ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި
ޣައްޒާގެ 60 އިންސައްތަ ސަރަހައްދު މިހާރު އިޒްރޭލުގެ ބާރުގެ ދަށުގައި އޮތްއިރު، އެ އަދަދު 70 އިންސައްތައަށް އިތުރުކުރުމަށް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އަމުރުކުރައްވާފައި. މިއީ އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ނިންމުމެއް ކަމަށްވާއިރު، އިޒްރޭލުން ދަނީ ޣައްޒާގެ އިސްވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުން. މި ހަނގުރާމައިގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިފަ ޖެހޭގޮތަށް ހެދުން އަޅައިގެން ހުރި އެ ގައުމުގެ ވާތުފިޔައިގެ އެކްޓިވިސްޓަކު، އިރާނާއެކު ކުރަމުންދާ ހަނގުރާމައާއި އިޒްރޭލު ސަރުކާރާ ދެކޮޅަށް ތެލް އަވީވްގެ ހަބީމާ މައިދާނުގައި 2026 މެއި 9 ވަނަ ދުވަހު ބޭއްވި މުޒާހަރާއެއްގައި ބައިވެރިވަނީ. | ގެޓީ އިމޭޖަސް
ޣައްޒާގެ 70 އިންސައްތަ ސަރަހައްދު އިޒްރޭލުގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުގެ ދިފާއީ ބާރު (އައިޑީއެފް) އަށް އަމުރުކުރައްވާފައިވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، މިހާރު ހަމާސްއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށާއި، ޣައްޒާގެ 60 އިންސައްތަ ސަރަހައްދު މިހާރު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައި ކަމަށެވެ. ކުރިން 50 އިންސައްތައިގައި އޮތް ކޮންޓްރޯލް 60 އަށް އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާގެ އަމުރަކީ އެ އަދަދު އިތުރުކުރުން ކަމަށް ވިދާޅުވަނިކޮށް، އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު "100 އިންސައްތަ" އަށް ހެދުމަށް ގޮވާލިއެވެ.
އެކަމަށް ރައްދުދެއްވަމުން ނަތަންޔާހޫ ވިދާޅުވީ، ކަންކަން ކުރަންވާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކަމަށާއި، އެންމެ ފުރަތަމަ އަމާޒަކީ 70 އިންސައްތަ ކަމަށެވެ. އަދި ހުރިހާ ފަރާތަކުން ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދާ ކަމަށާއި، ބާކީ ތިބި ހަނގުރާމަވެރިންނާ މެދު ފަހުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދު ފުޅާކުރަމުންދާ މި ދިއުމަކީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލާއި ހަމާސްއިން އެއްބަސްވި، ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފު ކަމެކެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައި މިވަނީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ ނުސީދާ މަޝްވަރާތަކުގައި އިޒްރޭލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް ނާދެވި މަރުތަޅު އެޅިފައިވާ ދަނޑިވަޅެއްގައެވެ.
އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 738 މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސްއިން ހިންގާ ސިއްހީ ވުޒާރާއިން ބުނެއެވެ. އދ. އިން ގަބޫލުކުރާ ގޮތުގައި މި ހިސާބުތަކަކީ އިތުބާރު ހުރި ހިސާބުތަކެކެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމުގައި ޣައްޒާގެ 53 އިންސައްތަ ސަރަހައްދު އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް އޮތް ނަމަވެސް، މިހާރު އެ އަދަދު 60 އިންސައްތައަށް ވުރެ މައްޗަށް ޖައްސާފައިވާކަން ނަތަންޔާހޫ ވަނީ އާންމުކޮށް ދެއްކެވި ވާހަކަފުޅުތަކުގައި ކަށަވަރުކޮށްދެއްވާފައެވެ.
އެ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ސިފައިން ފަހަތަށް ޖެހިފައިވަނީ "ޔެލޯ ލައިން" ގެ ނަމުން ނަންދެވިފައިވާ ބޯޑަރާ ހަމައަށެވެ. އޭގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް 53 އިންސައްތަ ސަރަހައްދު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ.
20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުމުގައި ދެން އޮތް ފިޔަވަޅުތަކަކީ ހަމާސްގެ ހަތިޔާރު އަތުލުމާއި އިޒްރޭލުގެ ސިފައިން ޣައްޒާއިން ފޭބުމެވެ. ނަމަވެސް އިޒްރޭލާއި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ބުދަ ދުވަހު އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަމަލާގައި އިސްކޮށް އުޅުނު އެންމެން ނައްތާލުމަށް އެ ގައުމުން ވައުދުވެފައިވާ ކަމަށެވެ.
"ހަމާސްއަށް ޣައްޒާގެ މަދަނީ ނުވަތަ އަސްކަރީ އެއްވެސް ބާރެއް ނުހިންގޭނެ ކަމުގެ ޔަގީންކަން އަހަރެމެން ދެން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، "ޣައްޒާއިން އަމިއްލައަށް ހިޖުރަކުރުމުގެ މަޝްރޫއު" އެންމެ އެކަށީގެންވާ ވަގުތާއި ގޮތުގައި ތަންފީޒު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރް އާއި ފިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް ވަނީ ފަލަސްތީނު މީހުން ޣައްޒާއިން "އަމިއްލައަށް ހިޖުރަކުރުމަށް" މީގެ ކުރިން ބާރުއަޅުއްވާފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށެއް ކަމަށް ބެލެވޭ، މަޖުބޫރުން މީހުން ބޭރުކުރުމުގެ އަމަލަކަށް ވެދާނެ ކަމުގެ ބިރު އޮތް އިރު، އެ ދެ ފަރާތުން ބޭނުންވަނީ އެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވާށެވެ.
މި ހަފުތާގައި ވެސް ޣައްޒާއަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ބުދަ ދުވަހުގެ ރޭ ޣައްޒާ ސިޓީގެ އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި، ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 10 މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބުނެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ އުތުރުގައި ހަމާސްގެ އިސް ދެ ޓެރަރިސްޓަކަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާގެ އަމާޒަކީ ހަމާސްގެ ބެޓާލިއަން ކޮމާންޑަރު އިމާދު އަސްލީމް ކަމަށް ބެލެވޭއިރު، އޭނާއާއެކު އޭނާގެ ފުރާވަރުގެ ދަރިފުޅު އިސްރާ ވެސް ވަނީ ޝަހީދުވެފައެވެ.
ޣައްޒާ ސިޓީއަށް ދިން މި ހަމަލާ އައީ، ހަމާސްގެ އަސްކަރީ ގޮފީގެ އާ ވެރިޔާ މުހައްމަދު އޫދާ އާއި އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިން އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވިތާ އެއްދުވަސް ފަހުންނެވެ. އެ ހަމަލާގައި އިތުރު އަންހެނަކު ވެސް ޝަހީދުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، އަންގާރަ ދުވަހު ޚާން ޔޫނިސްގައި ދުއްވާފައި ދިޔަ ކާރަކަށް ދިން ހަމަލާއެއްގައި، ހަމާސްގެ ފައިސާގެ މުއާމަލާތްތަކާ ބެހޭ ވިއުގަޔާ ހަވާލުވެ ހުރި އިހާބް ޚްރިޒިމް އާއި، ހަތިޔާރު އުފެއްދުމުގައި އިސްކޮށް އުޅުނު ޔުނިޓް ކޮމާންޑަރު މުހައްމަދު އަލް ހަބަޝް މަރާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ.
2023 ވަނަ އަހަރު ހަމާސްއިން ދިން ހަމަލާގައި ގާތްގަނޑަކަށް 1,200 މީހުން މަރުވެ، 251 މީހުން ރަހީނުކުރިއެވެ. މިއީ ޣައްޒާ ހަނގުރާމަ ފެށުމަށް މެދުވެރިވި ސަބަބެވެ.
މީގެ ރައްދުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ވަރުގަދަ އަސްކަރީ ހަމަލާތަކުގައި، ފަލަސްތީނުގެ އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ. އަދި އެ ތަނުގައި ދިރިއުޅޭ 2.1 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ހަމާސްއިން ހިންގާ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 މޭ 12 އާ ހަމައަށް ޣައްޒާގައި 72,742 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 172,565 މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި މަދުވެގެން 21,283 ކުޑަކުދިން ހިމެނޭއިރު، އދ. އިން މި ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ކަމަށް ބަލައެވެ.
މަސްދަރު: ބީބީސީ







