ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
މި ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓުނީ ވެކްސިން ހޯދުމުގައި ސަރުކާރުން އިހުމާލުވުމާއި ސިއްހީ ނިޒާމުގެ ބަލިކަށިކަމުގެ ސަބަބުން ކަމަށް ބުނެ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ އަމާޒުވެފައި. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޔުނިސެފްގެ އެހީތެރިކަމާއެކު މިހާރު ވަނީ މުޅި ގައުމުގައި ކުއްލި ވެކްސިން ކެމްޕޭނެއް ފަށާފައި.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބަންގްލަދޭޝް ނިއޯނޭޓަލް ހޮސްޕިޓަލް ލިމިޓެޑުގައި، 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކުޑަކުދިންތަކަކަށް ހިމަބިއްސަށް ފަރުވާދެނީ. އެ ގައުމުގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން، ވެރިރަށުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދުމަށް އެޑްމިޓްކުރާ ކުޑަކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. | ގެޓީ އިމޭޖަސް
އަކީރާއަކީ އަބަދުވެސް ކަންކަން ވަރަށް އަވަހަށް ދަސްކުރާ ކުއްޖެއް ކަމަށް އޭނާގެ ބައްޕަ އަލް އަމީން ފަޚުރުވެރިކަމާއެކު ބުންޏެވެ.
އުމުރުން އެންމެ 6 މަހުގައި އަކީރާ ވާހަކަ ދައްކަން ފެށިއިރު، 4 އަހަރު ފުރުނުއިރު އޭނާ ދިޔައީ އިނގިރޭސި ބަހުން ބައެއް ބަސްތައް ބުނަމުންނެވެ.
ވާހަކަ މެދުކަނޑާލުމަށްފަހު، އަސަރާއެކު އަލް އަމީން ބުންޏެވެ.
"ދެ ފަރާތުގެ އާއިލާގެ ފަރާތުންވެސް އޭނާއަށް ލޯތްބަކަށް އުނިކަމެއް ނާދޭ. އޭނާއަކީ އަހަރެމެން އެންމެންގެ ފުރާނަ."
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އާއިލާއާއެކު ދިރިއުޅޭ އަލް އަމީން ބުނި ގޮތުގައި، ހިިިިމަބިހި (މީސަލްސް) ވެކްސިން ފިޔަވައި އެހެން ހުރިހާ ވެކްސިނެއް އޭނާގެ ދަރިފުޅަށް ވަނީ ދީފައެވެ.
ހިމަބިހި ވެކްސިން ޖެހުމަށް އަކީރާ ހަތަރު ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ފުރަތަމަ ދެ ފަހަރު އަކީރާ ކުޑަކޮށް އަރިދަފުސް ރޯގާ ޖެހިފައި ހުރުމުން ވެކްސިން ނުޖަހައި ފޮނުވާލީއެވެ. އަލް އަމީން ބުނި ގޮތުގައި ސިއްހީ އެހީތެރިޔާ އެ ފަހަރު ބުނީ "ކަންބޮޑުނުވުމަށާއި، ކުއްޖާއަށް 5 އަހަރު ފުރެންދެން ވެކްސިން ޖެހޭނެ" ކަމަށެވެ. ތިންވަނަ އަދި ހަތަރުވަނަ ފަހަރު ގެންދިއުމުން ބުނީ ވެކްސިން ހުސްވެފައިވާ ކަމަށެވެ.
މާޗް މަހުގެ 8 ވަނަ ދުވަހު އަކީރާގެ ގައިގައި ހުން ހުރުމުން، އެއީ އާދައިގެ ހުމެއް ކަމަށް ހީކޮށް އަލް އަމީން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހާލަތު ރަނގަޅުވުމުން ގެއަށް ދޫކޮށްލި ނަމަވެސް، ފަހުން ހަށިގަނޑުގައި ބިހިތައް ނަގައި، ގަދައަށް ހުން އައިސް، އަނގަ ތެރޭގައި ފާރުތަކެއް އުފެދެން ފެށިއެވެ. އަލް އަމީން ބުނި ގޮތުގައި ޖުމްލަ ފަސް ފަހަރު އަކީރާ ހޮސްޕިޓަލުން ދޫކޮށްލައި އަލުން އެޑްމިޓްކުރަން ޖެހުނެވެ. އޭނާއަށް ހިމަބިހި ޖެހިފައިވާކަން ޑޮކްޓަރުން ބުނީ ފަސްވަނަ ފަހަރު އެޑްމިޓްކުރުމުންނެވެ.
އަކީރާގެ ހާލަތު ގޯސްވެ ލައިފް ސަޕޯޓަށް ލާންޖެހުނެވެ. އޭނާ މަރުވީ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ 27 ދުވަސް ފަހުންނެވެ.
ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗް މަހުން ފެށިގެން އެ ގައުމުގައި ހިމަބިހި ޖެހިގެން ނުވަތަ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލްކޮށް ފުރާނަތައް ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮޑު ވެކްސިން ކެމްޕޭނެއް ފަށާފައެވެ. އަދި ބަލި މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އީދު ބަންދު ޗުއްޓީވެސް ކެންސަލްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވިއެވެ.
އަލް އަމީން ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ބަލިޖެހުނީ ހޮސްޕިޓަލުގެ ތެރެއިން ކަމަށް އޭނާއާއި އޭނާގެ އަންހެނުންނަށް ގަބޫލުކުރެވޭތީ، އެކަމާ މެދު އަދިވެސް ތިބީ ހިތްހަމަ ނުޖެހިފަ އެވެ.
"ޓިކެޓް ކައުންޓަރުގެ ކިއޫއިން ފެށިގެން އެކްސް-ރޭ ރޫމާ ހަމައަށް ކޮންމެ ތަނެއްގައިވެސް ތިބީ ހިމަބިހި ޖެހިފައިވާ ބަލިމީހުން،" އޭނާ ބުންޏެވެ.
އަލް އަމީން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. އެއީ އޭނާގެ ދަރިފުޅަށް ވެކްސިން ނުލިބުމާއި، ބަލީގެ އަލާމާތްތައް ދެނެގަތުމުގައި ޑޮކްޓަރުން ނުކުޅެދުމުގެ އިތުރުން، ހިމަބިހި ޖެހިފައިވާ މީހުން އެހެން ބަލިމީހުންނާ ވަކިކޮށް ބޭތިއްބުމުގައި ހޮސްޕިޓަލްތަކުން އިހުމާލުވެފައިވާ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގައި ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 60،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ގިނަ ބައެއްގެ ލެބޯޓްރީ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބޭތީ، ބަލިޖެހުނު މީހުންގެ ސީދާ އަދަދު އަދި ކަށަވަރެއް ނުވެއެވެ.
ހިމަބިހީގެ ވައިރަހަކީ ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މިއީ ޚާއްސަކޮށް ވެކްސިން ނުޖަހާ ތިބޭ 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ބައްޔެކެވެ.
ބަންގްލަދޭޝްގެ ހޮސްޕިޓަލްތައް ފުރިފައިވުމުގެ ސަބަބުން، ބަލި ކުދިންނަށް ފަރުވާ ދޭނެ ޖާގައެއް ހޯދުމަށް މައިންބަފައިން އުފުލަމުންދާ ތަކުލީފުތަކުގެ ގިނަ ރިޕޯޓްތަކެއް ދަނީ ލިބެމުންނެވެ.
ޔުނިސެފުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، އެ ޖަމިއްޔާގެ ޓީމުތަކުން ހޮސްޕިޓަލްތަކަށް ކުރި ޒިޔާރަތްތަކުން ފެނުނީ ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލިމީހުން އިތުރުވެފައިވާ މަންޒަރެވެ. އަދި ބަލިމީހުން ވަކިކޮށް ފަރުވާދޭނެ ނިޒާމެއް ނެތް ހޮސްޕިޓަލްތަކުގައި އެކަންކަން ހަމަޖެއްސުމަށް ޔުނިސެފްގެ މުވައްޒަފުން އެހީތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.
ރަށްފުށުގެ ސިއްހީ މަރުކަޒުތަކުން އެކަށީގެންވާ ފަރުވާ ނުލިބޭތީ، ގިނަ ބަޔަކު ދަނީ ސިޓީތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް ދަތުރުކުރަމުންނެވެ.
އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ ޑިޒީޒް ކޮންޓްރޯލް އެންޑް ރިސާޗްގެ ކުރީގެ ޕްރިންސިޕަލް ސައިންޓިފިކް އޮފިސަރު ޑރ. މުޝްތާގް ހުސައިން ވިދާޅުވީ، ފަގީރުން އާންމުކޮށް ސަރުކާރު ހޮސްޕިޓަލްތަކަށް ދަނީ ބަލި ވަރަށް ބޮޑުވުމުން ކަމަށެވެ. އެއީ ބޭހާއި ޓެސްޓްތަކަށް އަމިއްލައަށް ޚަރަދުކުރަން ޖެހޭތީއެވެ.
ރަށްފުށުގެ ސިއްހީ ނިޒާމު ހަރުދަނާވެފައި އޮތް ނަމަ، ކުއްލި ފަރުވާއަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި ހުންނަވާ ޔުނިސެފްގެ އިސްވެރިޔާ ރާނާ ފްލާވާސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިހާރުގެ ހާލަތަކީ ހުރިހާ ގޮތަކުންވެސް ނުރައްކާތެރި ހާލަތެއް ކަމަށެވެ.
ބަލި ފެތުރުމުގެ ނުރައްކާ އިތުރުވި ސަބަބުތަކުގެ ތެރޭގައި، 2023 ވަނަ އަހަރުން ފެށިގެން ބައެއް ސަރަހައްދުތަކުގައި ގަވާއިދުން ޖަހަންޖެހޭ ވެކްސިން ނުޖަހާ ކުދިން ތިބުމާއި، ޑާކާ އަދި ކޮކްސް ބާޒާރު ފަދަ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި މީހުން ގިނަވުމާއި، ބަންދު ދުވަސްތަކާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ހިމެނޭ ކަމަށް ފްލާވާސް ވިދާޅުވިއެވެ.
ނަމަވެސް، އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވުނީ ވެކްސިން ހޯދުމަށް އޯޑަރު ދިނުމުގައި ލަސްތަކެއް ވުމެވެ.
2024 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރި ބޮޑު މުޒާހަރާތަކާ ގުޅިގެން، ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ޝައިޚް ހަސީނާ ވަނީ ގައުމު ދޫކޮށް ފިލާވަޑައިގެންފައެވެ. އޭގެ ފަހުން އިންތިގާލީ ސަރުކާރެއް އުފައްދައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އިންތިޚާބު ބާއްވާފައެވެ.
ޔުނިސެފުން ބުނާ ގޮތުގައި، އިންތިގާލީ ސަރުކާރުން ވެކްސިން ގަންނަ އުސޫލަށް ބަދަލު ގެނައުމަށް ނިންމުމާ ގުޅިގެން ވެކްސިން އޯޑަރު ކުރުމުގައި ލަސްތަކެއް ކުރިމަތިވިއެވެ. ވެކްސިން ހޯދުން ލަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން އިންތިގާލީ ސަރުކާރާއެކު 10 ފަހަރެއްގެ މަތިން ބައްދަލުވުންތައް ބޭއްވި ކަމަށް ފްލާވާސް ވިދާޅުވިއެވެ.
"އަޅުގަނޑު އިންތިގާލީ އެޑްވައިޒަރާއި މުވައްޒަފުންނާއެކު މަދުވެގެން 10 ފަހަރު ބައްދަލުކުރިން. އަޅުގަނޑުމެން ކަންބޮޑުވާ ކަމަށާއި، ވެކްސިން ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަކުރާރުކޮށް ބުނިން،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިންތިގާލީ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޕެޝަލް އެސިސްޓެންޓް މުހައްމަދު ސައިދުއްރަހްމާން ސޯޝަލް މީޑިއާގައި ވިދާޅުވީ، އިންތިގާލީ ސަރުކާރުގެ ދައުރުގައި ވެކްސިން ގަންނަ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.
އަދި ވެކްސިންގެ ކަންކަމުގައި ޔުނިސެފާއެކު ގަވާއިދުން މަޝްވަރާކޮށް، ގާތް ގުޅުމެއް ބޭއްވި ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
އެހެން ބައެއް މާހިރުން ބުނާ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން ޖެހުމަށް އައި މެދުކެނޑުމަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ.
"ކުރިން ސިއްހީ އެހީތެރިން ގެއިން ގެއަށް ގޮސް މައިންބަފައިންނަށް ވިސްނައިދީގެން ކުދިންނަށް ވެކްސިން ޖަހައިދޭ. ނަމަވެސް ކޮވިޑްގެ ތެރޭގައި ބަލި ފެތުރިދާނެތީ އެކަން ހުއްޓާލަން އެންގި. އަދި ބައެއް މައިންބަފައިން ވެކްސިން ޖަހަން ހޮސްޕިޓަލަށް ދިއުމުން ކޮވިޑް ޖެހިދާނެތީ ބިރުންވެސް ނުދިޔަ،" ޑރ. ހުސައިން ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝްއިން އޭޕްރީލް މަހުގެ ކުރީކޮޅު ވަނީ ކުއްލި ވެކްސިން ކެމްޕޭނެއް ފަށާފައެވެ. ޔުނިސެފުން ބުނާ ގޮތުގައި، މި ކެމްޕޭނުގެ ސަބަބުން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކުގައި ބަލިޖެހޭ މީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފައެވެ.
ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގައި ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ ބާރު އުފެދުމަށް ވަގުތު ނަގާތީ، މުޅި ގައުމުން މި ބަލި ކޮންޓްރޯލްވުމަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ.
ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ސަރުދާރު ސަޚާވަތު ހުސައިން ބީބީސީއަށް ވިދާޅުވީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ވެކްސިން ޖަހާތާ ތިނެއް ނުވަތަ ހަތަރު ހަފުތާ ފަހުން ކުދިންގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެދޭނެ. އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގައި އަދަދުތައް ދަށްވާނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އީދު ބަންދުގައި އާއިލާތަކުން އެކި ރަށްރަށަށް ދަތުރުކުރާއިރު ބަލި އިތުރަށް ފެތުރިދާނެތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ހާހުން ކުޑަކުދިން އެކުދިންގެ މައިންބަފައިންނާއެކު ސިޓީތަކުން ރަށްރަށަށް އަދި ރަށްރަށުން ސިޓީތަކަށް ދަތުރުކުރާނެ. އޭގެ ތެރޭގައި ހުން އައިސްފައި ތިބޭ ކުދިންނާއި ވައިރަސް ހުރި ކުދިން އެހެން ކުދިންނާ ބައްދަލުވާނެ،" ޑރ. ހުސައިން އިންޒާރު ދެއްވިއެވެ.
ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ބައެއް ފަރާތްތަކުން ގޮވާލި ނަމަވެސް، ހެލްތު މިނިސްޓަރު އެކަމަށް އިންކާރު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ޑިސްޓްރިކްޓް ފެންވަރުގެ ހޮސްޕިޓަލްތައް އޮތީ "ތައްޔާރަށް" ކަމަށާއި، އެކަހެރި ސަރަހައްދުތަކަށް އައިސީޔޫގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތަކާ މެދު އަޅުގަނޑު އެއްގޮތަކަށްވެސް ނުވިސްނަން. ބަންގްލަދޭޝްއަށް މި ހާލަތު ކޮންޓްރޯލް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައިވެސް، އަލް އަމީން އަދިވެސް ދަނީ އޭނާގެ ދަރިފުޅު އަކީރާ މަރުވިތާ ކިތައް ދުވަސްވީތޯ ގުނަމުންނެވެ.
"މިއަދުވެސް އޭނާގެ މަހާނަ ކައިރީގައި އިނދެ ގަޑިއިރަކަށްވުރެ ގިނައިރު އަހަރެން ރުއިން،" އޭނާ ބުންޏެވެ. އަދި ހިތާމައިގެ ސަބަބުން ނިދި ނުލިބޭތީ ޑޮކްޓަރު މިހާރު ނިދާ ބޭސް ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އެބަހުރި."
މަސްދަރު: ބީބީސީ





