ޓްރަމްޕް: އިޒްރޭލާއި ހިޒްބުﷲ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ
އިޒްރޭލާއި ހިޒްބުالله އިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ހިޒްބުالله އިން ހަމަލާދޭނަމަ ބެއިރޫތަށް ހަމަލާދޭނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދެއްވާފައި. ލުބުނާނުގެ އެމްބަސީން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ހުށަހެޅުމެއް ގަބޫލުކުރިކަން ހާމަކޮށްފައިވާއިރު، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައި. ނަމަވެސް، އީރާނާއެކު ކުރާ މަޝްވަރާތަކާ މެދު ޓްރަމްޕް ފަހުން ވަނީ ބައެއް ކަންބޮޑުވުންތައް ވެސް ފާޅުކުރައްވާފައި.

ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް (ސަދަން ސަބާބްސް) އަސްކަރީ ސިފައިން ނުފޮނުވާނެ ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި. | އޭޕީ
އިޒްރޭލާއި ހިޒްބުالله އިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފެނުނު ނަމަވެސް، އެ މަޝްވަރާތައް މިހާރު ބާރުމިނެއްގައި ކުރިއަށްދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ސިފައިން ނުފޮނުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. ހަމައެއާއެކު، ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް ހިޒްބުالله އިން ވެސް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އީރާނުގެ މަދަދުލިބޭ ހިޒްބުالله އާ ދެކޮޅަށް އިޒްރޭލުން ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތައް ފުޅާކުރުމާ ގުޅިގެން، މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތައް ތެހެރާނުން މެދުކަނޑާލާފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
"އިޒްރޭލުގެ ބޮޑުވަޒީރު ބިބީ ނަތަންޔާހޫއާއެކު ވަރަށް ކާމިޔާބު ފޯނު ކޯލެއް ކުރެވުނު. ބެއިރޫތަށް އިތުރު ސިފައިންނެއް ނުދާނެ، އަދި އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުންދިޔަ ސިފައިން ވެސް މިހާރު ވަނީ އަނބުރާ ފޮނުވާލާފައި،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
"ހަމައެފަދައިން، މަތީ ފަންތީގެ މަންދޫބުން މެދުވެރިކޮށް ހިޒްބުالله އާއެކު ވެސް ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް އެ ޖަމާއަތުން ވަނީ އެއްބަސްވެފައި. އެއީ އިޒްރޭލުން އެމީހުންނަށް ހަމަލާ ނުދިނުމަށާއި، އެމީހުން އިޒްރޭލަށް ހަމަލާ ނުދިނުމަށް،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކުރެއްވި އެހެން ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ބާރުމިނެއްގައި ކުރިއަށްދާ ކަމަށެވެ.
ނަމަވެސް، ބޮޑުވަޒީރު ނަތަންޔާހޫ ފަހުން ވިދާޅުވީ، ހިޒްބުالله އިން އިޒްރޭލަށް ހަމަލާދިނުން ނުހުއްޓާނަމަ ބެއިރޫތަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގާތު ވިދާޅުވި ކަމަށެވެ.
"މިރޭ ރައީސް ޓްރަމްޕާ ވާހަކަދައްކަމުން އަޅުގަނޑު ބުނިން، ހިޒްބުالله އިން އަޅުގަނޑުމެންގެ ރަށްތަކަށާއި ރައްޔިތުންނަށް ހަމަލާދިނުން ނުހުއްޓާނަމަ، ބެއިރޫތުގައި ހުރި ޓެރަރިސްޓް އަމާޒުތަކަށް އިޒްރޭލުން ހަމަލާދޭނެ ކަމަށް،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.
"މިކަމުގައި އަޅުގަނޑުމެންގެ ނިންމުމަށް ބަދަލެއް ނާދޭ. ހަމައެއާއެކު، ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ރާވާފައިވާ ގޮތަށް އޮޕަރޭޝަންތައް ކުރިއަށްދާނެ،" ނަތަންޔާހޫ އިތުރަށް ވިދާޅުވިއެވެ.
ވޮޝިންޓަންގައި ހުންނަ ލުބުނާނުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލާ އެކު "ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް" އެމެރިކާއިން ހުށަހެޅި ހުށަހެޅުމެއް ހިޒްބުالله އިން ގަބޫލުކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށްފަހު، މުޅި ގައުމުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ މެދު ޓްރަމްޕް ވަނީ ތަފާތު މޭރުމަކުން ވާހަކަދައްކަވާފައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ކުޑައިރުކޮޅެއް ކުރިން ސީ.އެން.ބީ.ސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނާއެކު ކުރާ މަޝްވަރާތައް ނާކާމިޔާބުވިޔަސް "ފަރުވާލެއް ނެތް" ކަމަށެވެ.
"އެ މަޝްވަރާތައް ނިމުނީނަމަ ނިމުނީ. ތެދަށް ބުނާނަމަ، އެ މަޝްވަރާތަކަކީ ވަރަށް ފޫހި ކަމެއްގެ ގޮތުގައި އަޅުގަނޑަށް މިހާރު ސިފަވަނީ،" ޓްރަމްޕް ސީ.އެން.ބީ.ސީ އަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުން މަޝްވަރާތައް މެދުކަނޑާލިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި، ނަމަވެސް "ތެދަށް ބުނާނަމަ، އަޅުގަނޑުމެންނަށް މާ ގިނައިން ވާހަކަދެއްކިއްޖެ ކަމަށް ގަބޫލުކުރެވޭ" ކަމަށް ވެސް ހޯމަ ދުވަހު އެން.ބީ.ސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.






