެ ކުޅިވަރެއް" ފަދަ ކަމެއް ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަވާ ވަރަކަށް، އެ ފިޔަވަޅުތަކުން ރެކުމަށް ބޭނުންކުރާ އުކުޅުތައްވެސް ދަނީ ތަރައްގީވަމުންނެވެ.
މީގެ އެންމެ ބޮޑު އެއް މައްސަލައަކީ، އިންސާނުން ފަދައިން، އޭއައި މޮޑެލްތަކަށް އެމީހުން އުފައްދާ އެއްޗަކީ ކޮބައިކަން ނުވަތަ އެމީހުންނަށް ނުކުރަން އަންގާފައިވަނީ ކޮން ކަމެއްކަން ފަހުމްނުވުމެވެ.
"މޮޑެލްތަކަކަށް ނިޔަތެއް ނޭނގޭނެ. އޭގެ ފަސްމަންޒަރެއް ނޭނގޭނެ. އަދި ރަނގަޅާއި ނުބައި ނުވަތަ އަދަބު އަޚުލާގެއްވެސް އެއަކަށް ނޭނގޭނެ،" އޭނާ ބީބީސީ ނިއުސްއަށް ކިޔައިދިނެވެ.
ވޭތުވެދިޔަ އަހަރު، އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ޓެސްޓުކުރި ހުރިހާ އޭއައި ސިސްޓަމެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް މުގުރާލައި ނުރައްކާތެރި ކަންކަން ކުރެވޭނެ ގޮތްތައް ހުއްޓެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ ސައިންސް، އިނޮވޭޝަން އެންޑް ޓެކްނޮލޮޖީން ނެރުނު ބަޔާނެއްގައި ބުނީ، އޭއައި މޮޑެލްތަކުގެ ރައްކާތެރިކަން ރަނގަޅުވަމުން އައި ނަމަވެސް، އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އަދި އޭއައި މޮޑެލްތައް އާންމުކުރުމުގެ ކުރިން އޭގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި، އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓުން އުފެއްދުންތެރިންނާއެކު މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަސްދަރު: ބީބީސީ






